ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓް ޑރ. މުޙައްމަދު މުޢިއްޒު

ހަބަރު

ނިޒާމީ ވޯޓުގެ ތެރެއަށް ވެންނެވުމަށް ބޭނުންނުވާކަމަށް މުޢިއްޒު ވެސް ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 23 ސެޕްޓެންބަރ 2023 , ހޮނިހިރު 10:22   441

ނިޒާމީ ވޯޓުގެ ތެރެއަށް ވެންނެވުމަށް ބޭނުންނުވާކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޑް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނިޒާމީ ވޯޓެއް ނެގުމުގެ ވާހަކަދައްކަވާ ހަމައެކަނި ޕާޓީ އަކީ ރައީސް ނަޝީދު އިސްވެވަޑައިގެން އުފައްދަވާފައިވާ ދަ-ޑިމޮކްރެޓްސް ޕާޓީއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ފަނަރަ ވަރަކަށް ހާސް ވޯޓާއިއެކު ތިންވަނައިގައި އޮތް ޑިމޮކްރެޓްސް އިން ވަނީ ދެވަނަ ބުރަށް ދިޔަ ދެ ޕާޓީއަށް ވެސް އެއް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެމްޑީޕީއަށް ވެސް ޕީޕީއެމްއަށް ވެސް ޑިމޮކްރެޓުން ހުށަހެޅުއްވީ ބަރުލަމާނީ ނިޒާމަކަށް ތާޢީދުކުރެއްވުމަށެވެ.

ނަމަވެސް މިހާތަނަށް ދެ ޕާޓީ އިން ވެސް ވަނީ މިކަމުގައި ޑިމޮކްރެޓުން އެދޭގޮތަށް އެއްބާލުން ނުދެއްވާފައެވެ.

އެމްޑީޕީ އަށް ޑިމޮކްރެޓުން ހުށަހެޅީ ރިޔާސީ އިންތިޚާބުގެ ކުރިން ރައްޔިތުންގެ ނިޒާމާއި ގުޅޭ ވޯޓާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމެވެ. ރައީސް ނަޝީދުގެ މިހުށަހެޅުއްވުމާއި ގުޅިގެން ރައީސް ސޯލިޙް ވިދާޅުވީ ދެވަނަ ބުރުގެ ކުރިން އިތުރު ވޯޓެއް ބޭއްވުމަކީ "އެހާ ޕްރެޓިކަލް" ކަމެއް ނޫންކަމަށާއި ބޭނުންވާނަމަ އިންތިޚާބުގެ ފަހުން ނިޒާމީ ވޯޓަށް ދެވިދާނެކަމަށެވެ. ޑިމޮކްރެޓުން އެގޮތަކަށް ބޭނުމެއް ނުވިއެވެ.

ނިޒާމީ ވޯޓާއި ގުޅޭގޮތުން ޕީއެންސީ ގެ ރައީސް ޢަބްދުއްﷲ އަބްދުއްރަޙީމު ވެސް ވަނީ މީގެ ދެދުވަހެއްގެ ކުރިން ނިޒާމު ބަދަލުކުރަން ނުޖެހޭ މޭރުމަކުން ވާޙަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ރައްޔިތުން ވޯޓެއް ނަގާފައިވާ ކަމަށާއި، ރައްޔިތުން ނިންމާފައިވަނީ ރިޔާސީ ނިޒާމާއިގެން ކުރިއަށް ދިއުމަށްކަމަށެވެ.

ނިޒާމީ މަޝްވަރާކުރައްވަން ރައީސް ނަޝީދު ވަނީ، ޖަލުގައި ހުންނެވި ޕީޕީއެމްގެ ލީޑަރ ޔާމީން ޢަބްދުލް ޤައްޔޫމް އާއި ބައްދަލުކުރުމަށް، ރައްޔިތުންގެ މަޖިލީސްގެ ނަމުގައި އެދިވަޑައިގެންފައެވެ. ނަމަވެސް، އެގޮތަށް އެދިވަޑައިގަތުމުން ޔާމީން ވިދާޅުވީ ނިޒާމީ މަޝްވަރާކުރުމަށް ރައީސް ނަޝީދު އާއި ބައްދަލުކުރުމަށް ބޭނުންފުޅު ނުވާކަމަށެވެ.

ދެ ޕާޓީ އިން ކުރެ ޕާޓީ އަކުން ރިޔާސީ ނިޒާމަކަށް ޖާގަ ނުދެއްވާތީ ނިމިދިޔަ ހަފްތާތެރޭގައި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުން ވަނީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދެ ޕާޓީއިން ކުރެ ޕާޓީއަކަށް ތާޢީދުނުކުރުމަށެވެ.

ޓެގްސް: ޕީޕީއެމް ޕީއެންސީ ޑރ. މުއިއްޒު ބަރުލަމާނީ ނިޒާމު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.