ރައީސް މުޙައްމަދު ނަޝީދު ރައްޔިތުންނާއި ބައްދަލުކުރައްވާ ނިޒާމާއިގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވަނީ

ހަބަރު

ވެރިކަމުގެ ނިޒާމު އިސްލާހުނުކޮށް ކުރިއަށް ދެވޭނެ މަގެއް ނެތް!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 11 ޖުލައި 2023 , އަންގާރަ 19:54   358

ދިވެހިރާއްޖޭގައި 2005 އިން ފެށިގެން ފުޅާ ދާއިރާއެއްގައި ވެރިކަންކުރުމުގެ ނިޒާމު އިސްލާހުކުރުމުގެ މަސައްކަތްތަކެއްކުރެވިފައިވެއެވެ.

އަދި ހަމައެހެންމެ، އާޤާނޫނު އަސާސީއެއް ވުޖޫދު ކުރެވި ރައްޔިތުން ފޮނި އުއްމީދުތަކެއް ކުރިނަމަވެސް، އެދެވޭ ގޮތެއްގައި އިސްލާޙީ ހެޔޮ ބަދަލުތަކެއް ރައްޔިތުންނާއި ހަމައަށް ފޯރާފައި ނުވެއެވެ.

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް [މަޝްވަރާ އާއި މެޖޯރިޓީ ގެ] އުސޫލުތައް ވެރިކަމުގެ ނިޒާމު އޮތުމުގެ މުޙިއްމުކަމުގެ ވާހަކަ ކެނޑިނޭޅި ދައްކަވަމުން ގެންދެވި ހަމައެކަނި ބޭފުޅަކީ ރައީސް މުޙައްމަދު ނަޝީދެވެ.

މިމައްސަކަތުގެ ދަށުން ރައީސް ނަޝީދު އެންމެ ބޮޑަށް ވަކާލާތުކުރެއްވި އެއްކަމަކީ ލާމަރުކަޒީ އުސޫލުން ވެރިކަންކުރުމުގެ ވާހަކައެވެ. އެއާއިއެކު ރަށްރަށުގެ ކައުންސިލްތައް އުފެދިގެން އައެވެ. ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުމާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވުނެވެ.

ދެން ފެނިގެން ދިޔައީ އެމަނިކުފާނު ވެރިކަމުން ވައްޓާލިތަނެވެ. އޭގެފަހުން ގައުމު ހަލަބޮލިކަމަކަށް ދިޔައެވެ. ރައްޔިތުންނަށް ހެޔޮވެރިކަމަކީ ކޮންއެއްޗެއްކަން އޮޅޭގޮތަށް ދެންއައި ވެރިން އަނެއްކާވެސް މަސައްކަތް ފެށިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ފަހުން އައި ވެރިކަންތަކުން ދައްކަން މަސައްކަތްކުރަމުން އައީ ޑިމޮކްރެސީ އަކީ ދިވެހިންނާއި ބީރައްޓެހި އެއްޗެއްކަމަށާއި، ދީނުގެ އުސޫލްތަކާއި ފުށުއަރާ އެއްޗެއްގެ ގޮތުގައެވެ.

ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީޕާޓީ, އެމްޑީޕީ، ރައްޔިތުންގެ ތެރޭގައި މަޤްބޫލު ޕާޓީއަކަށް ވެގެންދިޔައީ ރައްޔިތުންނަށް ކުރިން ލިބިފައިނުވާ ދުލާއި ޤަލަމުގެ މިނިވަންކަން ލިބުމާއި، ޙައްޤުތައް ކަށަވަރުކުރުމުގެ ވާހަކަތަކާއި، އަދުލު އިންސާފާއި ހަމަހަމަކަމުގެ ވާހަކަތަކާއި، ދެފުށްފެންނަ ސިޔާސަތުތަކާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތަކުގެ ސަބަބުންނެވެ.

މިއަދު ފެންނަނީ އެފަދަ އުސޫލްތަކާއި ސިޔާސަތުތައް އެއްކިބާކޮށް ޚުދުމުޚްތާރު ވެރިންކުރުން އެއީ ރަނގަޅު ވެރިކަމުގެ ނިޒާމުކަމަށް ދައްކަން މަސައްކަތްކުރާތަނެވެ.

ފާއިތުވެދިޔަ 15 ވަރަކަށް އަހަރުތެރޭ ރައީސް މުޙައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އިތުރު އެއްވާހަކައެއް އެބައޮތެވެ. އެއީ އަދި ޤާނޫނު އަސާސީ ބަދަލުކޮށް ސިޔާސީ ޕާޓީތައް އުފެދުނެއްކަމަކު ނިޒާމު ފުރިހަމަ ނުވާކަމުގެ ވާހަކައެވެ.

