ސިޔާސީ ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް ސާލިޙް އަށް އޮތް ހަމައެކަނި ފުރުޞަތަކީ އެއްބުރުން ކާމިޔާބުކުރުން

ހަބަރު

"ހަމަޖެހުން" ސްލޯގަން އާއިއެކު ރައީސް ސާލިޙް އަށް ދެވަނަ ދައުރަކަށް ދިއުމަށް އޮތް ގޮންޖެހުންތައް ގިނަ!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 ސެޕްޓެންބަރ 2023 , އަންގާރަ 11:41 3   534

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ފުރަތަމަ ދައުރުގެ ވެރިކަން ނިމި ދެވަނަ ދައުރަކަށް ދިއުމަށް ބާރު ސްޕީޑުގައި ކެމްޕޭން ކުރަމުންދާއިރު އެމަނިކުފާނަށް އޮތް ގޮންޖެހުންތައް ބޮޑެވެ.

2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ، އެމްޑީގެ ފަރާތުން ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ސުޕްރީމްކޯޓުން ކަނޑައެޅުމާއި ގުޅިގެންނެވެ. އެމަނިކުފާނު ދަނޑަށް ނިކުމެ ވަޑައިގެންނެވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ގިނަބަޔަކު ދެކޭގޮތުގައި ރައީސް ސޯލިޙްއަކީ ވެރިކަމަށް ވަޑައިގެންނެވޭނެކަމަށް އެއްވެސް އިރެއްގައި ހުވަފެން ދެކެވަޑައިގަތް ބޭފުޅެއް ނޫނެވެ. އަދި ތަޢްލީމާއި ތަޖުރިބާގެ ގޮތުން ވެސް އެމަނިކުފާނަށް ވުރެ ޤާބިލު ބޭފުޅުން ޚުދު އެމްޑީޕީގައި ވެސް އެބަ ތިއްބެވިކަމަށް އެފަރާތްތަކުން ބުނެއެވެ.

ކޮންމެއަކަސް ރައީސް ސާލިޙް ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީ އިން ހުށަހެޅި ބޮޑު މެނިފެސްޓޯ އަކާއި ގިނަ ވަޢުދުތަކާއިއެކުއެވެ.

ރައީސް ސާލިޙްގެ ފުރަތަމަ ދައުރު ނިމެން ދާދި ކުޑަތަން ވެފައިވާއިރު މެނިފެސްޓޯގައި ހިމެނޭ ގިނަކަންކަން ފުރިހަމަކޮށްދެވިފައި ނުވާކަމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބުނުމަކީ އެމަނިކުފާނަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިއްމު ބައިތަކުގެ ތެރޭގައި ނޫ އިޤްތިޞޯދެއްގެ ތެރެއިން، ތަކެތީގެ އަގު ކުޑަކޮށް، އުފެއްދުންތެރިކަން ފުޅާކޮށް ދަނޑުވެރިކަމާއި، މަސްވެރިކަމާއި ޓޫރިޒަމްގެ ނަފާ ސީދާ ރައްޔިތުންނާއި ހަމައަށް ފޯރައި، މަހުގެ އަގު މަތިކޮށް، ވަޒީފާގެ ފުރުޞަތު އެންމެނަށް ފަހިވާނެއެވެ. ނަމަވެސް މެނިފެސްޓޯ އާއި ޚިލާފަށް މަހުގެ އަގު ބޮޑުތަނުން ކުޑަވެ، ތަކެތީގެ އަގު ބޮޑުވެފައިވާއިރު ވަޒީފާތައް އުފެއްދިފައިނުވެއެވެ. ޢާއްމު ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދެވިފައި ނުވެއެވެ.

ރައީސް ސާލިޙްގެ ކެމްޕޭނުގައި އެމަނިކުފާނު އަމިއްލަފުޅަށް ޖައްސަވާ މެޑައްޔަކީ "ހަމަޖެހުން" އެވެ. އަދި އޭގެ ސަބަބުން އަންނާނެ އުފާވެރިކަމެވެ.

ސިޔާސީ ފަރާތްތަކުން އުފައްދާ ސުވާލަކީ ހަމަޖެހުމަކީ ކޮބައިތޯއެވެ؟ ދެކެވޭ ވާހަކަތަކަށް ބަލާއިރު، ރައީސް ސާލިޙް ވިދާޅުވާ ހަމަޖެހުމަކީ ސިޔާސީ ފަރާތްތައް ހައްޔަރުނުކުރާ ވާހަކަ ކަމަށްވެދާނެއެވެ.

