ގެއްލުމުގައި ހިންގާ ގަންއެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި ބައިނަލްއަޤުމީ އެއަރލައިންސް، ސްރީލަންކަން

ހަބަރު

ގަން އެއަރޕޯޓް ނުހިންގިގެންއުޅެނީ ކީއްވެ؟ ޓާމިނަލް ބޮޑުކުރަން އަނެއްކާވެސް 458 މިލިއަން ރުފިޔާގެ ލޯނު!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 6 މާރޗް 2023 , ހޯމަ 11:01 1   426

އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ނަގާފައިވާ ލޯނުން 458 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ގަން އެއަޕޯޓުގެ ޓާމިނަލް ބޮޑުކުރަން އިންޑިއާގެ ކުންފުންޏަކާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި އާދީއްތަދުވަހު ވަނީ ސޮއިކޮށްފައެވެ.

މާލޭގައި އޮތް މިރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް ވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، މިމަންޒަރުތައް ވަގުތުން ދައުލަތުގެ ޓީވީ މެދުވެރިކޮށް ދުރަށް ދައްކާފައިވެއެވެ.

މިމަޝްރޫޢުގެ ދަށުން 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތްދެވޭނެކަމަށް ގަން އެއަރޕޯޓު ކުންފުނިން ބުނެފައިވާއިރު، ފޯރުކޮށްދޭން ބުނެފައިވާ ޚިދުމަތްތަކަކީ މާލޭ އިންޓަނޭޝަނަލް އެއަރޕޯޓުން ވެސް ނުލިބޭހާ ފުރިހަމަ ޚިދުމަތްތަކެވެ.

މީގެ ކުރިންވެސް ގަން އެއަޕޯޓުގައި މިފަދަ މަޝްރޫޢުތައް ފެށި އެތައްއެތައް ހުވަފެނެއް ރައްޔިތުންނަށް ދައްކާފައިވެއެވެ. ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ދެކޭގޮތުގައި، އައްޑޫ އެއަރޕޯޓު ނުހިންގިގެން އުޅެނީ ފެންވަރު ރަނގަޅު ޓާމިނަލެއް ނެތިގެނެއް ނޫނެވެ. ރެސްޓޯރެންޓާއި ޑިއުޓީފްރީ ފިހާރަތައް ނެތިގެނެއް ވެސް ނޫނެވެ. މީގެ ކުރިން ވެސް އެތައް ޑިއުޓީފްރީ ފިހާރައެއް ހަދަން ބޮޑެތި ޚަރަދުކޮށްފައިވާއިރު އޭގެއިން އެންމެ ތަނެއްގެ ބޭނުން ހިފިފައިނުވެއެވެ. ސުވާލަކީ ހަމަ އަނެއްކާވެސް، މާގިނަ އިތުރު ބަޔަކު އަންނާނެކަމަށް ބަލައި އިތުރު ޑިއުޓީފްރީ ފިހާރަތަކެއް ހަދަން ވީހެއްޔެވެ؟

ގަމުގައި ހުރި ހަމަ އެކަނި ރެސްޓޯރެންޓުން ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުނުކުރެވިގެން އުޅެނީ ޓާމިނަލެއް ނެތިގެން ހެއްޔެވެ؟ ނޫނީ އިތުރު ބަޔަކަށް ރެސްޓޯރެންޓެއް ހެދުނަ ނުދެވިގެން އުޅެނީ ވެސް ހަމަ ޓާމިނަލެއް ނެތިގެން ހެއްޔެވެ؟

އިންޑިއާ އެކިއެކި ކުންފުނިތަކަށް ސަރުކާރުގެ ހުރިހާ ބޮޑެތި ޕްރޮޖެކްޓްތައް ލޯނު އެއްބަސްވުންތަކުގެ ދަށުން ދީފައިވާއިރު، ރާއްޖެއަށް ކޮންމެ ދިމާލަކުން ލިބުނީ ކޮޅުކެއްސެވެ. މިހާތަނަށް ޙަވާލުކުރެވުނު އެންމެ ޕްރޮޖެކްޓެއް ނިންމިފައި ނުވެއެވެ. މަސައްކަތުގެ ފެންވަރު އެހާދަށެވެ. ވޭރިއޭޝަންތަކުގެ ނަމުގައި އިތުރު އެތައް ބިލެއް ހަދައި ޚަޒާނާ އެމީހުންނަށް ދީ ހުސްވެއްޖެއެވެ.

