ރައީސް ސޯލިޙް (މ)، 5 އަހަރުގެ ދައުރެއް ނިމުނުއިރު ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނި މަދު ފަހަރަކު. ބައްދަލުވުންތައް ނުބާއްވަނީ ހުސްވަޤުތު ނުވާތީކަމަށް ތަރުޖަމާނު ވިދާޅުވޭ.

ހަބަރު

މަހަކު އެއްފަހަރު ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ވިދާޅުވި، ބައްދަލުނުކުރާތާ 8 މަސް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 10 އޯގަސްޓު 2023 , ބުރާސްފަތި 08:58   483

ރައީސް ސޯލިޙް ވެރިކަމަށް ވަޑައިގެންނެވި އިރު ވެވަޑައިގެންނެވި އެންމެ މުހިއްމު އެއް ވަޢުދަކީ މަހަކު އެއްފަހަރު ނޫސްވެރިންނާއި ބައްދަލުކުރައްވައި ސަރުކާރު ހިންގާގޮތުގެ ހުރިހާ މަޢްލޫމާތެއް އެއްވެސް މަޢްލޫމާތެއް ނުފޮރުވައި ހާމަ ކުރައްވާނެކަމުގެ ވަޢުދެވެ.

ނަމަވެސް، މިއަދާއި ހަމައަށް އައިއިރު ޖުމްލަ 5 ފަހަރު ނޫސްވެރިންނާއި ބައްދަލުކުރެވިފައި ނުވެއެވެ. އަދި މިއިން ބައްދަލުވުމެއްގައި ނޫސްވެރިއަކަށް ސުވާލެއްކޮށް އެއްޗެއް އޮޅުންފިލުވާލާނެ ފުރުޞަތެއް ނުދެއްވައެވެ.

ރައީސް ސޯލިޙް އެންމެފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މިއަހަރު ތެރޭގައި މިހާތަނަށް އެފަދަ ބައްދަލުވުމެއް ނުބާއްވައެވެ. ބައްދަލުވުމެއް ނުބާއްވާތާ ގާތްގަނޑަކަށް 8 މަސް ދުވަސްވީއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު އަށް ގުޅުމުން ވިދާޅުވީ ރައީސް އަށް ނޫސްވެރިންނާއި ބައްދަލުނުކުރެއްވެނީ ހުސް ވަޤުތުނުވާތީކަމަށެވެ.

ރައީސް ސޯލިޙް މިހާރު ގިނަ ވަޤުތު ހޭދަކުރައްވަނި ކެމްޕޭނުގައެވެ. ރަނިންގ މޭޓަކު ނެގުމަށް ވެސް ގިނަ ވަޤުތުތަކެއް ހޭދަކުރަން ޖެހުނުކަމަށް ރައީސް ސޯލިޙް ވަރަށް ފަހުން މީޑިއާގައި ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހް އަކީ މީޑިއާތަކާއި ބީރަށްޓެހި ފަރާތެއްކަމުގައި ގިނަ ނޫސްވެރިން ދެކޭއިރު، ދައުލަތުގެ މީޑިއާ ހިސޯރުކޮށް، ސަރުކާރުން ވަނީ ރާއްޖޭގެ ގިނަ މީޑިއާތަކަށް މަސައްކަތާއި ނުބައްދަލު ބޮޑު ޢަދަދުން ފައިސާދީ ގަނެލާފައިކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ސަރުކާރުގެ މާލީ ކަންކަމާއި ގުޅޭ މަޢްލޫމާތާއި، ދަރަނިތަކުގެ ތަފްޞީލްތަކާއި، ބަދަލުތަކުގެ ގޮތުގައި ސަރުކާރުން ދޫކުރާ ފައިސާތަކާއި، ސަރުކާރުގެ ޕްރޮޖެކްޓްތަކާއި ގުޅޭ ފުރިހަމަ މަޢްލޫމާތު މީޑިއާތަކާއި ޙިއްޞާކުރުން ހުއްޓާލާފައިވާތާ ދެއަހަރަށްވުރެ ގިނަ ދުވަސް ވެފައިވެއެވެ. އަދި ބައެއް މީޑިއާތަކުން އިންފޮމޭޝަން ކޮމިޝަނަރު މެދުވެރިކޮށް މަޢްލޫމާތު ހޯދަން އެދުމުން ވެސް މަޢްލޫމާތުތައް ދީފައި ނުވެއެވެ.

ރައީސް ސޯލިޙް ވެރިކަމާއި ޙަވާލުވިއިރު ދައުލަތުގެ ދަރަނި އޮތް މިންވަރު ދައުރު ނިމިގެން ދިޔައިރު ވަނީ ދެގުނަ ވެގެން ގޮސްފައެވެ. ބޭރުގެ މާލީ އިދާރާތަކުން ވެސް ވަނީ ރާއްޖޭގެ މާލީ ޙާލަތާއިމެދު ކަންބޮޑުވާކަމަށާއި، ޢާމްދަނީ އާއި ނުބައްދަލު މިންްވަރަށް ލޯނު ނަގަމުންދާކަމަށާއި، އަދި ނަގާ ލޯނުތަކުން އެދެވޭ ފައިދާ ރައްޔިތުންނަށް ކުރުމުގެ ބަދަލުގައި ސިޔާސީ ފަރާތްތަކަށް ބައި އެޅޭގޮތަށް ޕްރޮޖެކްޓްތައް ހިންގަމުންދާކަމަށް ބުނެފައެވެ.

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.