މިކަމާއި ގުޅޭގޮތުން އަޅުގަނޑުމެން ވާނީ އައްޑޫ ކައުންސިލްގެ 4 މެމްބަރެއްގެ ބަސް، އަދި އައްޑޫ މޭޔަރގެ ބަސް ހޯދާފައި

ހަބަރު

ހިރާސްކޫލުން އެކްސްޕްރެސް ނިއުސް އާއިގުޅޭ ނޫސް ބަޔާނެއް ނެރުން، ކައުންސިލަރުންގެ ބަސް!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 25 ސެޕްޓެންބަރ 2023 , ހޯމަ 12:27   3533

ޙިރާ ސްކޫލުން ނެރެފައިވާ ނޫސް ބަޔާން 2023/1 އާއި ގުޅޭ ގޮތުން ދަންނަވަމެވެ.

ރިޕޯޓާއި ގުޅޭގޮތުން އަޅުގަނޑުމެން ނަގާފައިވާ އިންޓަވިއުތަކުން ބައެއް މިލިޔުމުގެ ތިރީގައި ހިމަނާފައިވާނެއެވެ.

އަޅުގަނޑުމެންގެ ނިއުސް ޓީމުން ޝާޢިއުކޮށްފައިވާ ރިޕޯޓަކީ، އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު އާއި، ކައުންސިލަރ އަހުމަދު ސައީދު، ކައުސިލަރ އަދާލާ ރަޝީދު، ކައުނސިލަރ އާމިނަތު ސަލްމާ، ކައުންސިލަރ މުޙައްމަދު ފައިސަލް ގެ ބަސް، އަދި ޢާއްމު ރައްޔިތުންގެ ތެރެއިން ގިނަބައެއްގެ ކަންބޮޑުވުންތައް ވެސް ހިމެނޭގޮތަށް، މީޑިއާތައް ހިންގުމުގެ އުސޫލުތަކާއި ފުށުނާރާނެހެން ގެނެސްދީފައިވާ ރިޕޯޓެކެވެ.

އަޅުގަނޑުމެންގެ ރިޕޯޓާއި ގުޅިގެން ހިރާ ސްކޫލްގެ ބައެއް އިސް ފަރާތްތަކުން އަޅުގަނޑުމެންގެ ނޫހާއި ގުޅޭ ގިނަ ޝަކުވާތަކެއްކޮށްފައިވާއިރު، އަޅުގަނޑުމެންގެ ރިޕޯޓް "ދޮގު" ކުރާ ސަބަބު ބަޔާންކޮށްދެވިފައި ނުވެއެވެ.

އަޅުގަނޑުމެން މިދެންނެވުނު ރިޕޯޓް ތައްޔާރުކޮށްފައިވަނީ ހިރާ ސްކޫލް ދެކުނުން އޮތް އަލިވާމަގު ކުއްލިއަކަށް ބަންދު ވުމާއި ގުޅިގެން ޢާއްމުންގެ ތެރެއިން ގިނަ ބަޔަކު ޝަކުވާ އުފުލުމާއި ގުޅިގެންނެވެ.

މިކަމުގައި އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެން ގުޅާފައިވާނީ އައްޑޫ ސިޓީ މޭޔަރ އަށެވެ. އޭގެ ފަހުން ކައުންސިލަރ އަދާލާގެ އިތުރުން، ކައުންސިލަރ އަހުމަދު ސަޢީދު އާއި ވާހަކަ ދެކެވުނެވެ. މީގެ އިތުރުން ވެސް ގިނަ ބަޔެއްގެ ބަސް ހޯދި އޭގެ ބައެއް ވާހަކަތައް ރިޕޯޓްގައި ހިމެނިފައިވާނެއެވެ.

ވާހަކަ ދެކެވުނު ހުރިހާ ކައުންސިލަރުން ވެސް އިއްތިފާޤުވާ ކަންކަމުގެ ތެރޭގައި:

