ސަރުކާރުން ފައިސާ ހުސްވެ، ބަދަލުގެ ގޮތުގައި ކޮންޓްރެކްޓަރުންނަށް އިތުރު ވަގުތުދޭން ނިންމައިފިއެވެ.
ސަރުކާރުން މިގޮތަށް ނިންމަވާފައިވަނީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި، ސަރުކާރުގެ ކަމާއިގުޅޭ އެހެން އިދާރާތަކަށް ފޮނުއްވި ސާކިއުލާ މެސެޖެއްގައެވެ.
އެ ސާކިއުލާގައި ވާގޮތުން މިއަހަރުގެ މޭމަހުގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ނުނިމި ހުރިހާ ޕްރޮޖެކްޓްތައް ހިންގަން ޙަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންގެ ތެރެއިން އެކަމަށް އެދޭ ހުރިހާ ފަރާތްތަކަށް މި ފުރުޞަތު ދޭނެއެވެ.
މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ކޮންޓްރެކްޓަރުންނަށް ދައްކާނެ ފައިސާއެއް މިވަޤުތު ސަރުކާރުގައި ނެތެވެ. ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓް ހުސްވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ސަރުކާރުން ބޭނުންވާ ބަޖެޓް، ސިޔާސީ ކޯޅުމެއްގައި ބެދި ވަނީ ކުރިއަށް ނުގެންދެވިފައެވެ.
މި ބަޖެޓް މިހިނގާ ނޮވެމްބަރު މަސް ފެށުމުގެ ކުރިން ފާސްކުރަންޖެހޭކަމަށް ޤާނޫނުތައް ބުނެއެވެ.
ސަޕްލިމެންޓަރީ ބަޖެޓް ފާސްނުކޮށް ސަރުކާރަށް އިތުރަށް ދެން ފައިސާއެއް ހޯދޭނެ ގޮތެއް ނެތެވެ. ނަމަވެސް، ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، "ބަޖެޓް ފާސްކުރުން ވެސް، އެހެންކަމެއް ވެސް ކުރިއަށް ގެންދެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް ނިމުމުން" ކަމަށެވެ.

ނަންނުޖެހުމަށް ޝަރުތުކޮށް، މަޢުލޫމާތު ދިން މީހަކު ބުނެފައިވަނީ، ސަރުކާރު ވަނީ ހަދާނެ ގޮތް ހުސްވެފައެވެ. ސަރުކާރުން މިހާރު ބޭނުންވަނީ، އިތުރު މުއްދަތު ދީގެން، ފައިސާ ނުދެއްކި ހުރި ކުންފުނިތަކުގެ ހިތް ރުއްސައި މައިތިރި ކުރެވޭތޯ ބެލުމަށެވެ.
މީގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކަކީ، ސީދާ ސަރުކާރުގެ ބައެއް ވެރިންނާއި ގާތް ގުޅުންހުރި ފަރާތްތަކެވެ.
ދާދި ފަހުން އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކޮށްފައިވާގޮތުން، ދައުލަތުގެ ތިން ކުންފުއްޏެއްގެ ދަރަނި އެކަނި 9 ބިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ބައެއް ފަރާތްތަކުން ހަޅުތާލުކޮށް މުޒާހިރާވެސް ކޮށްފައިވެއެވެ.
ސަރުކާރުގެ މާލީ ޙާލަތާއި މެދު، ސަރުކާރުން ވެސް، އަދި ރައީސް ސޯލިޙް ވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.