އިލެކްޝަން ކޮމިޝަން (އީސީ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން އައްޑޫ ސިޓީގެ އަބާދީއަކީ 35,182 އެވެ. އެެހެންކަމަށްވާނަމަ، ޤާނޫނުގައި ބަޔާންކުރާ ގޮތުން، އައްޑޫ ސިޓީއަށް ރައްޔިތުންގެ މަޖިލީހުގައި ތަމްޞީލްކުރުމަށް ޖުމްލަ 8 ގޮނޑި ލިބެއެވެ.
މިއީ ނިސްބަތުން ބަލާއިރު ގޮނޑިއަކަށް 4،397 މީހުންނެވެ.
މުޅި ހިތަދޫގެ އާބާދީއަކީ 16،777 ކަމަށް އިލެކްޝަނުން ހާމަކޮށްފައިވެއެވެ. އަދި މި އަދަދު 4،397 އިން ގެއްލުމުން ހިތަދޫއަށް 4 ގޮނޑި ލިބެންޖެހޭކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.
މިހާރު އިލެކްޝަނުން އާންމުކޮށްފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް" ގައި ހިތަދޫއަށް 3 ގޮނޑި ކަނޑައަޅާފައިވަނީ ގާނޫނުގައި ބުނާ ވޭރިއޭޝަންގެ %15 އަށްވުރެ މާބޮޑަށްވެސް މަތިކޮށެވެ.
އެހެންކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތާއި ބޮޑު ފުށުއެރުމެއް އެބައޮތެވެ.

ހިތަދޫގެ އާބާދީއަކީ މުޅި އައްޑޫ ސިޓީގެ އަބާދީގެ ދެބައިކުޅައެއްބަޔަށްވުރެ ބޮޑު އާބާދީއެކެވެ.
އެކަން އެހެން އޮތްވައި، މިފަހަރުވެސް ހިތަދޫއަށް 4 ގޮނޑި ނުދިނުމަށް އިލެކްޝަނުން ނިންމަން މަސައްކަތްކުރައްވަނީ، މިހާރު މަޖިލީހުގައި ތަމްޞީލްކުރާ ބައެއް މެންބަރުންނަށް ފަސޭހަކޮށް އެގޮނޑިތައް ކާމިޔާބުކުރެވޭނެގޮތް ހޯދައި މަގުފަހިކުރުމަށްޓަކައިކަމަށް ވޯޓު ލިބޭނެކަމަށް އެފަރާތްތަކުން ބަލާ ސަރަޙައްދުތައް ހިމަނައިގެންކަމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އަންނަނީ ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހިތަދޫ އިން ވާހަކަދެއްކި ގިނަ ރައްޔިތުން ބުނެފައިވަނީ މިކަން މިގޮތަށް ނިންމައިފި ނަމަ ހިތަދޫގައި ދިރިއުޅޭ ރައްޔިތުންގެ މުޅި އާބާދީއަށާއި ކެންޑިޑޭޓުންނަށް ކުރިމަތިލާން ތިބި އެތައްބަޔެއްގެ އިންތިޚާބީ ޙައްޤައް އުނިކަން އަންނާނެކަމަށެވެ. އަދި ވަކި ގޮތަކަށް ކަންކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އެކަމުގައި އިތުރަށް ރައްޔިތުން މަޖިލީހުގައި އޭރަކު ތިބޭ މެމްބަރުންގެ ރުހުމާއި ލަފާ ހޯދަން ނުޖެހޭކަމާއި، އެއީ އިންތިޚާބުތަކަށް މަޖިލީހުގެ ބައެއް މެމްބަރުން "ނާޖާއިޒު ނުފޫޒު" ފޯރުވަމުންދާކަމަށް ދެކޭކަމަށެވެ.
އިލެކްޝަނުން އާންމުކޮށްފައިވާ ވަގުތީ ރިޕޯޓަށް ޚިޔާލުހުށަހެޅުމުގެ ވަގުތު ހަމަވެފައިވާއިރު، އެންމެ ގިނަ ޢަދަދަކަށް ޝަކުވާ އުފުލާފައިވަނި ވެސް މިމައްސަލަ އާއި ގުޅިގެން، އައްޑޫސިޓީއިން ކަމުގައި އިލެކްޝަންސް ކަމިޝަނުން ބުނެފައިވެއެވެ.
އިލެކްޝަންސް ކަމިޝަނުން އަދި މިކަމާއިމެދު ވަކި ގޮތެއް ނިންމާފައި ނުވެއެވެ.