ޑިމޮކްރެޓްސްގެ ރިޔާސީ ރަނިންމޭޓް (މ)

ހަބަރު

ޑިމޮކްރެޓުން އެއްވެސް ކޮޅަކަށް ނޭރުމަށް ނިންމައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 20 ސެޕްޓެންބަރ 2023 , ބުދަ 11:02 5   1384

އަންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ދަ ޑިމޮކްރެޓްސް ޕާޓީއިން އެއްވެސް ކޮޅަކަށް ނާރާނެކަމަށް ނިންމައިފިއެވެ.

މިކަން މިގޮތަށް ނިންމާފައިވަނީ މިއަދުގެ ވަޤުތެއްގައިކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިކަމާއި ގުޅިގެން މިހާރު ދެ ޕާޓީއަށް ވެސް ލިޔުމުންއެކަން އަންގާފައިވާކަމުގެ މަޢުލޫމާތުވެސް ލިބިފައިވެއެވެ.

އެމްޑީޕީ އިން ވެސް މިކަން ނުރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.

ދަ ޑިމޮކްރެޓްސް އިން މިހާތަނަށް އައީ ދެ ޕާޓީއަށް ވެސް އެއް ހުށަހެޅުމެއް ހުށަހަޅަމުންނެވެ. އެއީ ބަރުލަމާނީ ނިޒާމަކަށް ތާޢީދުކުރެއްވުމަށާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް އިން ރަސްމީކޮށް ވަކި އެއްޗެއް ވިދާޅުވެފައި ނުވާއިރު، ރައީސް ޔާމީން އާއި ބައްދަލުކުރެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ނިޒާމާއި ގުޅޭ މަޝްވާރާގައި ބައްދަލުކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ.

ހަމަ އެހެންމެ އެމްޑީޕީ އިން ވެސް ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދޭވޭނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނިމުމުން ކަމަށް ބުނެފައެވެ. އަދި އިލެކްޝަންސް ކަމިޝަނުން ވެސް ވަނީ އެމްޑީޕީގެ ނިންމުމަށް ތާޢީދުކުރައްވާފައެވެ. ނަމަވެސް، މިކަމާއި ޑިމޮކްރެޓުން އެއްބަހެއް ނުވިއެވެ.

މީގެ އިތުރުން، ނިޒާމީ ވޯޓާއި ގުޅިގެން މަޖީލީހަަށް ޑިމޮކްރެޓުންގެ ފަރާތުން ގަރާރެއް ހުށަހަޅުއްވާފައިވާއިރު، މިއަދުގެ ޖަލްސާއަށް ވެސް ގިނަ މެމްބަރުން ވަޑައިނުގަތުމުން ޖަލްސާ ކުރިއަށް ނުގެންދެވުނެވެ. އެމްޑީޕީގެ ގިނަ މެމްބަރުން ހާޒިރީގައި ސޮއި ކުރެއްވުމަށްފަހު ތިއްބަވަނީ ކުޑަ ދަށުގައެވެ. ރައީސް ސޯލިޙް އިއްޔެ ވިދާޅުވީ މެމްބަރުން ޖަލްސާތަކަށް ހުރަސް އަޅުއްވަނީ އެމަނިކުފާނުގެ ބަހެއް އޮވެގެން ނޫންކަމަށެވެ.

ޑިމޮކްރެޓުންގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 15،000 އަށްވުރެ ގިނަ ވޯޓާއިއެކު އޮތީ ތިންވަނައިގައެވެ.

ޕީޕީއެމް އިން ދެކެނީ ޑިމޮކްރެޓްސް އާއި ނުލައި ވެސް މޮޅުވާނެކަމަށެވެ. ނޫންނަމަ، ޑިމޮކްރެޓުންގެ ޢާއްމު ގިނަ މެމަބަރުންގެ ވޯޓު ލިބޭނީ އެޕާޓީއަށް ކަމަށެވެ. ހަމަ އެގޮތަށް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީ އިން ވެސް ދެކެނީ ލީޑާޝިޕް އިން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް، ޢާއްމު ޑިމޮކްރެޓުންގެ ވޯޓު ލިބޭނީ އެޕާޓީއަށް ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ފަހު އެމްޑީޕީއިން ބުނެފައިވަނީ، ފުރަތަމަ ބުރުގައި "މާ ބޮޑަށް ކޮންފިޑެންޓްވެ، ފަރުވާ ކުޑަ ކުރެވުނީ" ކަމަށެވެ.

ޑިމޮކްރެޓްސް ޕާޓީއެއްގޮތުގައި ވުޖޫދުވީ ސަރުކާރާއި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ، ރައީސް ސޯލިޙާއި މެދު ނުރުހުން ބޮޑު ގޮތަކަށެވެ. އަދި ޕީޕީއެމް އަކީ މިހާތަނަށް އައިއިރު ޑިމޮކްރެޓުން ސިޔާސަތު ތަކާއި ފުށުއެރުން އޮތް ޕާޓީއެކެވެ. އެއްމެ ބޮޑު އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ "އިންޑިއާ އައުޓް" ސިޔާސަތެވެ.

މިހާތަނަށް އައިއިރު ޢާއްމު ޑިމޮކްރެޓުން ދެވަނަ ބުރުގެ ވޯޓާއިމެދު ކަންކުރާނެ ގޮތް އަދި ސާފު ނުވެއެވެ.

މިލިޔުމާއި ގުޅޭ:

އެއްވެސް ކެންޑިޑޭޓަކަށް ފާރިސްގެ ތާޢީދެއް ނެތް

ޓެގްސް: ދަ ޑިމޮކްރެޓްސް އެމްޑީޕީ ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.