މިފްކޯގެސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު

ހަބަރު

ޕީސީބީއިން، 37 ދުވަހަށްފަހު، މިފްކޯގެ ސީއީއޯ ސަމާހުގެ ސަސްޕެންޝަން އުވާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 24 އޭޕުރިލް 2024 , ބުދަ 11:02   436

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބަލަމުންދިޔަ ޚިޔާނާތާއި ކަރަޕްޝަނުގެ މައްސަލަތަކެއްގައި، މިފްކޯގެސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދަށް އަޅާފައިވާ ސަސްޕެންޝަނުގެ ފިޔަވަޅުތައް އުވާލައިފިއެވެ.

ސަމާހު ސަސްޕެންޑްކޮށްފައިވަނީ މިދިޔަ މާޗްމަހުގެ 18 ވަނަދުވަހުއެވެ.

ސަމާހު މަޤާމުން އެކަހެރިކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ. ފުރަތަމަ އެކަހެރިކޮށްފައިވަނީ 14 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ފަހުން އަނެއްކާވެސް މުއްދަތު އިތުރުކޮށްފައިވެއެވެ. އެ ބޯޑުން މީގެކުރިން ބުނެފައިވަނީ ސަމާހު މަޤާމުން އެކަހެރިކުރެވުނީ، ސަމާހުއާއި ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް އެ ބޯޑަށް ހުށަހަޅާފައިވާތީ، އެކަންކަން ފުރިހަމައަށް ތަޙްޤީގްކުރުމަށްޓަކައިކަމަށެވެ.

ކުންފުނިތައް ހިންގުމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކާއި އުސޫލްތަކުން ބޭރުން ޢަމަލުކޮށްފައިވާ، ޖުމްލަ 12 މައްސަލައެއް ސަމާހުގެ މައްޗަށް ހުށަހަޅާފައިވެއެވެ.

މީގެތެރޭގައި، އޮނިގަނޑުން ބޭރުން މަޤާމްތައް އުފައްދައި ހެޑްހަންޓްކުރުމުގެ ނަމުގައި ގާތްމީހުން ކުންފުންޏަށް ވެއްދުމާއި، އޮނިގަނޑުން ބޭރުން ބާރުތައް ދިނުމާއި، ދަތުރުތަކުގައި ކަމާއި ނުގުޅޭ މީހުން ގެންދިއުމާއި، ބިޑްކޮމިޓީއަށް ނުފޫޒުފޯރުވަން ގާތްމީހުން ވެއްދުމާއި، މުވައްޒަފުން ނޫންމީހުން ކުންފުންޏަށް ވެއްދުމާއި، ރަސްމީ ނޫން ބޭނުންތަކުގައި ޢާއިލާމީހުން އޮފީހަށް ގެނައުމާއި، އިންޓާނަލް އޯޑިޓްގެ މަސައްކަތަށް ހުރަސްއެޅުން ހިމެނެއެވެ.

މިފްކޯއިން ވަނީ މިދިޔަ ފެބްރުއަރީ މަހު އެކުންފުނީގެ ރަސްމީ ސޯޝަލްމީޑިއާ ޕޭޖްތަކުން، ޕީއެންސީގެ ކެންޑިޑޭޓުން ކުންފުންޏަށް ގެނެސް ޕްރޮމޯޓްކުރުމުގެ ޙަރަކާތްތަކެއް ވެސް ހިންގާފައެވެ. ފަހުން، ޢާއްމުންގެ ނުރުހުމާއިއެކު އެ ޕޯސްޓްތައް އެ ޕޭޖްތަކުން ފޮހެލާފައިވެއެވެ.

އަދި މިފްކޯ އިން މަސްވެރިންނަށް ދޭންޖެހޭ ފައިސާނުދެވި، މުޒާހިރާއަށް މަސްވެރިން ނިކުތުމުން މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާދިނުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއްވެސް ހުށަހެޅިފައިވެއެވެ. ސަރުކާރުން ފަހުން ބުނެފައިވަނީ މަސްވެރިންނަށް ދޭންޖެހޭ ހުރިހައި ފައިސާއެއް ދައްކާ ޚަލާޞްކޮށްފައިވާކަމަށެވެ.

ސަމާހުގެ ސަސްޕެންޝަން އުވާލާފައިވާއިރު، އިތުރު ތަފްޞީލްތަކެއް ޕީސީބީއިން ވެސް އަދި މިފްކޯއިން ވެސް ހާމަކޮށްފައިނުވެއެވެ.

މިލިޔުމާއިގުޅޭ:

ބޮޑެތި ތުހުމަތުތަކަކާއިއެކު މިފްކޯގެ ސީއީއޯ މަޤާމުން އެކަހެރިކޮށްފި

ޓެގްސް: މިފްކޯ ޕީސީބީ ކޮރަޕްޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.