މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް

ހަބަރު

އައްޑޫ އަސްލަމް، ރަނިންމޭޓަކާއި މެދު ގޮތެއް ނުނިންމޭތީ ކޭމްޕޭނާއި ދުރަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 އޯގަސްޓު 2023 , ބުދަ 15:13 5   1358

ރިޔާސީ އިންތިޚާބުގައި ކެންޑިޑެސީ ފޯމް ހުށަހަޅަން އެންމެ ހަތަރު ފަސް ދުވަހަށް ވެފައިވާއިރު، ރައީސް ސޯލިޙްގެ ރަނިން މޭޓަކަށް ވުމުގައި އެދެވޭ އިޖާބައެއް ނުލިބޭތީ އަސްލަމް ނުރުހުން ފާލުކުރައްވައި ކެމްޕޭނާއި ދުރަށް ޖެހިވަޑައިގެންފިއެވެ.

މަޖިލީހުގައި ގާތްގަނޑަކަށް 18 އަހަރުވެފައިވާއިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމަށް އޮތް ތާޢީދަށް ވަނީ ފަނޑުކަމެއް އައިސްފައެވެ. އައްޑޫގެ ގިނަ ކަންކަމުގައި ގޮތް ކިޔާ އިސް ފަރާތެއްގެ ގޮތުގައި ހުންނަވައި އައްޑޫއަށް އެދެވޭ ހެޔޮ ރަނގަޅު ބަދަލު ނުގެނެވޭތީ ގިނަ ބައެއްގެ ނުރުހުން އަމާޒު ވެފައިވެއެވެ.

2019 ގެ މަޖިލީސް އިންތިޚާބުގައި އަސްލަމް ސަލާމަތްވެ ވަޑައިގެންނެވީ ރައީސް ނަޝީދުގެ ބޮޑު އެހީތެރިކަމަކާއިއެކު ހަނި އަޢުލަބިއްތަކުންނެވެ. އަސްލަމް އާއި އެއްކޮޅަށް ލިބުނު ވޯޓަށް ވުރެ އިދިކޮޅަށް ލިބުނު ވޯޓު އެއިންތިޚާބުގައި ވެސް ގިނަކަން ފާހަގަވެއެވެ.

މަޖިލީސް އިންތިޚާބު ނިމުމާއިއެކު އަސްލަމް ބޭނުންވެ ވަޑައިގެންނެވީ ރައީސް ނަޝީދުގެ އެހީތެރިކަމާއިއެކު މަޖިލީހުގައި ރައީސްކަން ކުރެއްވުމަށެވެ. ނަމަވެސް، އެކަމަށް ޚުދު ރައީސް ސޯލިޙް ނުރުހި ވަޑައިގެން ކެމްޕޭން ކުރައްވަން ފެއްޓެވިއެވެ. ރައީސް ސޯލިޙް އޭރު ވިދާޅުވަމުން ގެންދެވީ، ވަރަށް ގިނަ ދުވަހު އަސްލަމް އާއިއެކު މަސައްކަތް ކުރެވިއްޖެކަމަށާއި އެފަދަ މަޤާމަކަށް އަސްލަމް ކުފޫ ހަމަވެ ވަޑައިނުގަންނަވާ ކަމަށެވެ.

މައްސަލަ ޙައްލުކުރުމުގެ ގޮތުން ރައީސް ނަޝީދަށް ޖެހިވަޑައިގެންނެވީ އަމިއްލަފުޅަށް ރިޔާސަތާއި ޙަވާލުވެވަޑައިގަތުމަށެވެ.

މިކަން މިގޮތަށް ހިނގުމުން، އަސްލަމް އަށް ފެނިވަޑައިގެންނެވީ ރައީސް ނަޝީދުގެ އަމިއްލަ އެޖެންޑާއެއް އޮވެ އޮޅުވާލުމެއްގެ ތެރެއިން ދިން އަނިޔާއެއްގެ ގޮތުގައެވެ. ދެއްވި "ދޯކާ" އެއްގެ ގޮތުގައެވެ.

ދެން ފެނުނީ އޭމްޑީޕީ ތެރޭގައި އުފެދެން ފެށި އެތެރޭގެ ދެބަސްވުންތަކާއިއެކު، އަނެއްކާވެސް ރައީސް ސޯލިޙް ކޮޅަށް ބާރު ލިބޭގޮތަށް ވާހަކަފުޅު ދައްކަވަން ފެއްޓެވިތަނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދު އާއި އިދިކޮޅު މީހުން އެންމެ ގިނަ ޢަދަދަކަށް ޕާޓީގެ އިންތިޚާބީ ގޮނޑިތައް އިންތިޚާބުކުރަން މަސައްކަތް ކުރެއްވި ކަމަށާއ، އެމްޑީޕީގެ ޤައުމީ މަޖްލިސް ސަރުކާރަށް ހިސޯރުކޮށްދިނުމުގައި އަސްލަމްގެ ބޮޑު ޙިއްޞާއެއް އޮތްކަމަށް ރައީސް ނަޝީދަށް ތާޢީދުކުރާ ފަރާތްތަކުން ދެކެއެވެ.

އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ރައީސް ނަޝީދު ކަޓުވާލުމަށްޓަކައި މެމްބަރޝިޕް ލިސްޓަށް ބަދަލު ގެނައުމުގެ ތުހުމަތު ވެސް އަސްލަމަށް ކުރެވިފައިވާއިރު، ރައީސް ނަޝީދާއި އިދިކޮޅަށް ގިނަ ކެމްޕޭންތަކެއް ކުރެއްވިއެވެ.

މެމްބަރު އަސްލަމްގެ ހުށަހެޅުމަކަށް ވީ ދެން ހޮވޭ އެމްޑީޕީ ސަރުކާރެއްގައި ނައިބް ރައީސްކަން ކުރުމަށް ފުރުޞަތު ދިނުން ކަމަށް ޕާޓީގެ އެތެރޭގެ ބައެއް ސޯސްތަކުން އެކްސްޕްރެސް ނޫހަށް ކިޔައިދީފައިވެއެވެ.

ކޮންމެއަކަސް ސެމްޕްޓެމްބަރު 9 ގައި އިންތިޚާބު ބާއްވާއިރު، މިހާތަނަށް ސަރުކާރަށް، އެމްޑީޕީއަށް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ރަނިންގ މޭޓަކު ދެއްކިފައި ނުވެއެވެ.

ރައީސް ސޯލިޙް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރަނިންގ މޭޓަކު ކަނޑައެޅުމުގެ ކުރިން އަދިވެސް ވަޤުތު ބޭނުންވާކަމަށާއި، މިއީ ގޮތެއް ނިންމުމުގައި އެންމެ އުނދަގޫވާކަން ކަމަށެވެ.

ރައީސް ސޯލިޙްގެ ރަނިންގ މޭޓުކަމަށް ދައުވާކުރާ ފަރާތްތައް ގިނައެވެ. އޭގެ ތެރޭގައި މިހާރު ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން މަޖިލީހުގެ މެމްބަރު ޢަބްދުﷲ ޖާބިރު ވެސް ހިމެނިވަޑައިގަނެއެވެ.

މަޢްލޫމާތު ލިބޭގޮތުގައި ރައީސް ސޯލިޙް ބޭނުންވެ ވަޑައިގަންނަވަނީ ދެނުކުނަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުކެވެ.

ފައިސަލް ނަސީމް ސަރުކާރު ހިންގުމުގައި މާ ބޮޑު ދައުރެއް އަދާކޮށް ކާމިޔާބީތަކެއް ހޯއްދަވައިދެވިފައި ނުވިނަމަވެސް، އިޚްލާޞްތެރިއެއް ކަމަށް ރައީސް ސޯލިޙް ވިދާޅުވެފައިވެއެވެ.

އަސްލަމް އާއި ގުޅޭގޮތުން ރައީސް ސޯލިހް މިހާތަނަށް އެއްވެސް ޢިޝާރާތެއް ދެއްވާފައި ނުވެއެވެ.

ރައީސް ސޯލިޙް އެކި ރަށްރަށުގައި ބާރަށް ކެމްޕޭން ކުރައްވަމުން ދާއިރު، ފައިސަލް ނަސީމް ވެސް އަންނަނީ ކެމްޕޭނުގައި ބޮޑު ރޯލެއް އަދާ ކުރައްވަމުންނެވެ. މިއިން އެއްވެސް ރަސްމިއްޔާތަކުން ނުވަތަ އިވެންޓަކުން މެމްބަރު އަސްލަމް ފެނިފައި ނުވެއެވެ.

އަސްލަމަށް ރަނިން މޭޓަކަށް ނުނަގައިފިނަމަ އައްޑޫ އިން ސަރުކާރަށް ލިބޭ ތާޢީރު ވަރަށް ކުޑަވާނެކަމަށް އައްޑޫގެ ގިނަ ބަޔަކު ބުނެފައިވެއެވެ.

ޓެގްސް: އެމްޕީ އަސްލަމް ނައިބްރައީސް ފައިސަލް ނަސީމް ޚިޔާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.