ރައީސް ސޯލިޙް އަދި ފިނޭންސް މިނިސްޓަރު އަމީރު | ސަރުކާރުން ބުނަނީ ދަރަނި ބޮޑުވީ ކޮވިޑާއިހެދިކަމަށް

ހަބަރު

ދައުލަތުގެ ޢާމްދަނީގެ %22 ހޭދަކުރަން ޖެހިފައިއޮތީ ދަރަނި ދެއްކުމަށް، ޚަރަދުތައް ކުޑަކުރަން މަޖުބޫރު!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 ނޮވެންބަރު 2023 , ބުދަ 12:15   769

މިހިނގަމުންދާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ހަމަވާއިރު، ދައުލަތުގެ ޢާމްދަނީގެ 22 އިންސައްތަ ހޭދަކުރަން ޖެހިފައިއޮތީ ދަރަނި ދެއްކުމަށެވެ.

މިއީ ނިސްބަތުން ބަލާއިރު ކޮންމެ 100 ރުފިޔާއަކުން 22 ރުފިޔާއެވެ.

ތަފާސްހިސާބުތަކުން ފެންނަގޮތުގައި އަންނައަހަރު އެކަނިވެސް، ހަމައެކަނި ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހޭ އިންޓަރެސްޓްގެ ގޮތުގައި ވެސް 5.2 ބިލިއަން ރުފިޔާ އެބައޮތެވެ. އަދި އިތުރު 2.2 ބިލިއަން ރުފިޔާ ބޭރުގެ ދަރަނިތަކަށް ދައްކަން ޖެހެއެވެ.

ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ ނިސްބަތް ހުރީ 99 އިންސައްތައިގައެވެ. އެހެންކަމުން ރާއްޖެ އޮތީ ވަރަށް ވެސް ނާޒުކު ފައްތަރެއްގައިކަމަށް ކަމާއިބެހޭ މާހިރުން ބުނެފައިވެއެވެ.

ސަރުކާރުން ކުރިން ބުނެފައިވަނީ ދަރަނިތައް ބޮޑުނުވާކަމަށެވެ. އަދި ފަހުން ބުނެފައިވަނީ ދަރަނިތައް ބޮޑުވާން މެދުވެރިވީ ކޮވިޑްއާއިހެދި ކަމަށެވެ. އެކަމަކު ހިސާބުތަކުން ފެންނަން ހުރިގޮތުގައި ސަރުކާރުން މުޅިންވެސް ލޯނު ނަގަމުން އައިސްފައިވަނީ ރަށްރަށުގެ ބިން ހިއްކުމަށާއި މަގުތަކުގައި ތާރު އެޅުމަށެވެ.

ރާއްޖޭގެ މާލީ ޙާލަތާއި ބެހޭގޮތުން ބޭރުގެ އެކިއެކި އިދާރާތަކުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ދަރަނި ހުރީ ނުރައްކާތެރި މިންވަރެއްގައި ކަމަށާއި، ގިނަ ދަރަނިތައް ނަގާފައިހުރީ އިޤްތިޞާދީ މަންފާ ނުލިބޭ އިންފްރާސްޓްރަކްޗާރ ޕްރޮޖެކްޓްތަކަށް އެކަނިކަމަށެވެ.

މިހާރު ރާއްޖެ ގޮސްފައިވާ ހިސާބުން، އަލަށް އިންތިޚާބުވެފައިވާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވެސް ފަސޭހަ ނުވާނެކަމަށް އިޤްތިޞާދީ މާހިރުން ދަނީ ބުނަމުންނެވެ.

ދައުލަތުން ސިޔާސީ ބޭނުންތަކަށާއި އިންތިޚާބުތަކަށް ނުފޫޒުފޯރުވުމަށް ސަބްސިޑީ އާއި އާސަންދަައިގެ ފަންޑުތައް ބޭނުންކޮށްފައިވާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ތަކުރާރުކޮށް ފާޅުކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ދާދި ފަހުން މަޖިލީހުގެ ތަޅުމުގައި ބުނެފައިވާގޮތުން، އެންމެ ފަރުދަކަށް އާސަންދައިގެ ބަޖެޓުން އުސޫލްތަކުން ބޭރުން 2 މިލިއަނަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވެއެވެ.

އަދި ދައުލަތުން އާސަންދައަށް ކުރާ ޚާރަދު މިއިން ޒަމާނަކު ނުދާހާ މައްޗަށް ގޮސް، މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެވެސް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިހިނގަމުންދާ ސަރުކާރުން ޚަރުކުރާނެ ވާހަކަތައް ދެއްކި ނަމަވެސް، ޢަމަލީގޮތުން އެފަދަކަންކަމެއް ދައުރު ނިމިގެން ދިޔައިރުވެސް ފެނިފައި ނުވެއެވެ. މުވައްޒަފުންގެ ޢަދަދުތައް ވެސް ދިޔައީ އިންތިހާއަށް މަތިވަމުންނެވެ.

މިހާރު ކަންކަން ގޮސްފައިވާ ހިސާބުން، ޑރ. މުޢިއްޒުގެ ސަރުކާރަށް މަޖުބޫރުވެފައި އޮތީ ޚަރަދުތައް ކުޑަކުރުމަށެވެ. ސަބްސިޑީތައް މަދުކުރަން ޖެހެއެއެވެ. އާސަންދަގެ ފައިސާ މެނޭޖް ކުރެވެން ޖެހެއެވެ. ހަމަހަމަ ކަމަކީ، އަދި އިންސާފުވެރި ގޮތަކީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ގިނައިން އެހީތެރިކަން ލިބުމެވެ.

ޓެގްސް: ޚިޔާލު އާސަންދަ ދައުލަތުގެ ދަރަނި ފިނޭންސް މިނިސްޓްރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.