ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން، މީގެ 70 އަހަރު ކުރިން

ހަބަރު

ޚަރަދު ބޮޑުކޮށް ހުވާކުރުމުގެ ސަޤާފަތް ފެއްޓެވީ ރައީސް އިބޫ!

ޙުޞައިން އިރުޝާދު - ދިވެހި ރާއްޖެ | 1 ނޮވެންބަރު 2023 , ބުދަ 21:14   1828

ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ ނައިބު މަގާމުގެ ހުވާކުރެއްވުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިންނެވެ. އަދި މި ހުވާލާދެއްވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ.

ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ޖެނުއަރީ 1، 1953 ގައި ރައީސް ކަމުގެ ހުވާ ކުރެއްވީ، މަޖީދިއްޔާ ސްކޫލްގެ ދާރުލްއުލޫމް ހޯލުގައި ވަރަށް އާދައިގެ ގޮތަކަށެވެ.

އޭގެފަހުން ރަސްމިއްޔާތުތައް ބޭއްވިފައިވާ ގޮތް

  • ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު - 1968 އަހަރާއި 1973 ގައިވެސް ހުވާކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި
  • ރައީސް މައުމޫން 1978 ގައި ފުރަތަމަ ހުވާ ކުރެއްވީ ވެސް ރައްޔިތުންގެ މަޖިލީހުގައި
  • ނަމަވެސް ދެވަނަ ދައރުގައި، ރައީސް މައުމޫން 1983 ގައި ހުވާކުރެއްވީ މާލޭ ހިއްކި ބިމުގައި
  • އަދި 1990 ވަނަ އަހަރު ރައީސް މައުމޫން ހުވާކުރެއްވީ ސާކް ސަމިޓަށް ހުޅުވި ދަރުބާރުގޭގައި
  • އޭގެ ފަހުން ރައީސް މައުމޫން މުޅިންވެސް ހުވާ ކުރެއްވީ އެތަނުގައި
  • 2008 ގައި ރައީސް ނަޝީދު ވެސް ހުވާ ކުރެއްވީ ދަރުބާރުގޭގައި
  • 2012 ގައި ރައީސް ވަޙީދު ހުވާކުރެެއްވީ ރައްޔިތުންގެ މަޖިލީހުގައ
  • އަދި 2013 ގައި ރައީސް ޔާމީން ހުވާ ކުރެއްވީ ދަރުބާރުގޭގައި

މި ހުރިހާ ދައުރުތަކެއްގައި ވެސް ރަސްމިއްޔާތުތައް ބޭއްވިފައިވަނީ މާ ބޮޑު ޚަރަދުތަކެއް ނުކޮށެވެ. މުވާސަލާތީ ޚިދުމަތްތައް ފަހިވެފައިވާ މިޒަމާނުގައި ކޮންމެ ތަނެއްގައި ހުރެގެން ވެސް ވަގުތުން އަޑާއި މަންޒަރު ފެނެއެވެ.

ނަމަވެސް، 2018 ވަނަ އަހަރު ވެރިކަމަށް ހޮވިވަޑައިގަތް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)، ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގަލޮޅު ދަނޑުގައެވެ. އޭރު އެ ޖަލްސާއަށް 17 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ސޯޝަލްމީޑިއާގައި އަޑުފެތުރިފައިވެއެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާއަށް 70 އަހަރު ފުރޭ މި އަހަރުގެ، ރިޔާސީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަ 22 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރަން ނިންމާފައިވާ ވާހަކަ އަކީ މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކަ ކަން ގައިމެވެ. މިރަސްމިއްޔާތު ބޭއްވުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ޖުމްހޫރީ މައިދާނުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މި ޖަލްސާގެ އެންމެހައި އިންތިޒާމުތައް ހަމަޖެސުން ޓެންޑަރ ބޯޑުން ޙަވާލުކޮށްފައިވަނީ، ސިފައިންގެ ކުންފުނި، ސިފްކޯ އާއި ކަމަށެވެ.

ވިސްނާލަންޖެހޭ މުހިންމު ނުކުތާއަކީ، މިރަސްމިއްޔާތަކީ މިހާބޮޑު ޚަރަދެއް ކުރަންޖެހޭ ޖަލްސާއެއްތޯއެވެ؟ އަޅާކިޔާއިރު، 22 މިލިއަން ރުފިޔާއަކީ، މާލޭ ސިޓީ ކައުންސިލްގެ ދެ މަސް ދުވަހުގެ ހިންގުމުގެ ޚަރަދެވެ. އައްޑޫ ސިޓީ ކައުންސިލް ނަމަ 4 މަސްދުވަހުގެ ހިންގުމުގެ ޚަރަދެވެ. އަދި ގދ. އަތޮޅު ކައުންސިލް ނަމަ ދެ އަހަރު ދުވަހުގެ ހިންގުމުގެ ޚަރަދެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަކީ ކާމިޔާބީ ފާހަގަކޮށް އުފާފާޅުކުރުމުގެ ޙަފްލާއެއް ނޫނެވެ. އަދި އެ ރަސްމިއްޔާތެކެވެ. އެއީ ހުރިހާ ރައްޔިތުން ހާޒިރުވާންޖެހޭ ޖަލްސާއެއް ވެސް ނުމެނޫންމެއެވެ. މިއީ ބަދަލުކުރަންޖެހޭ ސަޤާފަތަކެވެ. އުފާފާޅުކުރުމުގެ ޙަފްލާތައް ބާއްވަންޖެހެނީ މުނާސަބު އެކަމަށް ކަނޑައެޅިފައިވާ ޙާލަތްތަކުގައެވެ.

އަނެއްކޮޅުން ޤައުމުގެ ކައްޕިތާނު ބަދަލުވެ މިސްރާބު އާ ވެގެންދާ މިދަނޑިވަޅަކީ ޤައުމު ދަރަނިވެރިވެފައިވާ ދަނޑިވަޅެއް ވެސްމެއެވެ. ޚަރަދުކުޑަ ކުރުމުގެ ސަޤާފަތް ފެށިގެން އަންނަން ޖެހެނީ ވެރިންގެ ކިބައިންނެވެ. ނަމޫނާ ދައްކަވަން ޖެހޭ ބޭފުޅުންނަކީ އެއީއެެވެ.

އެންމެ ފުރަތަމަ އަޅުއްވާ ބިންގާ ސީދާ ވާންޖެހެއެވެ. ތެދުވާންޖެހެއެވެ. ނޫނީ، ކެއްޗާއި ހަމައަށް ދާފަހުން ދެން ބަލާއިރު އޮންނާނީ އަރިއަޅާ ލާފައެވެ.

ރައީސް ސޯލިހް ފެއްޓެވި ސަޤާފަތް ގޯހެވެ. މިސަޤާފަތް ބަދަލުކުރަން ޖެހެއެވެ.

ޓެގްސް: ޚިޔާލު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ސަރުކާރުގެ ޚަރަދުތައް ސަރުކާރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.