  • ހިރާ ސްކޫލަށް ބިމެއް ދޫކުރެވިފައިވަނީ އަލިވާ މަގުގެ ކުރިމަތިން ދެކުނަށް އޮތް، ޑްރައިވިންގ ޓްރެކް ހެދުމަށް ދޫކުރެވިފައިވާ ބިމުން ބައެއް ކަން
  • 2019 ވަނަ އަހަރު، އަދި 2022 ވަނަ އަހަރު ކައުންސިލުން ނިންމާފައިވާ ނިންމުމުން ވެސް މަގު ދިނުމަށް ނިންމާފައި ނުވާކަމަށް
  • އަޅުގަނޑުމެންނަށް ފެނިފައިވާ ހުރިހާ ޑޯކިއުމެންޓަކުން ވެސް އެނގެނީ އަލިވާ މަގަކީ ހިރާ ސްކޫލްގެ މައި ގޭޓް ހުރި މަގު ކަން.
  • ހިރާ ސްކޫލަށް ފެނާއި، ނަރުދަމާ އަދި ކަރަންޓް ވައްދާފައިވަނީ އެމަގުންކަމަށް.
  • ހިރާ ސްކޫލަށް ބިން ދޫކޮށްފައިވަނީ އެސްކޫލްގެ ކުދިން ކުޅިވަރުކުޅޭނެ ބިމަކަށް އެދުމުން، އެހެން ސްކޫލްތަކުގެ ކުދިންނަށް ވެސް ބޭނުންކުރެވޭނެ ޢާއްމު ތަނެއްގެ ގޮތުގައި. ޝަރަފުއްދީން ސްކޫލާއި ޖާގައިގެ ގޮތުން ދަތިވާ އެހެން ސްކޫލްތަކަށް ވެސް އޮތް ވަޞީލަތެއްގެ ގޮތުގައި.
  • ކުއްލިއަކަށް މަގު، ސްކޫލްގެ މައެއްގެ ގޮތުގައި ވެގެން ދިޔަ ގޮތް އެނގި ވަޑައި ނުގަންނަވާކަމަށް.
  • ކައުންސިލްގެ އެއްވެސް ބައްދަލުވުމަކުން ޙިރާ ސްކޫލަށް އަލިވާމަގު، ނުވަތަ މަގުން ބައެއް ވެސް ދިނުމަށް އެއްވެސް އިރެއްގައި ނިންމާފައި ނުވާކަމަށް.
  • ސަރަޙައްދުގައި ދިރި އުޅޭ ރައްޔތުންގެ ކަންބޮޑުވުންތައް އެބަހުރި.
  • އައްޑޫގެ ލޭންޑް ޔޫޒް ޕްލޭން ވަކިން ޚާއްޞަކޮށް ހިތަދޫގެ ލޭންޑް ޔޫޒް ޕްލޭންގެ މަސައްކަތް ތިން އަހަރު ފާއިތުވެގެން ދާއިރު ނިންމިފައި ނުވޭ. 2019 ވަނަ އަހަރުގެ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުމުން ވެސް ޖެހިފައިވާ މަސައްލައަކީ ލޭންޑް ޔޫޒް ޕްލޭނާއި ފުށުއެރުން. މަގެއް ނުވަތަ މަގަކުން ބަޔެއް ވިޔަސް ބަދަލެއް ގެނެވޭނީ، ލޭންޑް ޔޫޒް ޕްލޭނަކުން ފާސް ނުކުރާނަމަ، ލޭންޑް ސާވޭ އޮތޯރިޓީގެ ހުއްދަ ލިބިގެން.
  • އައްޑޫ ސިޓީ ކައުންސިލުން އެފަދަ ހުއްދައެއް ލޭންޑް ސާވޭ އޮތޯރިޓީއިން ހޯދާފައި ނުވޭ.

އަދާލަތު ޕާޓީ އާއި ގުޅިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި، ފައިސާ ހޯދައިގެން މަގު ވިއްކާފައިވާކަމަށް ބުނެފައިވަނީ އަޅުގަނޑުމެންނަށް މަޢްލޫމާތު ދެއްވާފައިވާ ޢާއްމު ރައްޔިތުންނެވެ.

ޙިރާ ސްކޫލްގެ ނޫސް ބަޔާނާއި ޙަވާލާދީ ދަންނަވަމެވެ. ދެންނެވިފައިވާ 2019 ވަނަ އަހަރުގެ ކައުންސިލްގެ ނިންމުމުގައި ވެސް ހިރާ ސްކޫލް ކުރިމަތީގައި މަގެއް އޮތްކަމާއި، އެމަގަކީ އަލިވާމަގުކަމަށް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އެހެންކަމުން، ލޭންޑް ޕްލޭން ފާސްކޮށްގެން ނުވަތަ ލޭންޑް ސާވޭ އޮތޯރިޓީގެ ހުއްދައެއް ނުހޯދައި، ނުދެވޭނެކަމަށް ކަމާއިގުޅޭ މާހިރުން ލަފާދެއްވާފައިވެއެވެ.

ޙިރާ ސްކޫލުންނާއި އަދާލަތު ޕާޓީގެ އެކި ފަރާތްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ނޫސްވެރިންނަށާއި ނޫހަށް ރައްދުވާގޮތަށް، އަޅުގަނޑުމެން ދޮގު ޚަބަރު ފަތުރާކަމަށް ބުނާ ބުނުމާއިމެދު ހިތާމަކުރާ ވާހަކަ ދަންނަވަމެވެ. އަދި އެކަން ކުށްވެރިކުރަމެވެ.

ޙިރާ ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންނަށް ވެސް ދަންނަވަމެވެ. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ޙިރާ ސްކޫލެއް ބިމެއް ދިނުމުގެ މައްސަލައެއް ނޫނެވެ.

އައްޑޫ ސިޓީ ކައުންސިލުން ތަކުރާރުކޮށް އެތަށް ބިމެއް ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ބޭރުން ދީފައިވާ ކަމުގެ ރިޕޯޓް މީގެ ކުރިންވެސް އަޅުގަނޑުމެން ވާނީ އެތައް ފަހަރަކު ޝާޢިއުކޮށްފައެވެ.

އަޅުގަނޑުމެންގެ މަޤްޞަދަދަކީ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ދެފުށް ފެންނަ ސައްޙަ މަޢްލޫމާތު ސާފުކޮށްދިނުންކަމުގައި އަނެއްކާވެސް ތަކުރާރުކުރަމެވެ. އަދި ޚަބަރާއި މަޢްލުމާތު ފެތުރުމުގައި ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އެކްސްޕްރެސް ނޫހުން ފުރިހަމައަށް ބޯލަނބާނެކަމަށާއި، ބައިނަލްޢަޤުވާމީ ނޫސްވެރިކަމުގެ މިންގަނޑުތަކާއި އެތިކްސް ދަމަހައްޓަން އަބަދުވެސް މަސައްކަތްކުރާނެވާހަކަ ކިޔުންތެރިންގެ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ.

ކައުންސިލަރުންނާއި ކުރެވުނު އިންޓަވިއުތަކުގެ ތެރެއިން

ޓެގްސް: ހިރާ ސްކޫލް އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.