ރައީސް މުޙައްމަދު ނަޝީދު

ހަބަރު

މިދައުރުގައި އިތުރަށް ދެން އިތުބާރުގެ މައްސަލަ ނުވެއްދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 8 އޮކްޓޯބަރ 2023 , އާދީއްތަ 19:24   521

ރައްޔިތުންގެ މަޖިލީހުގައި، ދައުރެއްގެ ތެރެއިން ދެ ފަހަރަށް އެއްކަމެއްގައި އިތުބާރުގެ މައްސަލަ ވެއްދޭނެކަމަށް ދެކެވަޑައިނުގަންނަވާކަމަށް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ވައްދަން ބޭނުންވާކަމަށް، ހުޅުމާޅެ މާލެ ދާއިރާގެ މެމްބަރު، އަދި ރައީސް ސޯލިޙްގެ ކޮއްކޯފުޅު އަލީ ނިޔާޒު ވިދާޅުވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ރޭ އޮތް ބައްދަލުވުމުން ވަނީ އަނެއްކާ ވެސް އެމައްސަލަ އަލުން ހުށަހެޅުމަށް ވެސް ނިންމާފައެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދައުރެއްގެ ތެރެއިން އިތުބާރުގެ މައްސަލައެއް އެއްކަމަށް ހުށަހެޅޭނީ އެއްފަހަރު ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ނިމި، އެމްޑީޕީއަށް އެއްބުރުން އިންތިޚާބު ކާމިޔާބުނުވެ، ޑިމޮކްރެޓުންގެ ތާޢީދު ދެވަނަ ބުރެއްގައި ލިބޭނެކަމަށް ދެކި، ރައީސް ނަޝީދު އާއި ނައިބު ރައީސް އީވާ ޢަބްދުއްﷲ ގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ އަނބުރާ ގެންދަވާފައެވެ. ނަަމަވެސް، ރައީސް ނަޝީދުގެ ޝަރުތަކަށްވީ ބަރުލަމާނީ ނިޒާމަކަށް އެމްޑީޕީ އިން ތާޢީދުކޮށް، ދެވަނަ ބުރުގެ ވޯޓުގެ ކުރިން އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމެވެ. އެމްޑީޕީ އިން އެގޮތަށް އެއްބަސް ނުވުމުން ޑިމޮކްރެޓުން ނިންމީ އެމްޑީޕީ އަށް ދެވަނަ ބުރުގައި ތާޢީދު ނުކުރުމަށެވެ.

ކުރިއަށް އޮތް ޑރ. މުޢިއްޒުގެ ސަރުކާރުން ޑިމޮކްރެޓުންނަށް ޖާގަ ދެއްވާނެކަމަށް ވިދާޅުވެފައިވާއިރު، ޑިމޮކްރެޓުން ވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަަމަވެސް، ޑިމޮކްރެޓުން ޑރ. މުޢިއްޒުގެ ސަރުކާރެއްގައި ބައިވެރިވުމަކީ އެމްޑީޕީ ބޭނުންވާ ގޮތެއް ނޫންކަމަށް މަޢްލޫމާތު ލިބެއެވެ. ހަމައެހެންމެ، ޑިމޮކްރެޓުންނާއިއެކު މަސައްކަތްކުރުމަށް ވެސް އެމްޑީޕީ އިން ބޭނުމެއް ނުވެއެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.