ގަން އެއަޕޯޓް ކުންފުނި މިއަދާއި ހަމައަށް ހިންގަމުން އަންނަނީ ގެއްލުމުގައި

2011 ވަނަ އަހަރު ޗަމްޕާ ކުންފުންޏަށް 30 އިންސައްތަ ޙިއްސާ ނުއަގުގައި ވިއްކާލާފައިވާއިރު، ޗަމްޕާ ކުންފުނިން ލޯނުނެގުމަށް ރަހުނު އެއްބަސްވުމުގައި ސޮއިކުރުން ފިޔަވައި ކުރެވުނު އިތުރުކަމެއް ނެތެވެ.

ގަމުގައި ސިޓީ ހޮޓަލެއްގެ ވާހަކަ އާއި ސީޕްލޭން ޓަމިނަލްއެއްގެ ވާހަކަ އަކީ ފެށުނީއްސުރެ ދައްކަމުން އަންނަ، އާ ވާހަކައެއް ނޫނެވެ. އެކަންކަން ކުރުމުގައި ޗަމްޕާ ކުންފުނިން އެއްވެސް ދައުރެއް އަދާނުކުރާތީ ރައްޔިތުންގެ ތެރެއިން އެތައްބަޔަކު އަންނަނީ އެކަމާއި ސުވާލުއުފައްދަމުންނެވެ. ޗަމްޕާ އަފީފު އާއި ޗަމްޕާ އުއްޗު އަދި އިބްރާހިމް ނޫރައްދީން އަކީ ރާއްޖޭގެ ޓޫރިޒަމުގައި ނަން މަޝްހޫރު ބޭފުޅުންނެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާގޮތުގައި އެމީހުން އައްޑޫގައި އިންވެސްޓް ނުކުރަނީ އެމީހުންނަށް ވެސް އެޔަގީންކަން ނެތީމައެވެ. އެކަމަކު ގަން ދޫނުކުރަނީ، އެތަން ޕްރޮޕަޓީއެއްގެ ގޮތުގައި ބާއްވަން ބޭނުންވާތީއެވެ.

ފިނޭންސް މިނިސްޓްރީއަށް ދީފައިވާ 50 އިންސައްތަ ޙިއްސާގެ ވެސް ހަމައެކަނި ބޭނުމަކީ ލޯނުނަގަން އެހީތެރިވެދިނުމާއި ރަހުނުކޮށްދިނުމުގައި އެހީތެރިވެދިނުމެވެ.

ޗަމްޕާ ކުންފުނީގެ ޙިއްސާގެ އިތުރުން ގަން އެއަރޕޯޓު ކުންފުނީގައި އެމްއޭސީއެލްގެ 10 އިންސައްތަ ހިއްސާދީ ބޯޑު މެމްބަރަކު ބެއިންދުމަކީ ވެސް މަންފާއެއް ލިބުނުކަމެއް ނޫނެވެ. ގަން އެއާޕޯޓަކީ މީގެކުރިން އެތައް ޖެޓްތަކެއް ޕާކްކުރަމުން އައިތަނެކެވެ. އެކަން އެމްއޭސީއެލް އަށް ވެސް އެނގި، މާލޭ އެއާޕޯޓުން ޖެޓްތަކަށްދޭ ޖާގަ ބޮޑުކޮށްދީ ހެދުމުން އައްޑޫ އެއަރޕޯޓަށް އަންނާނެ ޖެޓެއް ނުވިއެވެ. އޭގެ ކުރިން ޖެޓްތަކަށް ލިބޭ ލާރިކޮޅުން އެނިވެސް މުސާރަތައް ދެވެއެވެ.

ފަންނީ ޤާބިލް މީހުން ހިންގުމުގައި ނެތުން، އަދި ސިޔާސީ ވަޒީފާތައް ގިނަކުރުން

މިސަރުކާރު އައިފަހުން، ބޭކާރުގޮތުގައި ފައިސާ ނުލިބެނީސް ސިޔާސީ މަންފާއަށްޓަކައި އެތައް ބަޔަކަށް ބޮޑެތި މަޤާމްތައްދީ، ވަޒީފާތައް ގާތްގަނޑަކަށް ދެގުނަކޮށްފިއެވެ. ރައީސް ޔާމީން ސަރުކާރުގައި ވެސް ނުފޯރުވާހާ ބޮޑަށް ތަނުގެ ހިންގުމާއި ވަޒީފާތަކަށް ނުފޫޒު ފޯރުވާފައިވެއެވެ.

