ރައީސް ސޯލިޙް، އެފްއޭއެމް ރައީސް ބައްސާމް އަދި ޔޫތް މިނިސްޓަރު މަޚްލޫފް އާއިއެކު

ހަބަރު

އަހަރަކު 100މ ގެ ބަޖެޓެއް، ކަރަޕްޝަނާއި ސިޔާސީ އަވައިގައިޖެހި ރާއްޖޭގެ ފުޓުބޯޅަ ފުނޑާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 9 ޖުލައި 2023 , އާދީއްތަ 13:42   397

ސަރަހައްދީ ފުޓުބޯޅަ ޗެމްޕިޔަންޝިޕް، ސާފް ޗެމްޕިއަންޝިޕްގައި ގްރޫޕް ސްޓޭޖުން ދިވެހި ގައުމީ ފުޓުބޯޅަ ޓީމް ފުރަތަމަ ފަހަރަށް ކަޓުމާއި ގުޅިގެން ރާއްޖޭގެ ކުޅިވަރަށް ލޯބިކުރާ ގިނަބައެއްގެ ނުރުހުމާއި ފާޑުކިޔުން ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ ކަމުގައިވާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަމާޒުވެފައިވެއެވެ.

ފުޓުބޯޅައިގައި މީގެ ކުރިން ޙަރަކާތްތެރިވި ބައެއް އިސް ބޭފުޅުންތަކެއް ނިކުމެ "ސޭވް އެފް.އޭ.އެމް" ގެ ނަމުގައި އިހުތިޖާޖީ ކެމްޕޭނެއްވެސް ފަށާފައިވެއެވެ.

ފުޓުބޯޅަކުޅުމަކީ ފުލްޓައިމް ވަޒީފާއަކަށް ހެދުމާއި ވިޔަފާރި އުސޫލުން ލީގު އައުޓްސޯސްކޮށްގެން ހިންގުމަކީ މިސަރުކާރުގެ ފުޓުބޯޅަ ވަޢުދުތަކުގެތެރޭގައި ހިމެނޭކަންކަމެވެ. މިއީ ދުނިޔޭގެ އެހެންތަނުގައި ވެސް މިކަން ކުރާގޮތެވެ.

ސަރުކާރާއި ބޭރުގެ ފަންޑުތަކުން އަހަރަކު 100 މިލިއަން ދިވެހި ރުފިޔާގެ ބަޖެޓެއް އޮންނަ އެފްއޭއެމް އަށް ކްލަބްތައް ހިންގަން ޚަރަދުނުކުރެވިގެން އުޅެނީ ކީއްވެތޯ މިއީ އެބޭފުޅުން އުފައްދަވަމުންގެންދަވާ ބޮޑުސުވާލެވެ.

މީގެ ޖަވާބަކީ ކަރަޕްޝަނާއި ސިޔާސީ ބޭފުޅުންގެ ނާޖާއިޒު ނުފޫރު ފުޓުބޯޅަ ހިންގުމުގެ މައި އިދާރާގައި އޮތުންކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެފްއޭމް ހިންގާ ކޮމިޓީގައި ތިއްބަވާ ބޭފުޅުންނަށް ނާޖާއިޒު އެތައް ފައިދާއަކާއި ނުފޫޒެއް އޮތް އިރު، ފުޓު ބޯޅަ ކުޅޭ ކުޅުންތެރިންނާއި ކޯޗުންގެ މުސާރަތައް ނުދޭތާ އެތައް މަސްދުވަހެއް ފާއިތުވެފައިވެއެވެ.

އެފްއޭއެމްގެ ކުލިތަކާއި ކަރަންޓް ބިލްތައް ނުދައްކާ މައްސަލަވެސް ވަނީ ބޮޑު މައްސަލައަކަށް ވެފައެވެ.

މުސާރަ ނުލިބިގެން ޓީމުތަކަށް ޙައްޤުހޯދަސް ކޯޓަށް ދެވޭނެ މަގެއް ވެސް ނެތެވެ. ގޮސްފިނަމަ ފީފާއިން އެފްއޭއެމް ކުޅިވަރު މުބާރާތްތަކުން ސަސްޕެންޑް ކުރުމުގެ ފުރުޞަތުއެބައޮތެވެ. އަދި ދެމުން އަންނަ މާލީ އެހީތެރިކަން ކަނޑާލުމުގެ ފުރުޞަތުވެސް އެބައޮތެވެ. ނަމަވެސް ވިސްނާލަންޖެހޭ ނުކުތާއަކީ، ކޯޗުންނާއި ކުޅުންތެރިންނަށް މުސާރަ ނުލިބޭނަމަ ޕްރެކްޓިސްކުރާނެ ޖާގައެއް ނެތެވެ.

އެފްއޭއެމްގެ ޙާލަތު މިހާލަތަށް ވެއްޓިފައިވާއިރު ވެސް، އެތަނުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޔޫތް މިނިސްޓަރާއި ސަރުކާރުގެ އެއްވެސް ޙަރަކާތެއް މިކަމުގައި ފެނިފައިނުވެއެވެ. ސަމާލުކަމެއް ނުލިބެއެވެ.

ފުޓުބޯޅައިގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ފަރާތްތަކުން ދެކޭގޮތުގައި، ޔޫތް މިނިސްޓްރީއަށް މިކަމުގައި އަޅާނުލެވިގެން އުޅުއްވަނީ މިނިސްޓަރުގެ މައްސަލަތަކެއް ވެސް ނުބެލި ހިފެހެއްޓިފައިވާތީއެވެ. އެފްއެމްގެ މައްސަލަތަކާއި މިނިސްޓަރުގެ މައްސަލަތަކާއި ގުޅުމެއް ވާކަމަށް އެފަރާތްތަކުން ތުހުމަތުކުރެއެވެ.

ޓެގްސް: ދިވެހި ފުޓުބޯޅަ އެފްއޭއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.