ޓެންޒޭނިއާ

ދުނިޔެ

ޓެންޒޭނިއާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ 58 މީހުން މަރުވެއްޖެ

ދާނިޝް - އެފްރުކާ | 16 އޭޕުރިލް 2024 , އަންގާރަ 10:26   529

ޓެންޒޭނިއާގައި ފާއިތުވި ދެ ހަފުތާގެ ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން 58 މީހުން މަރުވެފައިވާ ކަމަށް އެފްރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ޓެންޒޭނިއާގެ ސަރުކާރުން އިއުލާނުކުރީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭޕްރީލް މަހަކީ ޓެންޒޭނިއާގެ ވިއްސާރަ މޫސުމުގައި އެންމެ ބޯކޮށް ވާރޭ ވެހޭ ދުވަސްވަރެވެ. އަދި މިއަހަރު މޫސުން އިތުރަށް ގޯސްވެފައި މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އައިސްފައިވާ މޫސުމީ އެލްނީނޯ ފިނޯމެނަމްގެ ސަބަބުން ކަމަށްވެސް ޓެންޒޭނިއާގެ ސަރުކާރުން ބުނެއެވެ.

"އެޕްރީލް 1 އިން އޭޕްރީލް 14، 2024 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 58 މީހުން މަރުވި، އޭގެ ސަބަބުން ފެންބޮޑުވެއްޖެ،" ސަރުކާރުގެ ތަރުޖަމާނު މޮބަރޭ މަޓީނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ގައުމުގެ އައްސޭރިފަށުގެ ސަރަހައްދަކީ އެންމެ ބޮޑު ގެއްލުމެއް ލިބުނު ސަރަހައްދެއް ކަމަށެވެ.

އަދި މިހާތަނަށް 11 މީހަކު މަރުވެފައިވާ ގޮނޑުދޮށް ސަރަހައްދުގައި ފެންބޮޑުވުމުގެ ސީރިއަސް އަސަރުތައް ކުރަމުންދާ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ޓެންޒޭނިއާގެ ތަރުޖަމާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފެންބޮޑުވިޔަ ނުދިނުމަށް 14 ޑޭމް އެޅުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.

މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ޓެންޒޭނިއާގެ އުތުރުގައި ފެންބޮޑުވުމުގެ ސަބަބުން 63 މީހުން މަރުވި އިރު، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފަ އެވެ.

މިދިޔަ ހުކުރު ދުވަހު ވެސް އެ ގައުމުގެ އުތުރުގައި ފެންބޮޑުވެފައިވާ ގޮޅިއަކަށް ބަހެއް ވެއްޓި އަށް ސްކޫލް ދަރިވަރެއް ގެނބިގެން ވަނީ މަރުވެފަ އެވެ. އަދި މި ހާދިސާގެ ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރިވި ވޮލަންޓިއަރަކު ވެސް ވަނީ މަރުވެފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ޖުމްލަ 126،831 މީހުން ހާލުގައި ޖެހިފައިވާ ކަމަށް މަޓީނީ އިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ޓެންޒޭނިއާގެ އިގްތިސާދީ ވެރިރަށް ދާރުއްސަލާމްގެ ހުޅަނގުން ގާތްގަނޑަކަށް 200 ކިލޯމީޓަރު (124 މޭލު) ދުރުގައި އޮންނަ ގޮނޑުދޮށާއި މޮރޯގޯރޯ ސަރަހައްދުގެ 75،000 އަށް ވުރެ ގިނަ ދަނޑުތަކަށް ވަނީ ގެއްލުންވެފަ އެވެ.

އިރުމަތީ އެފްރިކާގެ އެހެން ހިސާބުތަކަށް ވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މިގޮތުން އަވަށްޓެރި ކެންޔާގައި ފެންބޮޑުވުމުގެ ސަބަބުން 13 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އުމްރާނީ ވަސީލަތްތައް ހަލާކުވެ، ފެންބޮޑުވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވެސް އެތަނަށް ދިއުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.

ވޯލްޑް ވެދަރ އެޓްރިބިއުޝަން ގްރޫޕްގެ ސައިންސްވެރިން ބުނެފައިވަނީ އިރުމަތީ އެފްރިކާއަށް ކުރި ވިއްސާރައަކީ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހާ ދެމެދު އެ ސަރަޙައްދުގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބޮލި ވިއްސާރަ ކަމަށެވެ.

ޓެގްސް: ޓެންޒޭނިއާ އެފްރިކާ ބައްރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.