ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން | ސިޔާސީ ގޮވެލިފަތި

ހަބަރު

ހަޤީޤަތުގަވެސް ޤައުމުތޯ ނުވަތަ ސިޔާސީ ބޭނުންތޯ؟

މުޙައްމަދު ޝިޔާޒު - ދިވެހި ރާއްޖެ | 18 ސެޕްޓެންބަރ 2023 , ހޯމަ 11:37   587

މިއީ މިއަދު އަޅުގަނޑުމެން އެންމެންވެސް ފަރުދީ ގޮތުން ވިސްނާލަން ރަގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން ބޭނުންވެއެވެ.

ރާއްޖޭގެ ސިޔާސީ އޮއިވަރު މިއަދު ދަތުރުކުރާ މިސްރާބަށް ބަލާއިރު މި ދާ ދުވެލީގަ ގޮސް ރަގަޅު ބަނދަރަކަށް ވާޞިލް ވެވޭނެތޯއެވެ؟

މާޒީގެ ތެރެއިން ވިރާސީ ވެރިކަމެއް ކުރަން ފެށުނު ރާއްޖެ އެއިރު ދެކެމުން އައި މިސްރާބާއި މިހާރު ދަތުރު ކުރާ މިސްރާބަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަޅުގަނޑުމެން ނުވަތަ ރައްޔިތުން އެފަދަ ބަދަލަކަށް ބޭނުންވެފައި ތިބިނަމަވެސް އެކަމަކަށް ތައްޔާރުވެފައި ނުވަނީސް ދެހާހުގެ އަހަރުތަކުގައި ކުއްލިޔަކަށް ނަގާ ހިއްލާލި ވިލާތަކެއްގެ އަސަރު ކުރަމުން މިއަދު މިދަނީ އެންމެ ރަގަޅަށް ނޫންކަން ކޮންމެ ރައްޔިތަކަށްވެސް އެނގިގެންދެއެވެ.

ދުވަހުން ދުވަހަށް ދެކެމުން މިއަންނަ ބަދަލުތަކަށް އަޅުގަނޑުމެންގެ ސިކުނޑިތައް ހޭނޭހެން ހިޔެއް ނުވެއެވެ. ކިޔަމުން ދާ ލަވަޔާ އިވޭ ރާގު ދިމާނުވާކަން ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކަމަކަށް ކުރިމަތި ލައިގެން އަންނަ ކޮންމެ މީހަކުވެސް ބުނާ ބަސްތައް އެއްވެސް ތަފާތެއް ނެތެވެ.

ހީވާގޮތުން އެމީސްމީހުން ނިކުމެގެން އަންނަނީ އެއް ފުރާޅެއްގެ ދަށުން އެއްފިލާވަޅެއް ދަސްކޮށްގެން އެއް އިމްތިހާނަށް ހެންވެސް ހީވާ ފަހަރު އާދެއެވެ. ސަބަބަކީ އެއެންމެންގެ ދުލުން އެއްވާހަކައެއް އެއްގޮތަކަށް އެއްރާގަކަށް އެއް ހަމައެއްގައި އިވޭތީއެވެ. މިއީ ހަމަ އިއްތިފާގެއްބާ؟

ޤައުމު، މިނިވަންކަން، ސިޔާދަތު، އިންސާފު، ތަރައްޤީ، ޤާބިލް، އަބަދުވެސް ރައްޔިތުން، އިޤްތިޞޯދު މިހެންގޮސް ބައިވަރު ލަފުޒުތައް ބޭނުންކޮށްގެން ބައިވަރު ވާހަކަ ދައްކައެވެ. ސުވާލަކީ އެއްވެސް މީހެއްގެ ނަތީޖާ ތަފާތު ތޯއެވެ. އަޖައިބުން ފުރިގެންދާ ކަމަކީ މީގެ އެއްވެސް ޖަވާބެއްވެސް ނަތީޖާ ވސް ތަފާތު ނުވިކަމެވެ.

ކޮންމެ މީހަކުވެސް ރައްޔިތުން ކަންފަތުގަ ގުގުމާލަދެނީ އެންމެ އިސްކަމެއް ދެނީ ޤައުމަށް ކަމަށެވެ. އެކަމަކު މިއަދު އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ އެބޭފުޅުން ޤައުމު އިސްކުރަނީ ކިހާ މިންވަރެއްގައިތޯ. ހަޤީޤަތުގައިވެސް ޤައުމު އިސްކުރޭތޯ؟

