ކުރިއަށް އޮތް ބޮޑު ޢީދާއި ދިމާކޮށް އައްޑޫ ސިޓީ ކައުންސިލްގެ އިސްނެންގެވުމާއިއެކު، އުފާވެރިކަމުގެ ގިނަ ޙަރަކާތްތަކެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިޙަރަކާތްތަކާއި ގުޅޭގޮތުން މަޢްލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިޙަރަކާތްތަކަކީ ވަރަށް ކުރިއާއިލައި ރޭވިގެން ކުރިއަށް ގެންދާ ޙަރަކާތްތަކެއް ކަމަށާއި، ޢީދާއި ގުޅުވައިގެން އައްޑޫސިޓީ ހަ އަވަށެއްގައި ޖުމްލަ 13 ޙަރަކާތެއް ކުރިއަށް ގެންދާނެކަމަށެވެ.
މިޙަރަކާތްތައް ފެށުމުގެ ގޮތުން މާދަމާރޭ "އީދު މަޅިލުން" ޙަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާނެއެވެ. އަދި ޖެހިގެން އަންނަ ދުވަހު ބޮޑުޖަމާޢަތުގައި ޢީދު ނަމާދުކުރުން ވެސް އޮންނާނެކަމަށެވެ. ޢީދު ނަމާދުކުރުން އޮންނާނީ ހިތަދޫ ސިޓީ ސްކޮއާރ ގައެވެ.
"އައްޑޫ ޢީދު ސަމާ" އަކީ މިހާރު ބްރޭންޑެއް. އަޅުގަނޑުމެން ސިޓީ ކައުންސިލުން އަންނަނީ ކޮންމެ އަހަރަކު ވެސް މިއިވެންޓް ބާއްވަމުން. ދެން ކޮންމެ އަހަރަކުވެސް ކުރީއަހަރަށްވުރެ ކުލަގަދަކޮށް މިބާއްވަނީ. މިފަހަރުގެ އިންވެންޓްތަކުގައި ވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ފަންނާނުން ބައިވެރިވާނެ. ހަވާ އެރުވުމާއި އަލިފާނުގެ ކުޅިވަރުތައް ވެސް އޮންނާނެ.
~ އައްޑޫސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް
މިފަހަރުގެ ޢީދު ޝޯ އޮންނާނީ ޖުލައި މަހުގެ 1 ވަނަ ދުވަހު ހިތަދޫ ސްޓޭޖް ސަރަހައްދުގައެވެ. މިޝޯގައި އިންޑިއާގެ ސުޕަރސްޓަރ ކުޑަކުދިންގެ ލަވަމުބާރާތުގެ ތަރި މުޙައްމަދު ފާއިޒު ވެސް ބައިވެރިވާނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އޭނާގެ އިތުރުން މަޝްހޫރި ތަރި މެޒޯގެ އިތުރުން ގިނަ އެހެން ބޭންޑްތަކުގެ ޙަރަކާތްތައް ފެނިގެންދާނެއެވެ.

ޝޯގެ އިތުރުން ވެސް އައްޑޫއަށް ޚާއްޞަ ބޮޑުމަސް ބޭނުމާއި، އުލްޙިޔާ ކަތިލުން، ސިފައިންގެ ޕެރޭޑް، މަސްރޭސް، މިކްސް ފުޓްސަލް އާއި ވޮލީ، އަދި ޑޮޖްބޯލްގެ،ބައިބަލާ މުބާރާތެއްގެ އިތުރުން ޢާއިލީ ހަވީރެއް ވެސް އޮންނާނެކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.
އައްޑޫގައި ކޮންމެ އަހަރަކު ބޭއްވޭ ބޮޑުޢީދުގެ ޙަރަކާތްތައް ބަލާލުމަށާއި ޗުއްޓީ ހޭދަކޮށްލުމަށް މިދުވަސްވަރާއި ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަޢަދަދެއްގެ ބަޔަކު ޒިޔާރަތްކުރެއެވެ. އެހެންކަމުން މިދުވަސްވަރު ޖާގަ ހޯދުން ދަތިވެފައިވާތީ، ސިޓީކައުންސިލުން އަންނަނީ އިތުރު ފްލައިޓްތައް ބޭވުމަށް މޯލްޑިވިއަން އާއި މަޝްވަރާކުރަމުންކަމަށް މީގެކުރިން އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެފައިވެއެވެ.
މިޙަރަކާތްތަކުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސްއެވެ.