ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ޓިކެޓް، އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އަށް އަރުވައިފިއެވެ.
ޤާސިމްއާއި ޓިކެޓް ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ކާނިވާ ސަރަޙައްދުގައެވެ.
މިޖަލްސާ ކުލަގަދަގޮތެއްގައި ގެންގޮސްފައިވީ ނަމަވެސް، މީހުން ދިއުން ލަސްވުމުގެ ސަބަބުން ޖަލްސާ ފެށިފައިވަނީ 10 ޖެހިފަހުންނެވެ. ޖޭޕީގެ ފަރާތުން ވާހަކަ ދައްކަވަމުން ރިޔާޒު ރަޝީދު މީގެ ކުރިން ބުނެފައިވަނީ ޖަލްސާއަށް 4،000 އަށްވުރެ ގިނަ މީހުން ދާނެކަމަށާއި، ރަށްރަށުން މީހުން ގެނައުމެއް ނޯންނާނެކަމަށެވެ.
"އެންމެ އިސްކަމެއް ދޭނީ ރާއްޖެ ސަރަޙައްދަކަށް ބަހާލައި، ރާއްޖޭގެ އުތުރާއި ދެކުނުގައި އިގްތިސާދީ މަންޒިލެއް ގާއިމްކުރުމަށް. ދިވެހި ޒުވާނުންނަށް އެމީހުންގެ ހުނަރުން ޢާމްދަނީ ލިބޭނެމަގު ފަހިކުރާނަން." ރޭޖެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވެފައިވެއެވެ.

ރޭގެ ޖަލްސާ މިބާއްވާފައިވަނީ ރައީސް ޞޯލިޙް، ޤާސިމްގެ ކިބައިން އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވައި، އެމަނިކުފާނު އެއަށް ނޫނެކޭ ބުނެފައިވާފަހުންނެވެ. ޤާސިމް ރައްދުގައި ރައީސް ސޯލިޙްއަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަނާއިއެކު އޮތީ 5 އަހަރުގެ އެއްބަސްވުމެއް ކަމަށާއި އިތުރު ދައުރަކަށް ކޯލީޝަނުގައި ޖެޕީ އޮތުމަށް އެޕާޓީގެ މެމްބަރުން ނޭދޭކަމަށެވެ.