ބޭންކް އޮފް މޯލްޑިވްސް ބްރާންޗެއްގެ ބޭރުން

ހަބަރު

ރިޕޯޓް : ދިވެހިންގެ ބޭންކް، އިޚްތިޔާރީ ބޭންކަކަށް ވުރެ ބޮޑަށް މަޖުބޫރީ ބޭންކަކަށް ވެފައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 26 ސެޕްޓެންބަރ 2023 , އަންގާރަ 09:53 1   617

ދިވެހިންގެ ބޭންކްގެ ގޮތުގައި މާކެޓްކުރާ، ދިވެހިންގެ ޙިއްޞާ އޮންނަ، ދިވެހިރާއްޖޭގެ ހަމައެކަނި ކޮމާޝަލް ބޭންކް ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިވެހިން އެހާ މުހިއްމު ނޫންކަމަށް ދިވެހިންގެ ތެރެއިން ގިނަބަޔަކު ދެކެއެވެ.

ދިގު މާޒީއެއް އޮތް ދިވެހިންގެ ބޭންކާއި ދޭތެރޭ އޮތް އިތުބާރު ކުޑަވެ ރައްޔިތުން އެދޭ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ އެބޭންކަށް ވަނީ ނުކުޅެދިފައެވެ. މިއަދު ދިވެހިން ދެކެނީ ދިވެހިންގެ ބޭންކަކީ، އިޚްތިޔާރީ ބޭންކަކަށް ވުރެ ބޮޑަށް، މަޖުބޫރީ ބޭންކެއްގެ ގޮތުގައެވެ.

މި ރިޕޯޓުގައި މިބަލާލަނީ ބީއެމްއެލް އާއި ގުޅޭގޮތުން ރައްޔިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކުގެ ތެރެއިން މައިގަނޑު ތިން ކަންބޮޑުވުމަކަށެވެ.

ބައިނަލްޢަޤުވާމީ ކާޑުތައް ބޭނުން އެދެވޭ ގޮތެއްގައި ނުކުރެވުން

ރާއްޖޭގައި ދޫކުރަމުންދާ ބައިނަލް ޢަޤުވާމީ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ އެކްސްކްލޫސިވް އެޖެންޓުކަން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާއިރު، ނުކުޅަދާނަ ބޮޑު އިންޓަރެސްޓެއް އަންނަނީ މިކާޑުތަކަށް ޗާޖު ކުރަމުންނެވެ. މި ކާޑުތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން، 2.5 ޕަސެންޓާއި 4 ޕަސެންޓާއި ދެމެދުގެ އިންޓަރެސްޓެއް އެބޭންކުން އަންނަނީ ނަގަމުނެވެ.

މެލޭޝިއާ، ސިންގަޕޫރު، އިންޑޮނޭޝިއާ، ދުބާއީ ފަދަ ޤައުމުތަކުގައި ކްރެޑިޓްކާޑުން ވިޔަފާރިކުރީމާ ލިބެނީ ޑިސްކައުންޓެވެ. އަހަރުމެން ދިވެހިން އަތުން ހެސް ކިޔާފަ ނަގަނީ އިންޓްރެސްޓެވެ.

އެއަށްވުރެ ވެސް ކަން ބޮޑު ވާންޖެހޭ ކަމަކީ، ރާއްޖޭއިން ބޭރުގައި އުޅޭއިރު، އެންމެ ބޮޑަށް ބޭނުން ޖެހޭއިރު، މިކާޑުތަކުގެ މާބޮޑު ބޭނުމެއް ނެތުމެވެ. މިއިން ކާޑެއް ބޭނުންކުރަން ޖެހިއްޖެނަމަ އޮންނަނީ ބޮޑު ތަކުލީފަކަށް ވެފައެވެ. ބޮޑު ބޮލު ރިހުމަކަށް ވެފައެވެ. ލިމިޓްކޮޅު ހުސްވާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ.

މިކަހަލަ މާބޮޑު ބޭނުމެއް ނުހިފޭ ކާޑު ދޫކުރާ ޤައުމެއް ރާއްޖެ ނޫނީ މުޅި މިއޭޝިއާ ބައްރުގައި ވެސް އޮވެދާނެހެން ހީނުވެއެވެ.

