އައްޑޫ ސިޓީގައި ހަދާފައިވާ އައްޑޫ ފުޓުބޯޅަ ދަނޑު، ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވަމުންދާތީ އާއި ޔޫތް މިނިސްޓްރިގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބެމުންނުދާތީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު އަށް އެސިޓީގެ މޫލެކެޑެ އޮޑައްސައު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ސަޢީދު ފާޑު ވިދާޅުވެ ނުރުހުންފާޅު ކުރައްވައިފިއެވެ.
2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖްކަޕް ވެސް ބާއްވާފައިވާ މި ސްޓޭޑިއަމް އަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި ބަޖެޓް ހެދިގެން ބެލެހެއްޓެމުން އަންނަން ޖެހޭތަނެކެވެ.
އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން ކައުންސިލާރ އަހުމަދު ސަޢީދު ވިދާޅުވީ، ތަކުރާރުކޮށް ކޮންމެ މަހަކުވެސް ރިޕޯޓްތައް ފޮނުވަމުންދާއިރު ކަމާއިގުޅޭގޮތުން، އެކަށީގެންވާ އިޖާބަ މިނިސްޓްރީއިން ދެއްވާފައިނުވާކަމަށެވެ.
ބަޖެޓް އޮންނަނީ މިނިސްޓްރީގައި. މިނިސްޓްރީން އެތަނުގައި 2 ގާޑުންނާއި ބަލަހައްޓަން އިތުރު ހަތަރު މުވައްޒަފަކު ބައިތިއްބާފައި ތިބިއެއްކަމަކު، އެތަނުގެ ޝީޓުން ލީކްވެ މުޅިތަނުގައި އޮންނަނީ ފެންބޮޑުވެފައި. ޢިމާރާތުގެ ބޮޑުބައިގައި ތަށިމުށިތައް ނެއްޓިފައި. ފާޚާނާތަކެއް ބޭނުމެއް ނުކުރެވޭ. ޢިމާރާތުގައި ކުލަކޮޅެއް ލީ ހަނދާނެއް ނުވެސްނެތް. ރޯލާރ އެއް ދޭން ބުނާތާ ވެސް މިހާރު އެތަކެއް ދުވަހެއް. ވިއްސާރަ ވެއްޖެިއްޔާމު މުޅިތަނުގައި ގުދަނެއްހެން ބާއްވަންޖެހެނީ ޕެލެޓް އަޅާފައި. މިއީ އައްޑޫގެ ރައްޔިތުންނަށް ޙައްޤުވާ މިންވަރުކަމުގައި ނުދެކެން.
~ ކައުންސިލާރ އަހުމަދު ސަޢީދު
ސަޢީދު އިތުރަށް ވިދާޅުވީ މިނިސްޓަރ ވަޑައިގެންނެވި އިރުވެސް، އަދި ސްޓޭޓް މިނިސްޓަރަށް ވެސް، ހަމަ އެހެންމެ މިނިސްޓްރީގެ އެކި ޑިޕާޓްމެންޓްތަކަށް ވެސް މިކަން އަންގަމުންދާކަމަށެވެ. އަދި ހަމަ އެގޮތަށް، މިނިސްޓަރު ވަޑައިގެންނެވިއިރު، ސްޓޭޑިއަމްގެ އަރިމަތިން ޓާފްދަނޑެއް ހަދައި ލައިޓް ޖަހައިދޭނެކަމަށް ރަށުގެ ޒުވާނުންނަށް ވަޢްދުވިކަމަށާއި އެވަޢުދުވެސް ފުއްދިފައިނުވާކަމަށެވެ.
މިކަމާއި ގުޅިގެން ޔޫތް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.
ހިތަދޫ ރަސްމީ ދަނޑުގެ މަސައްކަތް ވެސް ފަށާފައިވާއިރު، މިހާތަނަށް އައިއިރު މަސައްކަތްކުރިއަށް ނުގޮސް ލަސްވާތީ ޒުވާނުން ޝަކުވާކުރަމުނެވެ.
