ރައީސް މުޙައްމަދު ނަޝީދު

ހަބަރު

ނިޒާމީ ވޯޓާއި ގުޅޭ ގަރާރުގެ މަސައްކަތް ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ސެޕްޓެންބަރ 2023 , އަންގާރަ 12:33   347

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވާފައިވާ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެނޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ރިޔާސަތުން، ރައީސް ނަޝީދު ނިންމަވައިފިއެވެ.

މިގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

ރިޔާސަތުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މި ގަރާރުގެ މަސައްކަތް ނިމެންދެން ޖަލްސާ ނުނިންމާ ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"އަޅުގަނޑު ގަސްތުކުރަނީ މިއަދު މި މަސައްކަތް ނިންމަން. އެއީ ބަހުސް ނިންމާ، މުޅި މަޖިލީހުގެ ކޮމިޓީއަކަށް ގެނެވި، އެ ކޮމިޓީންވެސް މަސައްކަތް ނިންމާ އަލުން އަނބުރާ ތަޅުމަށް ގެނެވި ވޯޓަށް އަހާ، އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް އެންގުމާ ހަމައަށް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދަން" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިމަސައްކަތަކީ ރައީސުލް ޖުމްހޫރިއްޔާގެ ދައުރެއް އޮތް މަސައްކަތަކަށް ވާން ނުޖެހޭކަމަށެވެ.

މިއަދުގެ ޖަލްސާއަށް ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ ގިނަ މެމްބަރުން ޙާސިރުވެފައި ނުވާތީ، ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ޖަލްސާ މެންދުރަށް މެދު ކަނޑާލިއިރު، ބަހުސް މަރުޙަލާގެ މަސައްކަތް ނިމިފައި ނުވެއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.