ބީއެމްއެލް އިން މަޢްލޫމާތު ދެއްވާފައިވާގޮތުގައި، ކިތަންމެ ބައިވަރު ފައިސާއެއް އެކައުންޓު ގައި ހުއްޓަސް، އަދި ކޮންމެ ވައްތަރެއްގެ ކާޑެއް ވިޔަސް، ޑެބިޓް ކާޑެއް ވެއްޖިއްޔާމު، ރާއްޖެއިން ބޭރުގައި އެންމެ ގިނައިން ވިޔަފާރި ކުރެވެނީ 250 ޑޮލަރާއި ހަމައަށެވެ. މިއީ ރާއްޖެއިން ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށާއި ބޭސް ވެރިކަމާއި އެހެން ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދާ މީހުންނަށް އެކަށީގެންވާ ޢަދަދެއްކަމަށް ގިނަ ބަޔަކު ނުދެކެއެވެ.

ކޮވިޑް ގެ ކުރިން ބޭނުން ވަރަކަށް މިކާޑުތަކުން ވިޔަފާރިކުރުމުގެ ފުރުޞަތު އޮތް އިރު، މިހާރު އެކަން އެގޮތަށް ނުވަނީ ކީއްވެގެންތޯ ރައްޔިތުން އަންނަނީ ސުވާލު ކުރަމުންނެވެ.

ކްރެޑިޓް ކާޑަށް ބަލާއިރު ވިސާ ކްލެސިކް އަދި ގޯލްޑް ކާޑަކަށް ބޭނުންކުރެވެނީ މަހަކު އެންމެ 750 ޑޮލަރާއި ހަމައަށެވެ. މިއީ ގިނަ ޤައުމުތަކަށް ދަތުރުކުރާއިރުު ޓިކެޓު ވެސް ނުދެއްކޭ ވަރުގެ ލާރިކޮޅެއް ކަމަށާއި، މިހާވަރުން އޮންލައިންކޮށް ރަނގަޅު އެއްޗެއް ވެސް ނުގަނެކަމަށް ޒުވާން ކުދިން ދަނީ ބުނަމުންނެވެ.

ވިޔަފާރިވެރިން ބުނަނީ، ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓިކެޓް ގަނެފިނަމަ، އޮންނަނީ ހޮޓަލަށް ފައިސާ ދައްކާނެ ގޮތް ހުސްވެފައި ކަމަށެވެ.

ރާއްޖެއިން ބޭރަށް އެއްވެސް ކަމެއްގައި ދާނަމަ ބޭރުފައިސާ އާއި ނުލައި އެއްކަމެއް ވެސް ނުކުރެވެއެވެ.

ހަ އަހަރު ކުރިން ވެސް 500 ޑޮލަރު

ހަނދުމަފުޅު ހުންނާނެ ފަދައިން، ރައީސް ޔާމީން ގެ ވެރިކަމުގެ ކުރިން، ބޭންކަކުން ޑޮލަރު ވިއްކުމަށް ދޫކުރީ ދުވާލާކަށް އެންމެ 150 ނަމްބަރެވެ. އެނަމްބަރުތައް ހުސްވީމާ ހުސްވީއެވެ. ބަލިމީހުން ތީ ބީ ހަދާނެ ގޮތް ހުސްވެފައެވެ. މައިންބަފައިން ތިބެނީ ބޭރަށް ކިޔަވަން ފޮނުވި ދަރިފުޅަށް ފައިސާ ނުފޮނުވޭތީ އެކަމާއި ކަންބޮޑުވެ ލޮލުފިޔަ ނުޖަހައެވެ.

ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، ދިވެހި ކޮންމެ ރައްޔިތަކު ފުރާއިރު ޓިކެޓާއި އެކު 500 ޑޮލަރު އެއަރޕޯޓު ކައުންޓަރުން ލިބޭނެ އިންތިޒާމު ހަމަޖެއްވުމާއި އެކު ޑޮލަރުގެ މައްސަލައަށް ބޮޑު ލުޔެއް އައިކަމަށް ގިނަބަޔަކު އެއްބަސްވެއެވެ. އެއީ 2016 ވަނަ އަހަރެވެ. އޭގެ ފަހުން މިއަދާއި ހަމައަށް 7 އަހަރު ވެފައިވާއިރު، ތަކެތީގެ އަގު އުފުލި ޚަރަދު ބަރަދު ބޮޑުވެފައިވާ މިދަނޑިވަޅުގައި 500 ޑޮލަރުން ނުފުދޭކަމުގެ ޝަކުވާތައް ވަނީ ގިނަ ވެފައެވެ.

