އިންތިޒާމްކުރާ ފަރާތުން، ޙިފްޒު ޕްރޮގްރާމް ފެށުމަށް ބޭއްވި ޙަފްލާގައި ބައިވެރިންނާއި އެކު ފޮޓޯއަކަށް ހުއްޓިގެން

ހަބަރު

އައްޑޫސިޓީގައި ބޮޑެތި މީހުންނަށް ޚާއްސަ ޤުރްއާން ހިފްޒު ކްލާސްތަކެއް ފަށައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 ޖޫން 2023 , ބުރާސްފަތި 14:04   262

އައްޑޫސިޓީ ހިތަދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ކީރިތި ޤުރްއާން ޙިފްޒު ކުރުމުގެ ކްލާސްތަކެއް ފަށައިފިއެވެ. މިއީ ހިތަދޫގައި ހުންނަ އައިއާރް ޤުރްއާން ކްލާހާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރ އަޙްމަދު ސަޢީދު ގުޅިގެން ހިންގަން ފެށި ކްލާސްތަކެކެވެ. ބުދަ ދުވަހުގެރޭވަނީ ޙިފްޒު ކްލާސް ރަސްމީ ގޮތުން ހިންގަން ފަށާފައެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކްލާސް ފައްޓަވައި ދެއްވީ ހިތަދޫ ކައުންސިލަރ އަޙްމަދު ސަޢީދެވެ. ކްލާހުގެ އިފްތިތާޙީ ޖަލްސާގައި އަޙުމަދު ސަޢީދު ވިދާޅުވީ އައިއާރް ޤުރްއާން ކްލާހާއެކު ބޮޑެތި މީހުންނަށް ޙިފްޒު ކްލާސްތަކެއް ހިންގަންފެށީ އައްޑޫސިޓީން ކީރިތި ޤުރްއާން ޙިފްޒު ކުރުމަށް ގިނަ ބަޔަކު އެދިއެދި ތިބުމާއެކު އެފުރުޞަތު ފަހިކޮށްދީ ކީރިތި ޤުރްއާންގެ ޢިލްމު ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ މަޤްޞަދާއި އެކުގައި ކަމަށެވެ. މި ރަސްމިއްޔާތުގައި އައިއާރް ޤުރްއާން ކްލާހުގެ މަސްއޫލުވެރިޔާ ޙާފިޒް ޙުސެއިން ޢަލީ ވިދާޅުވީ މޫލެކެޑެ ދާއިރާގައި އައިއާރްގެ ޙިފްޒު ކްލާހެއް ފެށުމަށް އިޢުލާން ކުރި ހިސާބުން ފެށިގެން ގިނަ ބަޔަކު މިކަމަށް ޝައުޤުވެރިވި ކަމަށާއި އެއީ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"ޙިފްޒު ކްލާހުގެ އިފްތިތާޙީ ޖަލްސާ މިބޭއްވެނީ ކްލާހުގެ ކިޔެވުން ފެށިތާ ބަރާބަރު 1 މަސް ފުރޭރޭ. ތިޔަ ބައިވެރިން މިކަމަށް ތިޔަ ދެއްވާ ސަމާލުކަމާއި ކަމަށްކަމޭހިތުމުގެ ރޫޙުން ދައްކުވައިދީފި މިކްލާސް ކާމިޔާބު ކަމާއެކު ކުރިއަށް ގޮސް މަންޒިލް މަޤްސޫދަށް ވާސިލް ވާނެ ކަމަށް. ޙުސެން ޢަލީ.

ޙުސެން ޢަލީ ވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރި ކަމާއި އެއްބާރުލުމާއެކު ކުރިއަށް ދާ މި މަސައްކަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ އަދި މިކަމުގައި ސާބިތު ކަމާއެކު ދެމި ތިއްބެވުމަށް ބައިވެރިންގެ ކިބައިން އެދި ވަޑައިގެންފައެވެ.

ދިވެހި މުޖުތަމަޢުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް އައްޑޫސިޓީގައި ޙާފިޒުން އިތުރުކުރުމުގެ މަތިވެރި މަޤުޞަދުގައި އައިއާރް ޤުރްއާން ކްލާހުން ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ފެށި ޙިފްޒު ކްލާހުގައި 38 ބައިވެރިން ރަޖިސްޓްރީ ވެފައިވެއެވެ. މުޅިން ހިލޭ ހިންގާ މިކްލާހުގެ ކިޔެވުން ކުރިއަށްދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ހަފްތާ ބަންދު ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނާއި ރޭގަނޑުގެ ގަޑިތަކުގައެވެ. މިކްލާހުގެ ބައިވެރިން ، ޙިފުޒު ކުރުމާއެކު، ރީތި ރާގަށް ޤުރުއާން ކިޔަވަން ދަސްކުރުމަށް ބާރު އެޅުން އޮވެއެވެ. އޭގެ އިތުރުން ޢަރަބިބަހުގެ ގަޑި ނެގުމާއި ތަޖުވީދުގެ ހަމަތަކަށް ޤުރްއާން ކިޔަވަން ދަސްކޮށްދިނުން މި ޕްރޮގްރާމް ގެ ތެރޭގައި ހިމެނެއެވެ.

އައިއާރް ޤުރްއާން ކްލާހަކީ އައްޑޫސިޓީގެ ގިނަ ދަރިވަރުންތަކަކަށް ތަޖްވީދުމަގަށް ޤުރްއާން އުނގައިދޭ މަރުކަޒެއްގެ އިތުރުން އެތަނުގައި ކުޑަކުދިންނަށް ޚާއްސަ ޙިފްޒު ކްލާހެއްވެސް ކުރިއަށްދާއިރު މިއަހަރުގެ ތެރޭ އެކްލާހުގެ ދަރިވަރަކު ވަނީ ޤުރްއާން ޙިފްޒު ކޮށް ސަނަދު ޙާސިލްކޮށްފައެވެ.

މިލިޔުމާއި ގުޅޭ :

ވީޑީއޯ ފުޓޭޖް

ފޮޓޯތައް

ޓެގްސް: ކީރިތި ޤުރުއާން އައްޑޫ އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.