އެއްކުރި ފައިސާ ޙަވާލުކުރަނީ، ރެޑްކްރެސެންޓުން މިފައިސާ ޙަވާލުކުރާނީ އުނިއިތުރެއް ނެތި ފަލަސްޠިނުގެ ރެޑްްކްރެސެންޓާއި

ހަބަރު

އައްޑޫއިން 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ، ފަލަސްޠީނަށް ފޮނުވުމަށް، ދިވެހި ރެޑްކްރެސެންޓާއި ޙަވާލުކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 10 ނޮވެންބަރު 2023 , ހުކުރު 20:49   2089

އައްޑޫ ސިޓީއިން ޙާލުގައި ޖެގިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށްޓަކައި 777،000 އަށް ވުރެ ގިނަ ރުފިޔާ މިއަދު، މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) ޙަވާލުކޮށްފިއެވެ.

އެމްއާރުސީ އާއި މިފައިސާ ޙަވާލުކޮށްފައިވަނީ މިއަދު ހަވީރު އައްޑޫސިޓީ މަރަދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިއީ އައްޑޫގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ގުޅިގެން ހިންގާފައިވާ ފަންޑް ރެއިޒިން އިވެންޓެއްކަމަށް، ޖަމްޢިއްޔާތަކުގެ ފަރާތުން އިސްކޮށް ޙަރަކާތްތެރިވާ ޢަލި ޝައުޒޫން ވިދާޅުވެފައިވެއެވެ.

އަޅުގަނޑުމެން ބެލީ ވީހާވެސް ގިނަ ދިމާލަކުން ފައިސާ އެއް ކުރެވޭތޯ. އަޅުގަނޑުމެން މަރަދޫގެ ރައްޔިތުންގެ އިސްނެގުމެއް މިއީ. ސިޓީ ކައުންސިލަކުން ވެސް ނޫން. ސީދާ ހަމަ ޖަމްޢިއްޔާތަކުން. ދެން އަޅުގަނޑުމެން ނިންމީ މިފައިސާ ރެޑްކްރެސެންޓާއި ޙަވާލުކުރުމަށް. އެއީ، އަޅުގަނޑުމެން ބޭނުންވޭ މިފައިސާއިން އެއްވެސް ފައިސާއެއް އުނިނުވެ ފަލަސްޠީން ރައްޔިތުންނާއި ހަމައަށް ދާން. އެއްވެސް އުނިކަމެއް ނެތި. އެކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ ރެޑްކްރެސެންޓް މެދުވެރިކޮށްކަމަށް އަޅުގަނޑުމެން ދެކެނީ.

~ ޢަލީ ޝައުޒޫން

ޝައުޒޫން އިތުރަށް ވިދާޅުވީ، އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ މަރަދޫގެ މަސްވެރިންގެ ފަރާތުންނާއި މަރަދޫގެ އާއި ހިތަދޫގެ ޢާއްމު ރައްޔިތުންގެ ފަރާތުން ކަމުގައެވެ. އޭގެ އިތުރުން ބައެއް އެހެނިހެން ޖަމިއްޔާތަކުން ހިންގި ޙަރަކާތްތަކުންނާއި ބައެއް ވިޔަފާރިތަކުން ވެސް ކޮންމެވެސް ވަރަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

މަރަދޫ އިން އެކަނި މި ފަންޑަށް 225،000 އަށް ވުރެ ރުފިޔާ ހަދިޔާކޮށްފައިވެއެވެ.

ދިވެހި ރެޑްކްރެސެންޓަކީ ދިވެހިރާއްޖޭގެ ޤާނޫނުން ލާޒިމްކޮށްގެން އުފައްދާފައިވާ ބައިނަލްޢަޤްވާމީ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތެކެވެ. ރެޑްކްރެސެންޓުން މަޢްލޫމާތު ދެއްވި ގޮތުގައި އެފަރާތުން މަސައްކަތްކުރައްވަނީ ސީދާ ފަލަސްޠީނުގެ ރެޑްކްރެސެންޓާއި ގުޅިގެން ފަލަސްޠީން ރެޑްކްރެސެންޓުގެ އެދިލެއްވުމަކަށެވެ.