މިއީ ރިޔާސީ އިންތިޚާބުގެ ވަޢުދުތައް ވެސް ވަމުންދާ ދުވަސްވަރެކެވެ. އެއް ކެންޑިޑޭޓަކު ވަޢުދުވެ ވަޑައިގެންފައިވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ޑޮލަރު އޭޓީއެމް މެޝިން ބަހައްޓާނެކަމަށެވެ.

މިހާތަނަށް އައިއިރު، މާލެ ފިޔަވައި އެންމެ ބައިބޯ ސަރަޙައްދު ކަމުގައިވާ އައްޑޫގައި ވެސް ޑޮލަރު އޭޓީއެމްއެއް ބެހެއްޓިފައި ނުވެއެވެ. އިންޓަނޭޝަނަލް އެއަރޕޯޓެއް އޮވެފައި، މާލޭ އެއަރޕޯޓު ކައުންޓަރުން ފުރާއިރު ޑޮލަރު ކޮޅު ނެގިފައި، އައްޑޫގައި ނުނެގެންވީ ކީއްވެތޯ ރައްޔިތުން ސުވާލު އުފައްދައެވެ. ހަމަ މިއާއިއެކު އޭޓީއެމްތައް މަދުވުމުގެ މައްސަލަ އަކީ ވެސް ބޮޑު ކަންބޮޑުވުމެކެވެ.

ވިޔަފާރިވެރިންނަށް ކަޅު ބާޒާރަށް ދާން މަޖުބޫރު

ރާއްޖޭގެ އެއްވެސް ބޭންކަކުން ޢާއްމު ފަރާތަކަށް ޑޮލަރު ނުވިއްކައެވެ. ވިޔަފާރިތަކަށް ކޮވިޑްގެ ކުރިން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާއިރު ބީއެމްއެލް އިން 30 އިން ސައްތަ ދިން ނަމަވެސް އެއަދަދު 10 އިންސައްތަ އަށް ތިރިކޮށްފައި އޮންނަތާ ކިތަންމެ ދުވަހެކެވެ.

ކަޅު ބާޒާރުގައި ޑޮލަރު ގަންނަނަން ވިޔަފާރިތަކަށް ވަނީ މަޖުބޫރު ވެފައެވެ.

ވިޔަފާރިވެރިންގެ ތެރެއިން މީހަކު ބުނެފައިވަނީ މިހާރު ޑޮލަރެއް ގަންނަން ލިބެނީ 17.90 ލާރިއަށް ކަމަށެވެ. މަރުކަޒީ ބޭންކުގެ އެންމެ މަތީ ރޭޓަކީ 15.42 ލާރިއެވެ.

ބޮޑު އަގުގައި ވިޔަފާރިތަކުން ޑޮލަރު ގަތީމާ ފިޔާ ބިސް އަލުވީގެ އަގު ވެސް ބޮޑުކުރަން ވިޔަފާރިތަކަށް މަޖުބޫރުވާކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ވިޔަފާރިތަކުން ތިބީ ސަރުކާރާއިމެދު ވަރަށް ބޮޑަށް ހިތް ހަމަ ނުޖެހިފައެވެ. ވަކިން ޚާއްޞަކޮށް މިސަރުކާރާއި ދޭތެރޭގައެވެ.

އެމީހުން ބުނާ ގޮތުން ދިވެހިންގެ ބޭންކުން ދިވެހިންނާއި އަޅާނުލައެވެ. ބޮޑު އިންޓަރެސްޓްގައި ލޯނު ވިއްކައިގެން ބޮޑު ފައިދާ ހޯދައި ސަރުކާރުގެ އެޖެންޑާތަކަށް ލާރި އަޅަމުންދާ ދިއުން ރައްޔިތުން ބަލައި ނުގަނެއެވެ.

ރައްޔިތުން ތިބީ މިނޫން ގޮތަކަށް އެދިއެދިއެވެ. ދިވެހިންގެ ބޭންކު މަޖުބޫރީ ބޭންކަކުން އިޚްތިޔާރީ ބޭންކަކަށް ބަދަލުވާން ޖެހެއެވެ.

ޓެގްސް: ބީއެމްއެލް ޔޫއެސްޑޮލަރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.