ޕީޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ހަބަރު

ނިޒާމީ ވޯޓް، ޕީޕީއެމް/ޕީއެންސީ ގެ ޝައުގެއް ނެތް، ނިޒާމު ބަދަލުކުރާކަށް ވެސް ބޭނުމެއް ނުވޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 ސެޕްޓެންބަރ 2023 , ބުރާސްފަތި 10:18   466

މިދަނޑިވަޅުގައި، ނިޒާމީ ވޯޓަކާއި މެދު ޕީޕީއެމް/ޕީއެންސީ ގެ ޝައުގެއް ނެތްކަމަށް ޕީޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ނ. ޅޮއްސަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ ނިންމުމަކީ މިރާއްޖޭގަ އޮންނާނީ ރިޔާސީ ނިޒާމެކޭ. އެ ނިޒާމަށް އަޅުގަނޑުމެން ތާއީދު ކުރާނީ.

~ ޕީޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ރާއްޖޭގައި 2008 ވަނަ އަހަރު ނިޒާމު ބަދަލު ކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފައިވާއިރު، ބަރުލަމާނީ އަށް ތާޢީދުކޮށްފައިވަނީ 40 ޕަސެންޓް ރައްޔިތުންނެވެ. ރިޔާސީ ނިޒާމަކަށް ތާޢީދުކޮށްފައިވަނީ 60 އިންސައްތަ މީހުންނެވެ.

މިހާތަނަށް ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ތާޢީދުކުރާ ހަމައެކަނި ޕާޓީ އަކީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީއެވެ. އެޕާޓީ އިން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 7 ޕަސެންޓް ވޯޓާއިއެކު ތިންވަނަ ހޯއްދަވާފައިވާއިރު، ދެވަނަ ބުރެއްގައި އެޕާޓީ އިން ކޯލިޝަން ހަދަން ބޭނުންވަނީ ބަރުމާނީ އަށް ތާޢީދު ކުރާ ޕާޓީއަކާއިއެކު އެވެ.

ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، މިވަގުތު ރައްޔިތުންގެ ވޯޓަކަށް ގޮސްފިނަމަ ނަތީޖާ ތަފާތު ވެދާނެއެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވަނީ ކޯލިޝަން ހަދައިގެން ނޫނީ ރާއްޖޭގައި ވެރިކަން ނުކުރެވޭތީއެވެ. ނަމަވެސް، އެމަނިކުފާނާއި އިދިކޮޅު ފަރާތްތަކުން ބުނަނީ އަނެއްކާ ވެސް ވެރިކަމަށް އައުމަށްޓަކައި ޖައްސަވާ "ޗައްކަރެއް" ކަމަށެވެ.

ޑިމޮކްރެޓުން ހުށަހެޅި ޤަރާރު އެމްޑީޕީގެ ތާޢީދާއިއެކު ފާސްކުރި ނަމަވެސް، ޕީޕީއެމް އެ ވޯޓުގައި ބައިވެރި ނުވެއެވެ. އަދި ޤާރާރު ފާސްކޮށްފައިވަނީ ޑިމޮކްރެޓުން އެދުނު ގޮތަކަށް ނޫނެވެ.

އެމްޑީޕީ އިން އެއްބަސްވީ އަންނަ މަހުގެ 30 ގައި، ރައްޔިތުންގެ މަޖިލީހުގައި ބަރުލަމާނީ އާއި ގުޅޭ ވޯޓު ބޭއްވުމަށެވެ. ނަމަވެސް، ޑިމޮކްރެޓުން ބޭނުންވަނީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ.

ޓެގްސް: ބަރުލަމާނީ ނިޒާމު ޕީޕީއެމް ޕީއެންސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.