އެއަރޕޯޓެއް ހިންގުމަކީ ފަންނީ ކަމެކެވެ. ތަޖުރިބާ ވެސް ބޭނުންވާކަމެކެވެ. ފަންނީ ގޮތުންނާއި ހިންގުމުގެ ގޮތުން މާބޮޑު އިޚްލާޞްތެރި އެހީތެރިކަމަކަމެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިހާތަނަށް އައްޑޫ އެއަޕޯޓަށް ފޯރުކޮށްދީފައިނުވާއިރު، އެއަރޕޯޓު ހިންގުމުގައި ވެސް އެފަދަ މޫނުތަކެއް ފެންނާކަށް ނެތެވެ.

ފެނަނަން އޮތީ، މުޅިން ވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލްގެ އަމިއްލަ ނުފޫޒާއި އެޖެންޑާއެވެ. ހަންކެޑެ ބްރިޖާއި ހަންކެޑެ ރިސޯޓަކީ ވެސް މީގެތެރެއިން ބައެކެވެ.

ޕްލޭނެއް ނެތި ވިއްސި ވިހާލެވިފައި

1.5 މިލިއަން ޕެސެންޖަރުން ގެންނާނެ ވާހަކަ ކެނޑިނޭޅި ބުނަމުންދާއިރު، އެއީ ކިހިނެއްތް، ކޮންތަނަކުން ގެންނަ ޕެސެންޖަރުންތޯ މިހާތަނަށް ބަލައި ހޯދާފައި ނުވެއެވެ.

އެގެންނަ ޕެސެންޖަރުން ނުވަތަ ޓޫރިސްޓުންނަކީ ހަމަ މިހާރު މިތަރައްގީ ކުރާ ކޮޓަރިތަކުގައި ތިބެން ބޭނުންވާނެ މީހުން ހެއްޔެވެ. ތިހެންވިއްޔާ ހާދަ ރަނގަޅެވެ. ސަރުކާރާއި ނުލައި، އެއްވެސް އެހެން ރަށަކާއި ނުލައި އައްޑޫ ހިންގުނީއެވެ. ނަމަވެސް މިއީ ބުއްދި ޤަބޫލުނުކުރާ ޕްލޭނެކެވެ. އައްޑޫގެ ހިއްކާފައި ހަދާ އެއްވެސް ގުދްރަތީ ރީތި ދޮންވެލިގަނޑެއް ނެތް ތަނެއް ދެކިލަން ހާދަހާވާ ބައެކެވެ.

އަސްލު، އޮރިޖިނަލް ޕްލޭނުގައި އޮތީ އައްޑޫ ހަބެއްގެ ގޮތުގައި ތަރައްޤީކުރާ ވާޙަކައެވެ. އެކަމަކު މިހާރު އެޕްލޭން ވެސް ވަނީ އޮޅުވާލާފައެވެ. އެވާހަކަ އެއް މިހާރަކު އަމުދަކުން ނުދައްކައެވެ. އަނެއްކޮޅުން ހުވަދު އަތޮޅު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ކެނޑިނޭޅި އާދޭސް އެދަންނަވަނީ، އެތަނުގައި ބައިނަލް އަގުވާމީ އެއަޕޯޓެއް ހަދައި ދިނުމަށެވެ. އެތަނުގެ ރައްޔިތުން މިހާރު ދެން އެނޫންކަމެއް ބޭނުމެއް ނުވެއެވެ. އެމީހުން ބުނަނީ އައްޑޫ މީހުންނަށް ވާވަރަށް ވަގުތުދެވިއްޖެ ކަމަށާއި ދެން އެކަން ކުރާނީ އެމީހުން އަމިއްލައަށް ކަމަށެވެ.

އައްޑޫގައި މިދިޔަ ދެއަހަރު ވެސް އެންމެ ޕީކް ސީޒަނުގައި ވެސް، އީކުއޭޓަރ ވިލެޖް ފިޔަވައި އެއްވެސް ރިސޯޓެއް ވިޔަސް ގެސްޓްހައުސްއެއް ވިޔަސް ފުރިފައިނުވެއެވެ. އެހެންކަމުން އަދި އަދި ކިތަންމެ ގެސްޓްހައުން އަކާއި ހޮޓަލެއް ހިއްކައިގެން ހެދިޔަސް، ނުވަތަ ކިތަންމެ ވަރަކަށް ޓާމިނަލް ބޮޑުކުރިއަސް އައްޑޫއަށް ޓޫރިސްޓުން އަންނާނެގޮތެއް ވިސްނާވިސްނާ ނޭނގުނެވެ.

ނޯޓު : މިއީ ކިޔުންތެރިއަކު އޭނާގެ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް، އެކްސްޕްރެސް ނިއުސްއާއި ޙިއްޞާކޮށްފައިވާ ލިޔުމެކެވެ.

ޓެގްސް: ކޮލަމް ގަން އިންޓަނޭޝަނަލް އެއަރޕޯރޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.