ރައްޔިތުންގެ ރުހުން ނެތް ސިޔާސީ ނޫން ވަޒީރުބޭފުޅުން ސަރުކާރުގެ މަތީފަޑި ހިސޯރުކޮށްގެން ތިބޭތިބުން ނިމުމަކަށް އަންނަންޖެހޭ ވާހަކައެވެ. ޒަމާނީ އަދި ތަހުޒީބު ވެރިކަންކުރުމުގެ ނިޒާމުތަކުގައި ވެރިކަންކުރަން ތިބޭ ފަރާތްތަކަކީ ސީދާ ރައްޔިތުންގެ ރުހުމާއިއެކު ތިބޭ ފަރާތްތަކަށްވުން ބޭނުންތެރިކަމެވެ. އޭގެ ސަބަބުން ރައްޔިތުންނާއި ގުޅޭ ރައްޔިތުން އެދޭ ސިޔާސަތު އެކުލަވާލުމާއި ތަންފީޒުކުރުމަށް މަގުފަހިވެގެންދާ ވާހަކައެވެ.

މިހާރު މިއޮތް ނިޒާމަކީ، ރައްޔިތުންގެ ނަމުގައި ރައްޔިތުންގެ ރުހުން ނެތް ވަޒީރު ބޭފުޅުން، އެބޭފުޅުންނަށް ފެންނަ ގޮތަކަށް ދިވެހި ރައްޔިތުންގެ ނަމުގައި ބޮޑު ލޯނު ނަގައި ގައުމު ދަރަނިވެރިކޮށް ބިކަކޮށްލާ ނިޒާމެކެވެ. އެވަޒީރު ބޭފުޅުން ރައްޔިތުންނަށް އެލޯންތައް ނެގުމުގައި ޖަވާބުދާރީވާކަށް ނުޖެހެއެވެ.

ހަމަ މިއާއިއެކު ރައްޔިތުންގެ ރުހުން ނެތް ވަޒީރު ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުމުން، ރައްޔިތުން އެދޭގޮތްތަކާއި ފުށުއަރާކަން މިއީ މިއަދު ފެންނާން އޮތް ޙަޤީގަތެކެވެ.

ނިޒާމަށް ގެންނަން ޖެހޭ އިތުރު ބަދަލުތަކުގެ ތެރޭގައި މަޖިލީހުގެ މެމްބަރުންގެ ޢަދަދު މަދުކުރުމަކީ މުޙިއްމުކަމެކެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމަކަށް އާބާދީގެ ކޮންމެ 5،000 މީހަކަށް މަޖިލީސް މެމްބަރަކު ހުރުމަކީ ރައްޔިތުންނަށް ބޭއިންސާފެކެވެ. ބޮޑު އިސްރާފެކެވެ. އަދި ކަރަޕްޝަނަށް މަގުފަހިވާކަމެކެވެ. ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތިބެންޖެހެނީ ރާއްޖެ ޤުދުރަތީގޮތުން އުފެދިފައިވާގޮތަށް ރިޢާޔަތްކޮށް ސަރަޙައްދުތަކަކަށް ބަހާލައިގެންނެވެ.

މިވާހަކަތަކާއި މިހާރުގެ މެމްބަރުން އެއްބަހެއް ނުވާނެއެވެ. އެއީ އެބޭފުންނަށް އޮތް ފުރުޞަތެއް ގެއްލިދާނެކަމުގެ ބިރުހީވެއެވެ. އެއްގޮތަކަށް ވެސް ރައްޔިތުން ނޫނީ ޤައުމާއި ދޭތެރޭ ވިސްނައި ޤައުމަށް އެންމެ ރަނގަޅުގޮތަށް ބަލައި ހަދާފައެއް ނޫނެވެ.

ހަމަ މިއާއިއެކު އަންހެނުންނާއި އިޖްތިމާޢީގޮތުން ރައްކާތެރިކަން ލިބިދޭންޖެހޭ ފަރާތްތަކުގެ ބަސް ވެސް ރައްޔިތުންގެ މަޖިލީހުގައި ހިމަނެންޖެހެއެވެ. އެހެންކަމުން އެފަރާތްތަކަށް ވެސް ގޮޑިތަކެއް ޚާއްޞަވާން ޖެހެއެވެ.

ކޮންމެއަކަސް، ޑިމޮކްރެސީ ގޯސްކޮށް ދާނެ ވަކި އިތުރު ދިމާލެއް ނެތެވެ. ޑިމޮކްރެސީ ނުނަގާނަމަ ދެންވާނީ ޚުދުމުޚްތާރެވެ. ވަޤުތީ މަންފާއަކަށް ބަލައި ޤައުމުގެ މުސްތަޤްބަލް ދޫކޮށްލެވޭކަށްނެތެވެ. މިއީ ހެޔޮ ވިސްނަންވީ ވަޤުތެވެ. މިއީ، ދިވެހިރާއްޖެ އިސްލާޙްކުރަންވީ ވަޤުތެވެ.

ޓެގްސް: ޑިމޮކްރެސީ ސަރުކާރުހިންގުން ވެރިކަމުގެ ނިޒާމު ޢަދުލުއިންސާފު ޚިޔާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.