2019 ވަނަ އަހަރު "ޖަޒީރާ އެމްޕީ އެވޯޑް" ހޯއްދެވި އިބްރާހިމް ދީދީ (އައިބީ) އަކީ ފޭދޫގެ ގިނަބައެއްގެ މެދުގައި ސިޔާސީގޮތުން މަޤްބޫލު ފަރާތެއް

ހަބަރު

އައިބީ ފޭދޫ ދެކުނު ގޮނޑިއަށް ނިކުންނަވަން ތައްޔާރު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 ނޮވެންބަރު 2023 , އަންގާރަ 20:15   1825

ސ.ފޭދޫ ރާޒްދާން އިބްރާހިމް ދީދީ (އައިބީ) އައްޑޫސިޓީ ފޭދޫ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް ތައްޔާރުވެވަޑައިގެންފިއެވެ.

ފޭދޫ ދެކުނު ދާއިރާއަކީ 20 ވަނަ މަޖިލީހަށް [އަލަށް] އިލެކްޝަންސް ކޮމިޝަން އިން ދަފްތަރުކޮށްފައިވާ ގޮނޑިއެކެވެ. މި ގޮނޑިއަށް ވާދަކުރުމަށްޓަކައި، އައިބީ ވަނީ ޕީއެންސީ/ޕީޕީއެމް ކޯލީޝަނުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައި މަސައްކަތް ފައްޓަވާފައެވެ.

އައިބީ ވަނީ މީގެކުރިން ވެސް ރައްޔިތުންގެ މަޖިލީހުގައި މެމްބަރުކަން ކުރައްވާފައެވެ. 2013 އިން 2018 އަށް، ރައީސް ޔާމީންގެ ދައުރުގައި އެންމެ ހަލުވި އަދި އެންމެ ހީވާގި މެމްބަރުންގެ ތެރޭގައި، އައިބީ ހިމެނިވަޑައިގަންނަވާކަމަށް އޭރު ރައީސް ޔާމީން ވަނީ ޖަލްސާތަކުގައި ވެސް ވިދާޅުވެފައެވެ.

އަދި އޭރު އައްޑޫގެ ގިނަ މެމްބަރުންނާއި، ޚުދް އައްޑޫސިޓީ ކައުންސިލް ވެސް އެކީއެއްކޮށް ސަރުކާރާއި އިދިކޮޅަށް ނިކުމެވަޑައިގެން، ސަރުކާރުގެ މަޝްރޫޢުތަކަށް ހުރަސް އަޅުއްވަމުން ގެންދެވިއިރު، އައިބީ ދިޔައީ ސަރުކާރާއިއެކު ގާތް ގުޅުމެއް ބާއްވައި، ފޭދޫގެ ރައްޔިތުންނަށް ނުހަނު ބޭނުންވި ގިނަކަންކަން ފަހިވެފައިވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

މިގޮތުން ބިމުގެ ދަތިކަން ބޮޑު ފޭދޫގެ ބިން ހިއްކުމުގެ މަޝްރޫޢު އަކީ ވަކިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އަދި ފޭދު ސްކޫލަށް އޮތް ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމުގެ ގޮތުން އާޢިމާރާތެއް ހޯއްދަވައި ދެއްވިއެވެ. ފޭދޫ ސިއްޙީ މަރުކަޒު އެއަރކޮންޑިޝަންކޮށް ފިނިކޮށްދެއްވުމާއި، އެ މަރުކަޒަށް އެމްބިއުލާންސެއް ހޯއްދަވައިދެއްވުމާއި، ފޭދޫ ސްކޫލްގެ ދަރިވަރުންނަށް ފެންވަރު ރަނގަޅު ކުޅޭ ސަރަޙައްދެއް ހޯއްދަވައިދެއްވުމާއި، ފޭދޫގައި ބޭންކް އޮފް މޯލްޑިވްސް އާއި އިންޑިއާ ބޭންކުގެ އޭޓީމްތައް ބެހެއްޓިފައިވަނީ ވެސް އައިބީގެ ބުރަ މިންނެތް މަސައްކަތުންކަމަށް ފޭދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކެއެވެ.

