އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީ އަދި ތުރުކީގެ ބޮޑުވަޒީރު އުރުދުޣާން

ދުނިޔެ

ތުރުކީ: ފެނާއި ސަލާމަތާއި ވިޔަފާރީގެ މަޝްވަރާތަކަށް އުރުދުޣާން އިރާގުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ދާނިޝް - މެދުއިރުމަތި | 23 އޭޕުރިލް 2024 , އަންގާރަ 08:48   700

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީއާ ބަޣުދާދުގައި ބައްދަލުކުރައްވައި، ސަލާމަތީ، އިގްތިސާދީ އަދި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

އުރުދުޣާން ވިދާޅުވީ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާ ދެކޮޅަށް ދެ ގައުމުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރެއްވި ކަމަށާއި އިރާގުން ޕީކޭކޭ އަކީ މަނާ ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅި ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އުރުދުޣާން ވިދާޅުވީ އިރާގުގެ ސަރަހައްދުގައި ޕީކޭކޭ ގެ ބައިވެރިވުން ވީހާވެސް އަވަހަކަށް ނިމުމަކަށް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ތުރުކީގެ ރައީސް ވިދާޅުވީ އިރާގުގައި ބޭއްވެވި ބައްދަލުވުންތަކުގައި ސަލާމަތީ ކަންކަމަށް އެއްބާރުލުން ދިނުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަކީ އެންމެ މުހިންމު އެއް އެޖެންޑާ އައިޓަމް ކަމަށެވެ.

ތުރުކީ ދައުލަތާ ދެކޮޅަށް އެތައް އަހަރެއް ވަންދެން ބަޣާވާތް ކުރަމުން އަންނަ އ އަންކާރާ އާއި ހުޅަނގުގެ ބައިވެރި "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި ބެލެވޭ ޕީކޭކޭއަކީ އިރާގުގެ އުތުރުގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ. 2019 ވަނަ އަހަރުން ފެށިގެން ތުރުކީން ވަނީ "ކްލޯ" ގެ ނަމުން ނަންދީފައިވާ ޕީކޭކޭއާ ދެކޮޅަށް އިރާގުގެ އުތުރުގައި ބޯޑަރު ހުރަސްކޮށް ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގާފަ އެވެ.

އިރާގުގެ ބޮޑުވަޒީރު ވިދާޅުވީ، ސަލާމަތާއި ހަކަތަ އާއި އިގްތިސާދީ އެއްބާރުލުން ބެލެހެއްޓުމަށް ސްޓްރެޓެޖިކް ފްރޭމްވޯކް އެއްބަސްވުމެއްގައި ދެ ފަރާތުން ސޮއިކޮށްފައިވާ އިރު، ފެނުގެ ވަސީލަތްތައް ބެލެހެއްޓުމާ ބެހޭ 10 އަހަރުގެ އެއްބަސްވުމެއްގައި އިރާގަށް އިންސާފުވެރި ހިއްސާ ލިބޭނެ ކަމަށެވެ.

އުރުދުޣާންގެ މި ދަތުރުފުޅުގައި ތުރުކީގެ ރައީސާއި އިރާގުގެ ބޮޑުވަޒީރު ވަނީ 17 ބިލިއަން ޑޮލަރުގެ ޑިވެލޮޕްމަންޓް ރޯޑް ޕްރޮޖެކްޓަކަށް އެއްބާރުލުން ދިނުމަށް ގައުމުތަކުގެ ކަމާގުޅުންހުރި ވަޒީރުން އިބްތިދާއީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައި ވާކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އުރުދުޣާން ވިދާޅުވީ އިރާގާއެކު ވިޔަފާރީގެ ދާއިރާއާއި ހަކަތައާއި ޞިއްޙީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އަންކާރާގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އުރުދުޣާންގެ އެއް ދުވަހުގެ މި ދަތުރުފުޅުގައި 24 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އުރުދުޣާން މީޑިއާ ތަކާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، އާނާގެ މި ދަތުރުފުޅާއި މިހާރު ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ ތުރުކީ އާއި އިރާގުގެ ގުޅުމަށް އާ ބަދަލެއް އަންނާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ތުރުކީގެ ލީޑަރު މީގެ ކުރިން ވަނީ އިރާގުގެ ރައީސް އަބްދުލް ލަތީފް ރަޝީދާ ބަޣުދާދުގައި ބައްދަލުކުރައްވާފައެވެ. އޭނާ ރަޝީދަށް ވިދާޅުވީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕީކޭކޭއާ ދެކޮޅަށް ކުރާ ހަނގުރާމައާ މެދު ތުރުކީން އިރާގާ މެދު އުއްމީދުތަކެއް ކުރާ ކަމަށާއި އިރާގުން ހުރިހާ ބާވަތެއްގެ ޓެރަރިޒަމުން ސަލާމަތްވާން ޖެހޭ ކަމަށެވެ.

އުރުދުޣާންގެ މި ދަތުރުފުޅު ކުރައްވާފައިވާ މިވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި އިސްރާއީލާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަންވެސް ފާހަގަ ކޮށްލެވެއެވެ.

ތުރުކީގެ ރައީސް ވަނީ މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވިޔަ ނުދިނުމަށް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަކަށް ގޮވާލައްވާކަން ތަކުރާރުކުރައްވާފައެވެ.

ތުރުކީއާއި އިރާގާ ދެމެދު 2023 ވަނަ އަހަރު 19.9 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އަގު ހުރި އިރު، 2022 ވަނަ އަހަރު 24.2 ބިލިއަން ޑޮލަރަށް ވުރެ ދަށްކަމަށް ތުރުކީގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ.

ނަމަވެސް 2024 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު ތުރުކީން އިރާގަށް އެކްސްޕޯޓް ކުރި މިންވަރު 24.5 އިންސައްތަ އިތުރުވެފައިވާއިރު އިމްޕޯޓް ވަނީ 46.2 އިންސައްތަ ދަށަށް ގޮސްފައެވެ.

ޓެގްސް: ތުރުކީ އިރާގު މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.