މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން މުޙައްމަދު ނާޒިމް އާއިއެކު ރަނިންގ މޭޓެއްގެ ގޮތުގައި ޑރ. އަހުމަދު އަދީލް ނަސީރު ނިކުންނަވާނެކަމަށް އެޕާޓީއިން ބުނެފިއެވެ.
ޑރ. އަދީލް އަކީ އައްޑޫ ސިޓީ ހިތަދޫއަށް އުފަން ބޭފުޅެކެވެ. އައްޑޫގެ އެންމެ އާބާދީ ބޮޑު އެއް ސްކޫލް ކަމުގައިވާ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް ކުރިން ހުންނެވި އަދީލް ވަނީ ތަޢްލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރަވައި ތަފާތު އެކި ސްކޫލްތަކުގައި އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އާއި ކޮލެޖްތަކުގައި މަސައްކަތްކުރައްވާފައެވެ.
އޮސްޓްރޭލިއާ، މެލޭޝިއާ، ބުރުނާއީ އަދި ސްރީ ލަންކާ އިން ތަފާތު އެކި ދާއިރާތަކުން ތަޢްލީމާއި ތަމްރީން ހޯއްދަވާފައިވެއެވެ.
2019 މަޖިލީސް އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެމްބަރުކަމަށް ކުރިމަތިވެސް ލެއްވިއެވެ. ނަމަވެސް އެފަހަރު ގޮނޑި ކާމިޔާބު ކުރެއްވީ މިހާރުގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ.

އެމްއެންޕީ ގެ ރަނިންގ މޭޓް ތަޢާރަފްކޮށް ރިޔާސީ އިންތިޚާބަށް ނިކުންނަކަން ޢާއްމުކޮށް އަންގައި އިޢްލާން ކުރުމަށްޓަކައި ބިލަބޮންގ ހައި ސްކޫލްގައި، މިރޭ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް އެޕާޓީން ނިންމާފައިވެއެވެ.