"ޖަޒީރާ ނިއުސް"ގެ ފަރާތުން, "ޖަޒީރާ އެމްޕީ"ގެ ނަމުގައި ދޭ ހާއްސަ އެވޯޑް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ(އައިބީ) އަށް ލިބިވަޑައިގަންނަވައިފިއެވެ.
އައިބީ އަށް މިއެވޯޑް ލިބި ވަޑައިގަތީ، އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ދާއިރާއަށް އެންމެ ގިނައިން ޒިޔާރަތްކުރި މެންބަރަށް ވެވަޑައިގެންނެވެ.
މި އެވޯޑް އެރުވުމުގެ ޙަފްލާ އޮތީ، މިރޭ ޗަންޕާ ސެންޓްރަލް ހޮޓެލްގައެވެ. އައިބީ އަށް އެވޯޑް ހަވާލުކޮށްދެއްވީ، ޖަޒީރާ ނިއުސްގެ ޗީފް އެޑިޓަރ، އަހުމަދު ފައިރޫޒްއެވެ.

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އައިބީ ވަނީ 107 ފަހަރު ދާއިރާއަށް ޒިޔާރަތް ކުރައްވައިފައެވެ.
އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޒީރާ އެމްޕީ، އިބްރާހިމް ދީދީ ވިދާޅުވީ، ޖަޒީރާ އެމްޕީ އެވޯޑް އޭނާއަށް ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި 19 ވަނަ މަޖިލީހުގެ މެންބަރުންނަކީ ޒިންމާދާރު ބަޔަކަށް ވާން ޖެހޭ ކަމަށާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެވޭނީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ރައްޔިތުންގެ އަޑު އަހާ ފަރާތްތަކަށް ކަމަށެވެ.