ފޭދޫ ސްކޫލްގައި ދަރިވަރުން، ހިތަދޫ އަދި ގުޅިފައިވާ އެހެންރަށްތަކަށް އެކިކަންކަމުގައި ދަތުރުކުރުމަށް ބޭނުންކުރާ ސްކޫލް ބަހަކީ ވެސް އައްޑޫގެ ސްކޫލެއްގައި އޮތް ހަމައެކަނި ބަހެވެ. މިކަމަކީވެސް ފޭދޫގެ ގިނަ ބަޔަކު ބަލައިގަތް ކަމެއްގެ ގޮތުގައި ފާހަގަކުރެވޭކަމެކެވެ.

އަޅުގަނޑުގެ ދައުރުގެ ތެރެއިން، ފޭދޫގައި ސާފު ބޯފެނުގެ ނިޒާމެއް ޤާއިމު ކުރެވިގެން ދިޔަ. މީގެ ކުރިން ވާރޭ ނުވެހި ގިނަ ދުވަސްވެއްޖެނަމަ ރައްޔިތުން ބޮޑު ތަކުލީފުތަކެއް އުފުލަންޖެހޭ. ނަރުދަމާ އެޅުނު. އޭގެއިން ވިއްސާރަ މޫސުމުގައި ފެންބޮޑުވުމަށް ޙައްލު ހޯދައިދެވުނު. ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ފުޓުސެލް ދަނޑެއް އެޅިގެން ދިޔައީ ވެސް ފޭދޫގައި، ހަމަ އަޅުގަނޑުގެ ދައުރުގައި.

~ އިބްރާހިމް ދީދީ، އައިބީ

އައިބީ، މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ޙަފްލާގައި | ފޮޓޯ: އެކްސްޕްރެސް ނިއުސް އެމްވީ

އައިބީ ފާހަގަކުރެވިފައިވަނީ އަޚްލާގު ރަނގަޅު، ޒުވާނުންނާއި ވެސް ގުޅޭ، ފޭދޫގެ ރައްޔިތުންނާއި ގާތުން މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އައްޑޫގެ އެހެން ގިނަ މެމްބަރުންނާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގައި ރަނގަޅު ޕާފޯމެންސެއް ދައްކަވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ.

އައިބީ، ދައުރު ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް

މުހިއްމު ކާމީބީތަކުގެ ގޮތުގައި، ދައުރުގެ ފަހު އަހަރު މަޖިލީހުގެ ހާޒިރީ އަށް އެންމެ ފަރުވާތެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެން މަޖިލީހުގެ އިދާރާއިން ވަނީ އެކަން ފާހަގަކުރައްވައި އެވޯޑް ދެއްވާފައެވެ.

ޖަޒީރާ ނޫހުގެ ފަރާތުން 2019 ވަނަ އަހަރުގެ މާޗު މަހު އޮތް "ޖަޒީރާ އެމްޕީ އެވޯޑް" ކާމިޔާބުކުރެއްވީ ވެސް އައިބީ އެވެ. އައިބީ އެ އެވޯޑް ކާމިޔާބު ކުރެއްވީ އަމިއްލަ ދާއިރާއަށް އެންމެ ގިނައިން ޒިޔާރަތްކުރެއްވި މެމްބަރުގެ ގޮތުގައި ވެވަޑައިގަތުމުންނެވެ. ޖުމްލަ 107 ފަހަރު އައިބީ ވަނީ 5 އަހަރުގެ ދައުރު ތެރޭގައި ދާއިރާއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ދާއިރާގެ ޙާލަތު ބައްލަވާފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ނިސްބަތްވާ ޕީއެންސީ/ޕީޕީއެމް ކޯލީޝަނުގެ ވޯޓު ލުން އޮންނާނީ އަންނަ ޖެނުއަރީ މަހުއެވެ.

މިލިޔުމާއި ގުޅޭ

"ޖަޒީރާ އެމްޕީ" އަަކަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ

ޓެގްސް: މެމްބަރު އައިބީ ރައްޔިތުންގެ މަޖިލިސް ޕީއެންސީ ޕީޕީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.