މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު

ހަބަރު

ބޮޑެތި ތުހުމަތުތަކަކާއިއެކު މިފްކޯގެ ސީއީއޯ މަޤާމުން އެކަހެރިކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 މާރޗް 2024 , އަންގާރަ 13:51   462

ބޮޑެތި ގިނަ ތުހުމަތުތަކެއް ފެންމަތިވުމާއިއެކު، މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު މަޤާމުން އެކަހެރިކޮށްފިއެވެ.

ސަމާހު މަޤާމުން އެކަހެރިކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ. އެކަހެރިކޮށްފައިވަނީ 14 ދުވަހުގެ މުއްދަތަކަށެވެ. އެ ބޯޑުން ބުނެފައިވަނީ ސަމާހު މަޤާމުން އެކަހެރިކުރެވުނީ، ސަމާހުއާއި ގުޅޭގޮތުިން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް އެ ބޯޑަށް ހުށަހަޅާފައިވާތީ، އެކަންކަން ފުރިހަމައަށް ތަޙްޤީގްކުރުމަށްޓަކައިކަމަށެވެ.

ކުންފުނިތައް ހިންގުމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކާއި އުސޫލްތަކުން ބޭރުން ޢަމަލުކޮށްފައިވާ، ޖުމްލަ 12 މައްސަލައެއް ސަމާހުގެ މައްޗަށް ހުށަހަޅާފައިވެއެވެ.

މީގެތެރޭގައި، އޮނިގަނޑުން ބޭރުން މަޤާމްތައް އުފައްދައި ހެޑްހަންޓްކުރުމުގެ ނަމުގައި ގާތްމީހުން ކުންފުންޏަށް ވެއްދުމާއި، އޮނިގަނޑުން ބޭރުން ބާރުތައް ދިނުމާއި، ދަތުރުތަކުގައި ކަމާއި ނުގުޅޭ މީހުން ގެންދިއުމާއި، ބިޑްކޮމިޓީއަށް ނުފޫޒުފޯރުވަން ގާތްމީހުން ވެއްދުމާއި، މުވައްޒަފުން ނޫންމީހުން ކުންފުންޏަށް ވެއްދުމާއި، ރަސްމީ ނޫން ބޭނުންތަކުގައި ޢާއިލާމީހުން އޮފީހަށް ގެނައުމާއި، އިންޓާނަލް އޯޑިޓްގެ މަސައްކަތަށް ހުރަސްއެޅުން ހިމެނެއެވެ.

މިފްކޯއިން ވަނީ މިދިޔަ ފެބްރުއަރީ މަހު އެކުންފުނީގެ ރަސްމީ ސޯޝަލްމީޑިއާ ޕޭޖްތަކުން، ޕީއެންސީގެ ކެންޑިޑޭޓުން ކުންފުންޏަށް ގެނެސް ޕްރޮމޯޓްކުރުމުގެ ޙަރަކާތްތަކެއް ވެސް ހިންގާފައެވެ. ފަހުން، ޢާއްމުންގެ ނުރުހުމާއިއެކު އެ ޕޯސްޓްތައް އެ ޕޭޖްތަކުން ފޮހެލާފައިވެއެވެ.

އަދި މިފްކޯ އިން މަސްވެރިންނަށް ދޭންޖެހޭ ފައިސާނުދެވި، މުޒާހިރާއަށް މަސްވެރިން ނިކުތުމުން މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާދިނުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއްވެސް ހުށަހެޅިފައިވެއެވެ. ސަރުކާރުން ފަހުން ބުނެފައިވަނީ މަސްވެރިންނަށް ދޭންޖެހޭ ހުރިހައި ފައިސާއެއް ދައްކާ ޚަލާޞްކޮށްފައިވާކަމަށެވެ.

ޓެގްސް: މިފްކޯ ޕްރައިވެޓައިޒޭޝަން ޕަބްލިކް ކުންފުނި ކޮރަޕްޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.