ބުދަ ދުވަހުގެ ހަވީރު މާލެއިން އައި ވަފްދަކާއިއެކު އައްޑޫ ސިޓީ މޭޔަރު، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޕްރޮޖެކްޓު ފެށުމުގެ އުފަލުގައި ބޭއްވުނު ޙަފްލާގެތެރެއިން

ހަބަރު

ރިބަން ކަނޑަން ކުރާ ބޭކާރު ޚަރަދު ހުއްޓާލައި، ނަތީޖާ ޙާޞިލްކުރާ މީހުންނަށް ވާން ވެއްޖެ!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 5 އޮކްޓޯބަރ 2022 , ބުދަ 20:58 2   295

އެއްކޮޅުން މިއީ އިޤްތިޞާދީގޮތުން ތަދުއްކަށި، ދަތި ދުވަސްވަރެކެވެ. ޑޮލަރެއް ލިބެނީކީ ނޫނެވެ. ތަކެތީގެ އަގު އެދަނީ އިންތިހާއަށް އުފުލެމުންނެވެ. ތެލުގެ އަގު ހުރީ އަތް ނުފޯރާފަށުގައެވެ. މުސާރަކޮޅުވެސް މިދެނީ ބޭރުގައުމުތަކުން ލޯނު ނަގައިގެންނާއި ފައިސާ ޗާޕުކޮށްގެންނެވެ.

ކަން މިހެން އޮތްއިރު ވެސް ސަރުކާރުން އިޤްތިޞާދުކުރަން މަސައްކަތްކުރާތަނެއް ނުފެނެއެވެ. ފެންނަނީ ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ލައްވައި ރައްޔިތުންގެ ފައިސާ ބޭކާރުކުރާތަނެވެ.

ޕްރޮޖެކްޓްތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުތަކަށް ކުރާ ޚަރަދުތައް މިއީ ހުއްޓާލަންޖެހިފައިވާ ޚަރަދުތަކެކެވެ. ޕްރޮޖެކްޓްތަކުގެ ބިންގާ އެޅުމާއި ރިބަން ކަނޑާލުމަށް އެކަނި، ދައުލަތުގެ ވެރިންގެ ދަތުރުތަކަށް، ހިނގާ ޚަރަދު، އެތައް އެތައް، މިލިއަނަކުން އަރައެވެ.

މޯލްޑިވިއަންގެ ދަރިނި ފޮތުގައި ޖައިގެން ޓިކެޓް ނެގިޔަސް، އެމްޓީސީސީގެ ލޯންޗްފަހަރަށް ބިލު ނުކުރިޔަސް، އަދި ވުޒާރާތަކުގެ ބަޖެޓުން ޚަރަދު ކުރިނަމަވެސް މިއީ ދައުލަތުގެ ޚަޒާނާއިން ކުރާ ޚަރަދުތަކެވެ. މިއީ ރައްޔިތުންގެ ފައިސާ ތިމާމެންގެ ޖާހާއި ޝައުކަތަށްޓަކައި، އަދި ސިޔާސީ ގޮތުން ނުފޫޒު ގަދަކުރުމަށްޓަކައި ބޭކާރުކޮށްލުމެވެ.

އަދި އަމުދަކުން މިއިން ރަސްމިއްޔާތަކަށް އެއިންތަނަކުން ރައްޔިތަކު ދަނީކީ ވެސް ނޫނެވެ. މީމީހުން އައިސް ރަށުތެރޭގައި ގިނަވެގެން އުޅޭއިރު ވެސް ރަށު ރައްޔިތުން ހަމަ ކަހާތަން ހިރުވާލާހެން ވެސް ހީނުވެއެވެ. ރައްޔިތުން ވެރިންގެ، މިފަދަކަންކަމަށް ސަމާލުކަންދީ ހިތްވަރުދީ އަތްޖަހަން ނުތިބޭއިރުވެސް ދޫދޭތަން ނުފެނެއެވެ.

އެކަމަކު ޢިއްޒަތްތެރި މޭޔާރާއި ބައެއް ކައުންސިލަރުންނަށް ހީފުޅުވެފައި އޮންނަނީ، މިފަދަ ބަޔަކު ރަށަށް އަތުވެއްޖިއްޔާމު ދުނިޔެ ރަންވެގެން އުޅޭހެންނެވެ. އެހެންޏާފަހެ ކުރާނެކަމެއް ނެތިގެން އުޅޭހެން ހީވާކަހަލައެވެ. ބަޖެޓްގައި ހުސްކޮށްލާނެ ލާރިކޮށްޅެއް ހުރީމައި ސައިފޮދު ވެސް ހަދަންވީއެވެ. ދެން އޭގެން ބަޔަކާއި އެކު ފަރިއްކޮޅެއް ވެސް ނަގަންވީއެވެ. މިއީ ވެސް ނާޗަރަނގީ ގަނޑުގެ ބަޔެކެވެ.

އެމްޓީސީސީ އިން މިއަދު އަނެއްކާ އާ ޕްރޮކެޓެއް އައްޑޫ ސިޓީ ހިތަދޫގައި އިފްތިތާޙްކުރަން އެތައް ބަޔަކަށް މާލެ ދެކޮޅު ޓިކެޓް ގަނެދިންއިރު، މިފަދަ ކިތައް ރިބަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނޑައި ޕްރޮޖެކްޓްތައް ވީތަނެއް ނޭނގި އެބައޮތްހެއްޔެވެ؟ ވިހި ތިރީސް މީހުންގެ ފައުޖަކާއި އެކު އައިސް ބޮޑު ރަސްމިއްޔާތެއް ބާއްވައި އަހަރެއްގެ ތެރޭގައި ނިންމަން ބުނި ހިތަދޫގެ ރަށު ބަނދަރު ވީ ކޮންތާކު ހެއްޔެވެ؟ ހަމައެގޮތަށް 50 މީހުންގެ ފައުޖަކާއި އެކު އައިސް އިފްތިތާޙްކުރި ރީޖަނަލް ބަނދަރު ޕްރޮޖެކްޓް ވީ ކިހާތާކުހެއްޔެވެ؟

އަނެއްކާ ވެސް ތަކުރާރުކޮށްލަމެވެ. އަހަރެމެންގެ ތެރޭގައި މިއޮތް ރިބަން ކަނޑައިގެންނާއި، ފޮޓޯކޮޅެއް ކަނޑާލައިގެން ހިތްހަމަޖެހުން ހޯދުމުގެ ސަގާފަތް މިއީ ހަމަ ޙަޤީގަތުގައި ވެސް ހުއްޓާލަންވެއްޖެ ސަޤާފަތެކެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް ޚިޔާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.