އަޅުގަނޑުމެންނަށް މިހާރު ފެންނަމުން ދާ މަންޒަރަކީ ކޮންމެ މީހަކުވެސް ވެރިކަމަށް އަރާ 5 އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފައި ޖަލުގެ ތޭރިތަކުތެރޭ ބާކީ ދުވަސްތައް ހޭދަކުރަމުން ދާ މަންޒަރެވެ. މިހެން މިކަންވަނީ ހަމަ ހަޤީޤަތުގައިވެސް ޤައުމު އިސްކުރެވިގެންތޯއެވެ. އަޅުގަނޑުގެ ޟަމީރު ޤަބޫލުކުރާ ގޮތުގައި ޤައުމު އިސްކުރެވުނުނަމަ އެބޭފުޅަކު ހުންނަވާނީ ޝަރަފުވެރިކަމާއެކު ޤައުމަށްޓަކައި ދެންވެސް ޚިދުމަތް ކުރެވޭނޭފަދަ ނިޒާމެއްގެ ތެރޭގައިއެވެ. ޤައުމު ބިނާކުރުމުގެ ބުރަ މަސްޢޫލިއްޔަތު އަދާކުރުމުގައިއެވެ. އުފެއްދުންތެރި ޤާބިލް މުޖުތަމަޢެއް އުފެއްދުމުގެ ބުރަ މަސައްކަތުގެ ތެރޭގައިއެވެ. އަޅުގަނޑުމެންގެ ތެރޭގައި މިކަމަށް ފިކުރު ހިންގާލަނީ ކިތައް މީހުންތޯއެވެ؟

ހަމަ ގައިމުވެސް ޤައުމު އިސްކޮށްގެން ދައުލަތުގެ އިސް މަޤާމްތަކަށް އަންނަބަޔަކު ދައުރު ނިންމާލުމަށްފަހު ހަމަ ހުރެފަ ޖަލަށް ދާންޖެހޭނެކަމެއް އަޅުގަނޑުގެ ބުއްދި ޤަބޫލެއް ނުކުރެއެވެ. ހަމަ ގައިމުވެސް ޖަލަށް ދާންޖެހޭނީ އެވަރުގެ ކުށެއް ކުރެވިގެން ކަމާއިމެދު ޝައްކެތްނެތެވެ. އެހެންކަމށްވާނަމަ ދައުލަތުގެ އެންމެ އިސް މަޤާމްތަކަކީ ކުށުގެ ހާއްޔެއްތޯއެވެ؟

ޤާނޫންގައި "ކުށް" މާނަކުރެވިފައިވާ ގޮތަށް ބަލާއިރު އެއިގެ އެންމެ މަތީ ހަރުފަތްތޯއެވެ. ވަށައިގެން އިވޭ އަޑުތަކަށް ބަލާއިރު މުޅިންވެސް އަޑު އިވެނީ ރާޅު އުފެދޭ ހިސާބުން އެ ރާޅު ބިންދާނުލާނެއޭ ބުނާ އުޞޫލުން ކުށްކުރަނީ އެންމެ މަތިން ކަމަށާއި އަދަބު ލިބެނީ އެންމެ ތިރިއަށް ކަމަށެވެ. އެހެންކަމުން މި ދެންނެވި ކުށުގެ ހާއްޔަށް ދާން އެއްބަޔަކު އެހާ ބޮޑު ހޭދައެއްކޮށްގެން ބުރަ މަސައްކަތުން އެތަށް ބަޔަކަށް ހޭލާތިބެ ހުވަފެން ދެއްކުމަށްފަހު އެފަދަ ހާއްޔަކަށް އަންނަންޖެހެނީ ކޮން ސަބަބުތަކާހެދިތޯއެވެ؟ ހައްތާވެސް ސުވާލު ތަކެކެވެ.

އެހެންކަމުން މިއީ ހަމަ ޤައުމަށްޓަކައިތޯ ކިތަންމެ ފަހަރަކު ހިތާހިތާ ސުވާލު ކުރެވެއެވެ. މިކަންތަކާ ދޭތެރޭ ވިސްނަންވީ ރައްޔިތުންތޯ ނުވަތަ އެފަދަ ބޭފުޅުންތޯއެވެ؟ މިކަންތަކަށް ގެނެވޭނެ ޙައްލެއް އެބައޮތްތޯއެވެ. ޙައްުލު ގެންނާނީ ނުވަތަ ހޯދޭނީ ކޮންބަހެއް ހެއްޔެވެ؟ ހަމަގައިމުވެސް ރައްޔިތުންގެ އަތްމަތީ އޮތް ބާރެއް ނުހަމަ ގޮތުގައި ރައްޔިތުން ބޭނުން ނުކޮށް ބަދަލެއް ގެންނަން ބޭނުންވާނަމަ އެކަމަށް ވިސްނައިގެން ގޮތް ނިންމުމުގައި ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްފިނަމަ ހަމަ ޔަޤީނުންވެސް ކޮންމެވެސް ހިސާބަކުން ހެޔޮ ބަދަލުތަކެއްފެނި އަޅުގަނޑުމެން ބޭނުންވާ މިސްރާބަށް އޮޑި ދަތުރު ކުރާނެކމާމެދު އަޅުގަނޑު އެއްވެސް ޝައްކެތް ނުކުރަމެވެ.

ޓެގްސް: ކޮލަމް ސިޔާސީ މީހުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.