ދައުރު ނިމުނު އިރުވެސް 37 މިލިއަން ރުފިޔާ ރައީސް ސޯލިޙް އެކައުންޓަށް ވަދެފައިވާ މައްސަލަ އޭސީސީއަށް ބެލިފައިނުވޭ

ހަބަރު

ރައީސް އިބޫ: ދައުރު ނިންމަވާލެއްވީ ކުށްކުރުމަށް ހިތްވަރުދެމުން، ފެއްޓެވީ ޒިރޯ ޓޮލަރެންސް ވިދާޅުވަމުން!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 ނޮވެންބަރު 2023 , އަންގާރަ 20:40   733

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ނިކުމެވަޑައިގެން އެންމެ އަޑަށް ބާރުލައްވާފައި ދެއްކެވީ މައިގަނޑު ދެވާހަކައެކެވެ. އެއީ، ފުރަތަމަކަމަކަށް، އެމްއެމްޕީއާރިސީ އިން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯއްދަވާނެކަމަށެވެ. ދެވަނަ ވާހަކައަކީ، ގޮތް ނޭނގޭ މަރުތައް ތަހުގީގުކޮށް އިންސާފުހޯއްދަވައިދެއްވާނެވާހަކައެވެ.

ދައުރު ނިންމަވާލެއްވިއިރު، މި ދެ ވަޢުދުންކުރެ ވަޢުދަކަށް ކަޅިހިންގައި ބަލާލެވިފައިނެތެވެ. މުޅިން ވެސް ހުންނެވީ އެ ފަދަކަންކަމުގައި އެއްވެސް ޙަރަކާތެއް ނެތި "ރިއެކްޓް" ނުކުރައްވައެވެ.

ގޮތްނޭނގޭ މަރުތަކުގެ ކަންކަން ބެލުމަށްޓަކައި ކޮމިޝަނެއް ހަދައި އެކޮމިޝަނުގެ މެންބަރުންނަށް ދައުލަތުން އިތުރު ޚަރަދުތަކެއް ހިންގުން ފިޔަވައި ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އަދި ރައީސް އިބޫގެ ދައުރުތެރޭގައި ހިންގުމު މަރުތަކަށްވެސް އިންސާފުވެރި ތަހުގީގެއް ހިންގިފައިނުވެއެވެ. ރިޟްވާން އާއި ޔާމީނު ރަޝީދަށް އިންސާފު ލިބިފައިނުވާކަމީ އިބޫގެ އެންމެ ބޮޑު ނާކާމިޔާބެވެ.

އަދި މިކަން ތަހުގީގުކުރުމަށް ރައީސް އިބޫ ފަސްޖެހި ވަޑައިގަންނަވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އެއީ، އެމްއެމްޕީއާރުސީގެ ފައިސާއިން 37 މިލިއަން ރުފިޔާ ރައީސް އިބޫއަށް އަދީބް ދެއްވާފައިވާކަމަށް ބުނާ މައްސަލައެއް އޭސީސީއިން 2019 ގައި ބަލަންފެށިނަމަވެސް ސަރުކާރުން ވަނީ އެމަސައްކަތް ހުއްޓުވާފައިކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެސެޓް ރިކަވަރީ ކަމިޝަންގެ ނަމުގައި ކަމިޝަނެއް އުފައްދައި، ގާތް މީހުން އެތަނަށް ވައްދައި، އެތައް ބަޔަކަށް ނުހައްޤުން ފަސް އަހަރު ވަންދެން މުސާރަ އާއި ޢިނާޔަތްތައް ދީފައިވާއިރު، ގެއްލުނު އެސެޓްތަކުން އެންމެ ތަންކޮޅެއްހާމިނުން އަނބުރާ ހޯދައިދެވިފައި ނުވެއެވެ.

އޭސީސީ އިން ރައީސް ސޯލިޙްގެ އެކައުންޓަށް ފައިސާ ވަދެފައިވޭތޯ ބައްލަވާނެކަމަށް ވިދާޅުވިނަމަވެސް، ފަހުން އެކަމާއި ގުޅޭގޮތުން ވެސް، އަދި އެހެންކަމަކާއި ގުޅޭގޮތުން ވެސް ޚަބަރެއް ވެފައި ނުވެއެވެ.

ކޮންމެއަކަސް، ނޮވެމްބަރު 16 ގައި ރައީސް އިބޫ ދައުރު ނިންމަވާލައްނަނީ ނުހަނު ބޮޑު ލައްގަނޑަކާއެކުއެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުގައި ބައިވެރިވިކަމުގެ ލައްގަނޑާއެކުއެވެ.

އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގެ މުގުލުގައި ހުންނެވިކަމަށް ތަހުގީގުތަކަށް ހާމަވެފައިވާ ކުރީގެ ނައިބްރައީސް އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ ވެރިޔާ ޒިޔަތު އާ ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މާފުދެއްވިދެއްވުމަކީ މިކަމުގެ އަލިގަދަހެއްކެކެވެ. ދައުރުތެރޭގައިވެސް، ފެނިގެންގޮސްފައިވަނީ މި ދެބޭފުޅުންނަށް ލުއިގޮތްތައް ހޯދައިދީފައިވާ މަންޒަރެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ޝާމިލްވާ އެއްވެސް މީހެއްގެ މައްސަލަ ބަލާފައިނުވާތީ ގިނަ ބަޔަކު އެވާހަކަ ދައްކަމުން އަންނައިރުވެސް، އެމަނިކުފާނު އެއްވެސް ވަރަކަށް "ރިއެކްޓެއް" ނުކުރައްވައެވެ. ހުންނެވީ ހަނުއެވެ.

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އަހުމަދު އަދީބު އެމްއެމްޕީއާރުސީ އެމްއެމްޕީއާރުސީ ކަރަޕްޝަން ކޮރަޕްޝަން އޭސީސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.