މިހާތަނަށް ރެޑްކްރެސެންޓަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، އޭގެއިން ބޮޑުބައެއް ވަނީ ފަލަސްޠީނުގެ ރެޑްކްރެސެންޓާއި ޙަވާލުކޮށްފައެވެ.

މީގެކުރިން، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީގެ) ނަމުގައި މިސަރުކާރުގެ ތެރެއިން އުފެއްދި، ޤާނޫނީ ބާރުވެރިކަމެއް ނެތް، އަދި ބައިނަލް ޢަޤްވާމީ މަސްރަޙްގައި ޙަރަކާތްތެރިކަމެއް ނެތް ޖަމްޢިއްޔާއަކަށް ދިވެހިން އެއްކުރި ފައިސާގެ ބޮޑުބައެއް ގޮސްފައިވެއެވެ. މިގޮތުން 28 މިލިއަނަށްވުރެ ގިނަ ފައިސާ ދައުލަތުގެ އިދާރާތަކުން ދީފައިވެއެވެ. އަދި ދައުލަތުގެ މީޑިއާތަކާއި ސަރުކާރުން ފަންޑުކުރާ މީޑިއާތައް މެދުވެރިކޮށް ބޭއްވި ޓެލެތޯނުން އެއްކުރި ހުރިހާ ފައިސާއެއް ވެސް ޖަމާކޮށްފައިވަނީ އައިއޭސީގެ އެކައުންޓްތަކަށެވެ.

އައިސީ އަކީ ފަލަސްޠީންގެ ރެޑްކްރެސެންޓާއި އެއްވެސް ގުޅުމެއް ނެތް ބައެއްކަން އެކްސްޕްރެސް ނިއުސް އަށް ވަރަށް އިތުބާރުހުރި ގޮތަކަށް އެނގިފައިވެއެވެ. އަދި ފަލަސްޠީން ސަރުކާރާއިވެސް، ބައިނަލް ޢަޤްވާމީ އެހެން ޖަމާޢަތާކާއި ވެސް ގުޅުމެއް ނެތެވެ.

ދިވެހި ރެޑްކްރެސެންޓް އާއި ޚިލާފަށް، އެ ޖަމްޢިއްޔާއިން ހިންގުމުގެ ޚަރަދުގެ ގޮތުގައި 12 ޕަސެންޓް ނަގާ މައްސަލައެއް ވެސް ދާދިފަހުން މީޑިއާގައި ފެންމަތިވެފައިވެއެވެ. މިގޮތުން މިހާތަނަށް ރެޑްކްރެސެންޓަށް ލިބުނު ފައިސާއަށްވުރެ އައިސީއަށް ކަމިޝަންގެ ގޮތުގައި ލިބިފައިވާ ފައިސާވެސް ގިނަކަމުގައި ފާހަގަކުރެވެއެވެ. އަދި މެލޭޝިއާގައި ހުރި އޮފީގައި ވެސް ޙަރަކާތެއް ނެތްކަމަށް އެނގިފައެވެ.

އައިއޭސީ އޮޕަރޭޓްކުރަނީ މުޅިންވެސް ދިވެހިން އަތުން ހޯދާ ފައިސާއިންނެވެ. ބޭރުގެ އެއްވެސް ޤައުމެއްގައި އެއްވެސް ސިފައެއްގައި މިހާތަނަށް ޙަރަކާތްތެރިވެފައި ނުވެއެވެ.

ރެޑްކްރެސެންޓާއި ޚިލާފަށް އައިއޭސީ އިން މަޢްލޫމާތުތަކާއި އަހަރީ ރިޕޯޓްތައް ވެސް ޢާއްމު ކޮށްފައިނުވެއެވެ.

ޓެގްސް: ފަލަސްޠީން އެމްއާރުސީ ފަންޑް ރެއިޒްކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.