މިއީ މިހާތަނަށް ހިނގި އެންމެ ބޮޑުއެއް ސްޓޭޑިއަމް ކާރިސާކަމުގައި ރިޕޯޓްތައް ބުނޭ

ހަބަރު

އިންޑޮނޭޝިއާގެ ފުޓްބޯޅަ ދަނޑެއްގައި ތޮއްޖެހި ހިނގި ހަމަނުޖެހުމުގައި 129 މީހުން މަރުވެ އެތައްސަތޭކަ ބަޔަކަށް އަނިޔާވެއްޖެ

ޒަހީން ޠާލިބް - ދުނިޔެ | 3 އޮކްޓޯބަރ 2022 , ހޯމަ 11:48   252

އިންޑޮނޭޝިއާގެ އިރުމަތީ ޖާވާގެ، މަލާންގްގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅުނު ފުޓުބޯޅަ މެޗެއް ބަލަން ތޮއްޖެހިގެން ވަދެފައިތިއްބާ، އަރެމާ އެފްސީ ވާދަވެރިން އަތުން ބަލިވުމުން، ހިނގި ނުތަނަވަސްކަމުގައި، 129 މީހަކު މަރުވެ، އެތައް ސަތޭކަ ބަޔަކަށް އަނިޔާވެއްޖެއެވެ.

އަދި މިހަމަނުޖެހުމުގައި ގިނަ ވެހިކަލްތަކަށް ގެއްލުންދީ ހަލާކުކޮށްލާފައިވެއެވެ. އޭގެތެރޭގައި ފުލުހުންގެ 10 ވެހިކަލެއް ވެސް ހިމެނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ދަނޑަށް އަރައިގަތް ސަޕޯޓަރުން މަތަކުރަންވެގެން، ފުލުހުން ކަރުނަ ގޭސް ޖަހަންފެށުމުންނެވެ. އެހިސާބުންބިރުވެރިކަން ފެތުރި، އެތައް ހާސް ބަޔަކު ކަންޖޫރުހާން ސްޓޭޑިއަމްގެ އެގްޒިޓްތަކާ ދިމާއަށް އަރައިގެން ގޮސް، ގިނަ ބަޔަކު ނޭވާ ހާސްވާން މެދުވެރިވިއެވެ

އެއް އެގްޒިޓް ގޭޓުގެ ކައިރީގައި ފާރު ތެރެއިން ތަޅައިގެން ގޮސްފައިވާ ވަޅަގަނޑަކުން ފެންނަންހުރިގޮތުގައި، މި ނުރައްކާތެރި ހާދިސާއިން ސަލާމަތްވުމަށް މީހުން ދިޔައީ މަސައްކަތްކުރަމުންނެވެ.

ފުޓްބޯޅަ މެޗުތަކުގައި އަނިޔާ ކުރުމަކީ އިންޑޮނޭޝިއާގައި އައު ކަމެއް ނޫން ކަމަށާއި، އަރެމާ އެފްސީ އާއި ޕަރސެބާޔާ ސުރަބާޔާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ބޮޑު ވާދަވެރިކަމެއް އޮންނަ ދެ ޓީމެކެވެ.

އިންޑޮނޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެސްއެސްއައި) އިން ބުނާގޮތުން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ. އަދި ބުނީ އެ ހާދިސާގެ ސަބަބުން "އިންޑޮނޭޝިއާގެ ފުޓްބޯޅައިގެ މޫނުމަތި ހަލާކުވެއްޖެ" ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މަޢްލޫމާތުތަކަށް ބަލާއިރު، ދަނޑުގެ ޖާގައަށް ވުރެ ގިނައިން މީހުން އެ މެޗަށް ވަދެފައިވެއެވެ. ދަނޑުގެ ޖާގަ އަކީ 38،000 މީހުން، ނަމަވެސް 42،000 ޓިކެޓު އެ މެޗަށް ދޫކޮށްފައިވެއެވެ.

އިންޑޮނޭޝިއާގެ މިފުޓްބޯޅަ މެޗްގެ ހާދިސާއަކީ ދުނިޔޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ސްޓޭޑިއަމް ކާރިސާއެވެ.

ދުނިޔޭގެ ފުޓުބޯޅައާއި ބެހޭ މައި އިދާރާ ފީފާއިން ވަނީ މިޢަމަލު ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ.

މިޚަބަރާއިގުޅޭ ވީޑިއޯ ފުޓޭޖް

ޓެގްސް: އިންޑޮނޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.