ރައީސް ސޯލިޙް، އޭސީސިއިން ވަނީ މަސައްކަތް ހުއްޓާލުމަށް އަމުރުކޮށްފައި އަދި އިންތިޤާލީ އޮފީހުން ގެންދަވަނީ ތަކުރާރުކޮށް އެއްބާލުން ދެއްވުމަށް ދަންނަވަމުން

ހަބަރު

17 ދުވަސް ބާކީ، ސަރުކާރުން އަދިވެސް ބޭނުންވަނީ އިތުރު ގޯތިދީ، ފްލެޓްތަކާއި ވަޒީފާތައް ދޭން!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 އޮކްޓޯބަރ 2023 , ހޯމަ 17:12   824

ސަރުކާރު އެކީއެއްކޮށް ނިމެން ބާކީ އޮތީ އެންމެ 17 ވަރަކަށް ދުވަހެއެވެ. އޭގެ ފަހުގައި އިންތިޚާބީ ރައީސް ވެރިކަމާއި ޙަވާލުވެވަޑައިގަންނަވާނެއެވެ. ނަމަވެސް މި ކުޑަދުވަސްކޮޅުގައި ވެސް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ އިތުރަށް ބިންތައް ދޫކޮށް، ފްލެޓްދީ، ވަޒީފާތައް ދިނުމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތައް ބުނާގޮތުން، އާވެރިޔަކު އިންތިޚާބުވުމަށްފަހު ވެރިކަމާއި ޙާވާލުވަންދެން، އެމަރުޙަލާ ފުރިހަމަކުރުމަށްޓަކައި އިންތިޤާލީ އޮފީހެއް ޤާއިމުކޮށް އެ އޮފީހަށް ސަރުކާރުގެ އެއްބާރުލުން ލިބެންޖެހެއެވެ.

ޑރ. މުޢިއްޒުގެ އިންތިޤާލީ އޮފީހުން އެންމެ ފުރަތަމަ ވެސް އެދުނީ އެއްބާލުންދެއްވުމަށާއި، އެއްވެސް އާ ޕްރޮޖެކްޓެއް ނުފެށުމާއި، ޚަރަދެއް ނުކުރުމަށާއި، އިތުރު ވަޒީފާތައް ނުދިނުމަށެވެ.

ނަމަވެސް ހަމަ ދޭތެރެއަކުން ފެނިގެންދަނީ ޢާއްމު އުސޫލްތައް ބޮލާލާއިޖަހައި ދާތަނެވެ. ސަރުކާރުން ވަނީ މިވީ ކުޑަ ދުވަސްކޮޅުގައި ބޭރުގެ އެމްބަސީއަކަށް ވެސް ގާތްމީހަކު ޢައްޔަންކޮށްފައެވެ. އިންތިޤާލީ އޮފީހުން ވަނީ އިތުރަށް ދެން އެމްބަސީތަކަށް މީހުން ކަނޑަނޭޅުމަށް ސަރުކާރުގެ ކިބައިން އެދިފައެވެ.

މިއަދު ކުއްލިގޮތަކަށް ފަލަ ސުރުޚީއިން ފެނިގެން ދިޔައީ ސަރުކާރުން ބާކީ މިއޮތް ދުވަސްތަކުގައި ފުރަތަމަ 4،000 މީހުނަށް ބިންދޭނެކަމަށާއި ފްލެޓްތައް ދޭނެކަމަށް ބުނާވާހަކައެވެ. ހަމައެހެންމެ ހުޅުމާލެ އާއި ޖެހިގެން، މިހާރު ހިއްކާފައިވާ ފަރުކޮޅުފުށިން އަމިއްލަ ފަރާތްތަކަށް އެއްވެސް ކަހަލަ ލޭންޑްޔޫޒް ޕްލޭނެއް ވެސް ނިންމުމެއް ނެތި ބިންތައް ދޫކުރާނެ ވާހަކައެވެ.

މިކަމާއި ގުޅިގެން މިހާރު އެންޓި ކޮރަޕްޝަން ކަމިޝަން (އޭސީސީ) އިން ވަނީ، ވެރިކަން ބަދަލުވަމުންދާ މިމަރުޙަލާގައި، އެކަން އެގޮތަށް ނުކުރުމަށް އާބަންކޯ (ކުރީގެ އެޗްޑީސީ) އަށް ލިޔުމުން އަންގާފައެވެ.

އޭސީސީ އިން މިފަދަ އެންގުމެއް އަންގާފައިވަނީ ޑރ. މުޢިއްޒުގެ އިންތިޤާލީ އޮފީހުން މިފަދަ ޙަރަކާތްތައް ނުގެންދިއުމަށް އެދިފައިވަނިކޮށެވެ.

އިންތިޤާލީ މަރުޙަލާގައި ސަރުކާރުގެ ފަރާތުން ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް، އިންތިޤާލީ މަރުޙާލާގައި އެއްބާރުލެއްވުން ދެއްވަނީ ކިހާވަރަކަށް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް، ޢާއްމު ގިނަފަރާތްތަކުން ދެކެނީ ސަރުކާރުގެ އެކި އިދާރާތަކުން ކުރައްވަމުން ގެންދަވާ ކަންކަމަކީ ރައީސް ސޯލިޙް އާއި އެމްޑީޕީގެ ބައެއް އިސްވެރިންގެ އެންގުމަށް ހިންގަމުންދާކަންކަމަށެވެ.

މިކަމާއި ގުޅިގެން އިންތިޤާލީ އޮފީހުން މިއަދު ބުނެފައިވަނީ، މިފަދަ ޢަމަލުތަކަކީ ކަރަޕްޝަންގެ ޢަމަލުތައް ކަމަށާއި އެކަންކަން ބެލުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.

ޓެގްސް: އެންޓި ކޮރަޕްޝަން ކޮރަޕްޝަން އޭސީސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.