ޝޯގައި އިންޑިއާގެ ސުޕަރސްޓާރގެ ތަރީގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ފަންނާނުން ބައިވެރިވެފައިވޭ

ހަބަރު

ބޮޑުޢީދު، ރާއްޖޭގައި ބޭއްވުނު އެންމެ ފޯރިގަދަ ޝޯއާއިއެކު "އައްޑޫ ޢީދިސަމާ" ނިންމާލައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 2 ޖުލައި 2023 , އާދީއްތަ 20:45   2947

މިފަހަރުގެ ބޮޑު ޢީދު އެންމެ ކުލަގަދަ ގޮތެއްގައި ފާހާގަކޮށްފައިވަނީ އައްޑޫ ސިޓީގައެވެ. އައްޑޫގައި ބޮޑު ޢީދުގެ ކުޅިވަރުތައް ބާއްވާފައިވަނީ އައްޑޫ ޢީދި ސަމާ ގެ ނަމުގައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިސްނެންގެވުމާއިއެކު ހަތަރު ދުވަހަށް ދިގު މެދިގެން ދިޔަ މިކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް އެސިޓީގެ ހުރިހާ އަވަށްތަކެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ޙަރަކާތްތައް ފެށުނީ ހިތަދޫގައެވެ. އެއީ ޢީދު ވިލޭރޭގެ ޢީދު މަޅިންނެވެ. އޭގެ ފަހުން ޖަމާޢަތުގައި ޢީދު ނަމާދުކުރުމާއި ޢީދުސައި، އަދި އުލްޙިޔާކަތިލުން ހުރިހާ އަވަށެއްގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އިތުރު ޙަރަކާތްތަކުގެތެރޭގައި ތިން އަވަށެއްގައި ސިފައިންގެ ޕެރޭޑް ބޭއްވުމާއި، ބޮޑުމަސް ބޭނުމުގެ ޝޯ ހިތަދޫ ސިޓީ ސްކޮއަރގައި ބޭއްވުމާއި، މަރަދޫގައި މަސްރޭހަކާއި، ވާދެމުމާއި ބައިބަލާ، ފުޓްސަލް، ވޮލީ، ޓެކްބޯލް، އަދި ޑޮޖްބޯލް މުބާރާތްތައް ބޭއްވުމުގެ އިތުރުން ޢާއިލީ ހަވީރެއް ވެސް ބާއްވާފައިވެއެވެ.

މި ފަހަރުގެ ޢީދު ޙަރަކާތްތަކާއި ގުޅޭގޮތުން އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ ޢީދުގެ ޙަރަކާތްތައް ކުރިއަށް ދިޔަގޮތާއިމެދު ވަރަށްބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ އައްޑޫގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންވެސް ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް. ވަރަށް ބޮޑަށް ފާހަގަކުރަން ބޭނުންވޭ އަޅުގަނޑުމެންގެ ހުރިހާ އިވެންޓްތަކަށް ވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަކަން. މިފަދަ މުނާސަބު ވަގުތެއްގައި މިފަދަ ޙަރަކާތްތައް ބޭއްވުމުގެ ބޭނުމަކީ އަޅުގަނޑުމެންގެތެރޭގައި އޮތް ޢަޚްވަންތަކަން އާލާކުރުމާއި އިޖްތިމާޢީ ގުޅުންތައް ވަރުގަދަކުރުން.

~ އައްޑޫ ސިޓީ މޭޔަރ، ޢަލީ ނިޒާރު

ޢީދު ޝޯ

މިފަހަރުގެ ޢީދު ސަމާ ވެސް ނިންމާލާފައިވަނީ ހަވާ އެރުވުމާއިއެކު ބޭއްވުނު ފަންނާނުންގެ ކުލަގަދަ ޝޯއަކާއިއެކުއެވެ.

މިޝޯގައި ރާއްޖޭގެ ނަން މަޝްހޫރު ފަންނާނުންނާއި ބޭންޑްތައް ބައިވެރިވެފައިވެއެވެ.

ޚާއްޞަ މެޙްމާނެއްގޮތުގައި އިންޑިއާގެ ސުޕަރސްޓާރ ލަވަމުބާރާތް ކާމިޔާބުކުރި އެންމެ 14 އަހަރުގެ ލަވަކިޔުންތެރިޔާ މުޙައްމަދު ފާއިޒު ބައިވެރިވެފައިވެއެވެ. ޝޯ ނިންމާލާފައިވަނީ ހަވާއެރުވުމާއި އަލިފާނުގެ ޙަރާކާތުންނެވެ.

މިފަހަރުގެ ކުޅިވަރުތައް ބަލައިލުމަށް ގިނަ ޢަދަދެއްގެ ބަޔަކު އެހެން ސަރަޙައްދުތަކުން އައްޑޫ އަށް ޒިޔާރަތްކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ. ޢީދު ބަންދާއި ދިމާކޮށް މާލެއިން ގަމަށް ހުރިހާ ފްލައިޓްތައް ފުލްވެ ގިނަ ޢަދަދެއްގެ ފްލައިޓްތައް މޯލްޑިވިއަނުން ޝެޑިއުލްކޮށްފައިވެސް ވެއެވެ.

ގިނަ ބައެއްގެ ނަޒަރުގައި އައްޑޫގައި ބޭއްވުނު ޢީދުސަމާ ޙަރަކާތްތައް ވެގެން ގޮސްފައިވަނީ މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވޭފަދަ ކުލަ ގަދަ ޙަރަކާތްތަކަކަށެވެ. ޢީދު ޝޯ އާއި ދޭތެރޭ ވެސް ގިނަ ބަޔަކު ތިބީ ހިތްހަމަ ޖެހިފައެވެ.

މުޙައްމަދު ފާއިޒު ޝޯގެ ކުރިން ދީފައިވާ އިންޓަވިއު

ރޮބޯ މޭން އާއިއެކު ޢާއިލީ ހަވީރު

ބައިބަލާ މުބާރާތުގެ ތެރެއިން

މިލިޔުމާއި ގުޅޭ

ފޮޓޯ : ރޮބޯ މޭން / ޢާއިލީ ހަވީރު

ފޮޓޯ : ސިފައިންގެ ޕެރޭޑް

ޓެގްސް: ޢީދު ފާހަގަކުރުން އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.