ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ރައީސް ސޯލިޙްވަނީ މީގެ ކުރިން ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަލީވަހީދު މަޤާމުން ވަކި ކުރައްވާފައި

ހަބަރު

ޢަލީ ވަހީދު ޖޭޕީ ދޫކޮށް އެމްޑީޕީއަށް، އަނެއްކާވެސް ހުދު ކާފޫރަށް؟!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 20 ސެޕްޓެންބަރ 2023 , ބުދަ 09:02   1381

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި، މިހާރު ހުންނެވި ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ ދޫކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވަން މިސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ނިންމަވައިފިއެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމަަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

ނަމަވެސް ކޮވިޑްގެ ތެރޭގައި މާލޭގެ ގެސްޓް ހައުސްއެއްގައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގައި، ރައީސް ސޯލިޙް ޢަލީ މަޤާމުން ވަކި ކުރެއްވިއެވެ. އޭރު މަޤާމުން އޭނާ ވަކި ކުރައްވަމުން ރައީސް ސޯލިޙް ވިދާޅުވީ މުވައްޒަފުންގެ ވާހަކަތައް އައްސަވައި ކީރިތިކުރެއްވުނުކަމަށެވެ.

ސުޕްރީމްކޯޓުން ވަނީ އަލީގެ މައްޗަށް ދެއަހަރު ދުވަހުގެ ޖަލު ޙުކުމެއް ވެސް އިއްވާފައެވެ. ފިއްލަވައިގެން އިނގިރޭސިވިލާތުގައި އުޅުއްވަމުން، އަލީ މީގެކުރިން ވިދާޅުވެފައިވަނީ ރައީސް ސޯލިޙް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކުރެއްވިކަމަށާއި އޭގެ ޙަޤީޤަތް ހާމަކުރާނެކަމުގެ ބިރު ސަރުކާރަށް ދެއްކިއެވެ.

މިއީ ސިޔާސީ ގިނަ ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ބޭނުންކުރަމުން އަންނަ ބޮޑު ހަތިޔާރެކެވެ. ކުށްކުރުމަށް ފަހު ސަލާމަތްވާން އޮންނަ ނިވާފަތްގަނޑަކަށް ވަނީ ވެފައެވެ.

ދައުލަތުން ވަނީ ރިޔާސީ އިންތިޚާބު ބޯމަތި ވެފައިވަނިކޮށް މައްސަލަ ނުބެލުމަށް ނިންމާފައެވެ. ސުޕްރީމް ކޯޓުން އިއްވި ހުކުމް، އަލީ ރާއްޖެ އައުމުގެ ދެ ހަފްތާ ކުރިން ވަނީ ބާތިލުކޮށްފައެވެ. ސަބަބެއްކަމަށް ބުނެފައިވަނީ، އޭނާ "މާފަށް އެދުން" ކަމަށެވެ.

ކުރިން އަނިޔާ ލިބުނު ކަމަށް ބުނި އަންހެން މުވައްޒަފހުން ވެސް ފަހުން އަލީ ވަހީދާ ދެކޮޅަށް ތަހުގީގުގައި ދިން ބަޔާންތަކަށް އިންކާރުކޮށް، ކޯޓުގައި ހެކިބަސް ވެސް ދެން ނުދޭނެ ކަމަށް ބުނެ ފުލުހުންނާއި ޕީޖީއަށް ސިޓީތަކެއް ފޮނުވި އެވެ. މީޑިއާގައި ތިލަވެފައިވާ ރިޕޯޓްތަކަށް ބަލާއިރު ސަރުކާރުން ވަނީ މައްސަލައިގެ ތެރެއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައި އެމުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާފައެވެ.

ރިޔާސީ އިންތިޚާބާއި ދިމާކޮށް އަލީ އެނބުރި ރާއްޖެ އައީ އޭގެ ފަހުން، މިއަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. ރާއްޖެ އައި ދުވަހު އަލީ ވަހީދު ވިދާޅުވީ އޭނާ ދެން ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށާއި ބޮޑަށް އުޅުއްވާނީ ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތުގައި ކަމަށެވެ.

ނަމަވެސް އަނެއްކާވެސް ފެނިގެން ދިޔައީ ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ، ޖޭޕީ އެކު ސަރުކާރަށް ފާޑުކިޔައި ކެމްޕޭން ކުރައްވަމުން ގެންދެވި ތަނެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއިއިއެކު ޖޭޕީ އަށް ގަބޫލުކުރެވޭވަރުގެ ނަތީޖާތަކެއް ނުދެއްކުނެވެ. މިސަރުކާރުގައި 30 އިންސައްތައަށް ވުރެ ބޮޑު ޙިއްސާއެއް ދީފައިވާ ޖޭޕީއަށް ރައްޔިތުންގެ މާބޮޑު ތާޢީދެއް ނެތްކަން ސާފުވިއެވެ. ހަމަ މިއާއިއެކު، ޤާސިމް އިބްރާހިމް ވަނީ ސިޔާސީކަންކަމާއި ކުޑަކޮށް އެއްކައިރިއަށް ޖެހިވަޑައިގެންފައެވެ.

ނަމަވެސް އަލީ ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. އަލީ ވަނީ ރޭގެ ވަޤުތެއްގައި ރައީސް ސޯލިޙް އާއި ބައްދަލުކުރެއްވުމަށް މުލިއާގެ އަށް ވެސް ވަޑައިގެންފައެވެ. ރައީސް ސޯލިޙް ވަނީ އަނެއްކާވެސް މުލިއާގެއިން އަލީ އަށް މަރުޙަބާ އާއި ވެދުން ދަންނަވާފައެވެ.

ކުރިން އަދަބެއް، އަޚުލާޤުގެ ކަންފުޅެއް ނެތް މީހާ ކުއްލިއަކަށް، އަނެއްކާވެސް "ހުދު ކާފޫރަށް" ވާން އުޅެނީބާއެވެ؟

ރައީސް ސޯލިޙް ހުންނެވީ ކުށްވެރިއެއްތޯ ރައްޔިތުން ބަލައިގަންނަ މީހެއްތޯ ނުބަލައި، އައި ކޮންމެ މީހަކަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވެވަޑައިގެންނެވެ. ވޯޓެއް ގެއްލުވިޔަ ނުދިނުމެވެ. އެހެން ނޫނަސް އެމްއެމްޕީއާރުސީ ގެ ވާހަކަ އަކި ވަކިން ބިރު ކުޑަ ވާހަކައެއް ނޫނެވެ.

މަޢުލޫމާތު ލިބޭގޮތުގައި އަލީ ވަޙީދުގެ އިތުރުން އެޕާޓީގައި ހުންނެވި ރިޔާޒު ރަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަން އެންވޯއީ އިލްހާމް އަހުމަދު ވެސް ވަނީ މުލިއާގެ އަށް ވަޑައިގެންފައެވެ.

ޓެގްސް: ކުށްކުރުން ޖިންސީ ފުރައްސާރަ ކުރީގެ މިނިސްޓަރުން އެމްޑީޕީ ޖުމްހޫރީ ޕާޓީ (ޖޭޕީ)
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.