ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޢާއްމު ކޮމިޓީގައި ރިޔާސަތުން ވާހަކަފުޅުދައްކަވަނީ

ހަބަރު

ޖީއެސްޓީ ބޮޑުކުރުން، ޚިޔާލު ތަފާތުވެ ބޮޑު އަރާރުމަކަށް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 25 އޮކްޓޯބަރ 2022 , އަންގާރަ 09:57   281

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ޖީއެސްޓީ އާއި ޓީ-ޖީއެސްޓީ ބޮޑުކުރުމުގެ މައްސަލަ އަށް ޚިޔާލުތަފާތުވެ މެމްބަރުންގެ މެދުގައި ބޮޑު ބަހުސަކަށް ގޮސްފިއެވެ.

މިމައްސަލަ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ހުށަހެޅުއްވީ ކަމުގެ މާހިރުން ގެނެސް އިތުރަށް މަޝްވަރާކުރުމަށެވެ. އެއާއިއެކު ރިޔާސަތުން ވަނީ މިމައްސަލަ އިތުރަށް މަޝްވަރާކުރުމަށް ކަމުގެ މާހިރުން ގެންނަވާނެކަމަށް ވިދާޅުވެފައެވެ.

ކަމުގެ މާހިރުން ގެނެސް ސުވާލުކޮށް އޮޅުން ފިލުވަންޖެހޭ. އަޅުގަނޑު ވާނީ މިހާރު ސިޓީ އިން އެބޭފުޅުންނަށް ދަންނަވާފަ. މިތަނަށް އަޅުގަނޑު ދަންވާނަން މާހިރުން ގެންނަން. މިތަނަށް މިނިސްޓްރީ އޮފް ފިނޭންސް، ޗެމްބަރ އޮފް ކޮމާސް، މަޓީ، އަދި ގެސްޓްހައުސް އެސޯސިއޭޝަން ވަޑައިގަންނަވާނެ. މިކަން އޮޅުން ނުފިލުވާ އެކަންކުރެވޭނެ އެއްވެސް ގޮތެއް ނެތް.

~ ޢާއްމު ކޮމިޓީގެ މުޤައްރިރު، މުޙައްމަދު ނަޝީދު

އިތުރަށް ވާހަކަފުޅު ދައްކަވަމުން މުޤައްރިރު ނަޝީދު ވިދާޅުވީ، މިބިލު ހުށަހެޅުމުގައި ފުރިހަމަ ކުރަންޖެހޭ ޑިމޮކްރެޓިކް އިޖުރާޢަތުތައް ފުރިހަމަ ނުވާކަމަށެވެ. އަދި ސަރުކާރު ދަރަނިތައް ދެއްކުމަށް ޓެކްސް ބޮޑުކުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. ހަމައެހެންމެ، ޚަރަދުކުޑަކޮށް ދެމެހެއްޓެނިވިގޮތަކަށް ގައުމުގެ އިޤްތިޞާދު ހިންގަވަން މަސައްކަތްކުރައްވާތަން ފެނިވަޑައިނުގަންނަވާކަމަށެވެ.

"ޑިމޮކްރެޓިކް އިޖްރާޢަތުތައް ފުރިހަމަކުރުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބު" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި މިވަހާކަތައް މިމޭރުމުން އެތައްފަހަރަކު ވަނީ ތަކުރާރުކުރައްވާފައެވެ.

މިމައްސަލަ އަށް ބަހުސް ކުރެވެމުން ދިޔަ ގަޑީގައި ދޭތެރެދޭތެރެއިން ކޯރަމް ގެއްލިފައިވެއެވެ.

"ފިނޭންސް މިނިސްޓަރު އެބަ ވިދާޅުވޭ ހުރިހާ ކަމެއް ރަނގަޅޭ. ރަނގަޅުކަމަށް ވަންޏާ ކީއްވެތޯ ޓެކްސް ބޮޑު ކުރަންވީ" މާފަންނު އުތުރު ދާއިރާގެ މެމްބަރު ވިދާޅުވެފައިވެއެވެ.

"ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮތްވާ އެއްވެސް ސަރުކާރަކުން، ބުއްދިހުރި އެއްވެސް ސަރުކާރަކުން. އެއްވެސް ސަރުކާރަކުން ބޭނުމެއް ނުވޭ މުވައްޒަފުން މަދުކޮށް ޚަރަދުކުޑަކުރާކަށް." ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ވިދާޅު ވެފައިވެއެވެ. މިކާއިލް އިތުރުން ޢަލީ އާޒިމް ވަނީ މިބަލަށް ތާޢީދުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިބިލު ފާސްކުރުމަށްޓަކައި އެމްޑީއިން ވަނީ މީގެކުރިން ތްރީލައިން ވިޕެއް ނެރެފައެވެ. މިވިޕާއި އެކު އެމްޑީގެ ހުރިހާ މެމްބަރުންނަށް މިބިލަށް ވޯޓަށް އަހައިފިނަމަ ވޯޓު ދިނުމަށް މަޖުބޫރުވެގެންދާނެއެވެ.

ޢާއްމު ކޮމިޓީގެ ބައްދަލުވުން ނިންމާލީ ސައިގަޑިއަށް މެދުކަނޑާލަމުންނެވެ. އޭރު ރިޔާސަތުން ވިދާޅުވެފައިވަނީ އިތުރަށް މިމައްސަލަ ކުރިއަށް ގެންދަވާނީ މާހިރުންގެ ޙަޒިރުގައި ކަމަށެވެ.

އިޤްތިޞާދީ މާހިރުން ވިދާޅުވާގޮތުން، މިގޮތަށް ސަރުކާރުން ނިންމައިފިނަމަ ފަތުރުވެރިކަމަށާއި ޢާއްމު ދިރިއުޅުމަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. އަދި ޓެކްސް ބޮޑުކުރާނަމަ އޭގެ ސަބަބުން ޓޫރިޒަމް ގެ ސިނާޢަތަށް ކުރާނެ އަސަރުތައް ވެސް ރަނގަޅަށް ދިރާސާކުރަން ޖެހެއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.