އެކަމަކު އިދިކޮޅުން ބުނަނީ ހަމަޖެހުން އަންނާނީ ރައްޔިތުންގެ ޒަރޫރީ އަދި އަސާސީ ކަންކަން ސަރުކާރުން ފުއްދައިދިނުމުން ކަމަށެވެ. ބޯހިޔާވަހިކަމާއި، ވަޒީފާގެ ފަހި ފުރުޞަތުތަކާއި، ސިނާޢީ އަދި އިޤްތިޞާދީ ކުރިއެރުން ނައިސް ދުނިޔޭގެ އެއްވެސް ތަނެއްގައި ހަމަޖެހުން ޤާއިމުވެފައި ނުވެއެވެ. ކުށް މަދު ކުރެވިފައި ނުވެއެވެ. އާބާދީގެ ބޭނުން ފައިދާ ހުރި ގޮތުގައި ނުހިފެއެވެ.

ރަޢީސް ސާލިޙް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މީޑިއާގައި ދެއްވާފައިވާ އިންޓަވިއުގައި އޭރު ވިދާޅުވީ ރައީސް ޔާމީން ނަންގަވަމުން ގެންދެވި ދަރަންޏަކީ ނަގަން ނުޖެހޭ ދަރަނި ކަމަށާއި ދަރަންޏާއި ނުލައި ޤައުމު ހިންގޭނެކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ކަންކުރެއްވިގޮތް މުޅިން ތަފާތެވެ. ވެރިކަމާއި ޙަވާލުވި އޮތް ޖުމްލަ ދަރަނީގެ މިންވަރު ދެގުނަވެ 130 ބިލިއަން ދިވެހި ރުފިޔާއަށް ދައުލަތުގެ ދަރަނި އަރައިފިއެވެ.

ހަމަ މިމުއްދަތުގައި ޤައުމުގެ އުފެއްދުން ތެރިކަން އިތުރުކުރެވިފައިވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އުފެއްދުންތެރިކަމުގެ މިންގަނޑަށް ވުރެ ބޮޑުތަން ދަރަނިތައް ފަހަނަޅައި ގޮސްފިއެވެ. ފަށާފައިވާ ޢުމްރާނީ އެއްވެސް ޕްރޮޖެކްޓެއް ވެސް ފުރިހަމަ ގޮތުގައި ނިންމިފައި ނުވެއެވެ. ވިލިމާލެ ބްރިޖާއި ގުޅީފަޅު ހިއްކުން ވެސް އޮތީ ވާނުވާގައެވެ.

ކަން މިހެން އޮތްނަމަވެސް ރައީސް ސާލިޙް އާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުން ގެންދަވަނީ ތަކުރާރުކޮށް އެއްބުރުން އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް ވިދާޅުވަމުންނެވެ.

ސިޔާސީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ސާލިޙް އަށް އިންތިޚާބު އެއްބުރުން ކާމިޔާބު ނުކުރެއްވޭނެކަން އެނގިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަށް އިތުރު "ޗޮއިސް" އެއް ނެތެވެ.

އެއްބުރުން ނުހޮވިއްޖެނަމަ އެމަނިކުފާނަށް ވެރިކަމަށް އަލަވަދާޢުކިޔަން ޖެހޭނެއެވެ. ދެވަނަ ބުރެއްގައި އެމަނިކުފާނާއި އިދިކޮޅުވާނެ ފާރާތްތައް ގިނަވާނެކަމަށް ބެލެއެވެ.

އެހެންކަމުން އިދިކޮޅު ފަރާތްތަކުން ދެކެނީ އެއްބުރުން ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުމަކީ އަމިއްލަ ނަފްސަށް ވެސް އޮޅުވާލެއްވުންކަމަށެވެ. ހައްދަވާ މަކަރެއްކަމަށެވެ.

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އެމްޑީޕީ އެމްޑީޕީ އެތެރޭގެ އިންތިޚާބު ކޮރަޕްޝަން ރިޔާސީ އިންތިޚާބު ޚިޔާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.