ރައީސް ޔާމީންގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ހިނގަމުންދާއިރު، ރައީސް ޔާމީން އަށް ކުރިއަށް ދިއުމުގައި ހުރި މަގުތައް ވަރަށް ބޮޑަށް ހަނިވެއްޖެއެވެ.
މައިގަނޑު ގޮތެއްގައި ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާ ހުށަހެޅުއްވުމަކީ ނިހާއީ ހުކުމެއް ނެތް ކަމަށެވެ.
ނަމަވެސް، އެޓާނީ ޖެނެރަލް އޮފީހާއި އިލެކްޝަންސް ކަމިޝަނުން ބުނަނީ ރައީސް ޔާމީންގެ މައްޗަށް ސާބިތު ދަރަންޏެއް އެބައޮތް ކަމަށާއި، އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ދެވެން ނެތް ކަމަށެވެ.
3 ޖުލައި 2022 ގައި، ކްރިމިނަލް ކޯޓުގެ ޗިޓް ނަމްބަރާއި ޙަވާލާ ދެއްވައި މީރާ އިން ފޮނުވާފައިވާ ލިޔުމެއްގެ ކޮޕީ ވެސް އެޓާނީ ޖެނެރަލް އޮފީހުން ހުށަހަޅާފައިވެއެވެ.
ނަމަވެސް، ރައީސް ޔާމީން އަތް އުފުއްލަވައި ތެދުވެ ވަޑައިގެން އެފަދަ ލިޔުމެއް ލިބިވަޑައިގެންފައި ނުވާކަމަށް ވަނީ ވިދާޅުވެފައެވެ.

އެއް ފަނޑިޔާރު ޗުއްޓީގައި ހުންނެވީ. އަދިވެސް އެ ފަނޑިޔާރު ވަޑައެއް ނުގަންނަވާ. އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ފަނޑިޔާރުން މިކަމުގައި ގޮތެއް ނިންމަވާ އިރު، ހުރިހާ ކަމަކީ މަޖިލިސް ތެރެއިން ނިމޭނެ ކަމެއް ނޫން. ހުރިހާ ކަމަކީ ގާނޫނުގައި ލިޔާ ކަންތައްތަކެއް ނޫން.
~ ރައީސް ޔާމީން
އިތުރަށް ޝަރީޢަތުގެ މަޖިލީހުގައި ކުރީގެ ނައިބް ރައީސް ވަކީލެއްގެ ގޮތުގައި ވިދާޅުވީ ހައިކޯޓުގައި މައްސަލަ ޕާކްކޮށްފައި ބޭއްވޭގޮތަށް ޤާނޫނުތަކުން ޖާގަ ހޯދާފައި އޮތުމަކީ މިފަދަކަންކަން ސިޔާސީ ކުރުމަށް ކަމަށެވެ.
މިހާރުގެ ޤާނޫނުތަކުން ހައިކޯޓުން ވަކި މުއްދަތެއްގައި އިސްތިޢުނާފުގެ މައްސަލަތައް ނިންމުމަށް ކަނޑައަޅާފައި ނުވެއެވެ.
ދެން ޝަރީޢަތުގެ މަޖިލީހެއް ބާއްވާނީ ގޮތެއް ނިންމަން ކަމަށް ކަނޑައަޅައި މިއަދުގެ ޝަރީޢަތުގެ މަޖިލީސް ވަނީ ނިންމާފައެވެ.