2019 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބުގައި އަސްލަމްގެ ކެމްޕޭން ޙަރަކާތެއްގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ

ހަބަރު

އެމްޑީޕީ، އެންމެ ފަހުން ރަނިންގ މޭޓުކަން އައްޑޫ އަސްލަމަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 އޯގަސްޓު 2023 , ހޮނިހިރު 14:31 1   334

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ނިކުންނާނެ ރަނިންގ މޭޓެއް ކަނޑައެޅުމުގައި ރައީސް ސޯލިޙް އަށް އުނދަގޫފުޅުކަމަށް ވެފައިވަނިކޮށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ހަމަޖައްސަވައިފިއެވެ.

ރަސްމީކޮށް އަސްލަމް ވެސް އަދި ރައީސް ސޯލިޙް ވެސް މިކަން ކަށަވަރުކޮށްދެވާފައި ނުވެއެވެ. ނަމަވެސް، ފައިސަލް އަށް މިހާރު ރަނިންގ މޭޓްކަން ނުދެއްވާކަން ރައީސް ސޯލިޙް އަންގާފައިވާކަމަށް މަޢްލޫމާތު ލިބެއެވެ.

މި ނިންމުމާއިއެކު މިހާރު އަސްލަމް ގެންދަވަނީ ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހެޅުމަށް ތައްޔާރުވަމުންކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.

ކުރީގެ އައްޑޫ މޭޔާރ ޢަބްދުއﷲ ސޯދިޤް (ސޯބެ) އާއި އަސްލަމް ސިޔާސީ ދާއިރާއަށް ނިކުންނެވީ އެކުއެކީގައެވެ. ސޯބެ ވަނީ ނިމިދިޔަ ކައުންސިލް އިތިޚާބުގައި ބޮޑު ތަފާތަކުން ބަލިވެފައެވެ. އަދި އަސްލަމް ވެސް މަޖިލީހުގައި އިންނަވާތާ ގާތްގަނޑަކަށް 18 އަހަރު ވެފައިވާއިރު، ފަހަކަށް އައިސް އަސްލަމްގެ މަޤްބޫލުކަން ވަނީ ހިތަދޫ ގައި ވަރަށް ބޮޑަށް ފަނޑުވެފައެވެ. އަދި އެހެން ރަށް ރަށުން ވެސް އަސްލަމް އަށް އޮތީ ފިނި ތަރުޙީބެކެވެ.

ރައީސް ސޯލިޙް މިފަދަ ނިންމުމެއް މިނިންނެވީ އިންޑިއާ އިން މިނިސްޓަރު ޢަބްދުއްﷲ ޝާހިދު ނެގުމަށް ބާރު އަޅަމުންދާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ. އަދި ނައިބް ރައީސް ފައިސަލް އާއި ގުޅޭގޮތުން ވެސް ގިނަ ރަނގަޅު ބަސް ވިދާޅުވުމަށް ފަހުއެވެ. ފައިސަލް ވަނީ ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެން އެމްޑީޕީ އާއި ގުޅި ގިނަ ކެމްޕޭން ޙަރަކާތްތަކުގައި ވެސް ބައިވެރިވެފައެވެ.

ރަނިންގ މޭޓުގެ މައްސަލައިގައި ހިތްހަމަނުޖެހި ވަޑައިގެން، އަސްލަމް ދުވަސްކޮޅަކަށް ކެމްޕޭނާއި ދުރަށް ޖެހިވަޑައިގެންނެވިކަމަށް ވެސް މިޑިއާގައި ވާހަކަ ދެކެވިފައިވެއެވެ.

އެމްޑީޕީ އިން ރަނިންމޭޓެއްގެ ގޮތުގައި އަސްލަމް ނެރޭއިރު، ދަ ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ނިންމާފައިވަނީ ވެސް އައްޑޫ ބޭފުޅެކެވެ. އެއީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އަސްލަމް ވަނީ އެމްޑީޕީ ގެ އިތުރުން ޖުމްހޫރީ ޕާޓީ އާއިއެކު ވެސް ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައެވެ.

ރައީސް ސޯލިޙް ރަސްމީކޮށް އަސްލަމްގެ ރަނިންގ މޭޓްކަން މިއަދުގެ ވަޤުތެއްގައި އިޢްލާނުކުރާނެކަމަށް ބެލެވެއެވެ.

ޓެގްސް: އެމްޕީ އަސްލަމް ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.