ހޯމް މިނިސްޓަރަކަށް ހުންނެވި އަދާލަތުޕާޓީ ގެ ރައީސް ޝޭޚް އިމްރާން، ރައީސް އިބޫ އާއިއެކު

ހަބަރު

އަދާލަތުން ސަރުކާރު ކުށްވެރިކޮށްފި، އެކަމަކު ހުރިހާކަމެއް ކުރީ އަދާލަތު އަޑީގައި އޮވެގެން!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 ނޮވެންބަރު 2023 , ބުދަ 09:48   1116

ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ ކުށުގައި ހައްޔަރުކުރެވި އެތައް އަހަރެއްގެ ޖަލު ޙުކުމް ތަންފީޒުކުރަމުން އައި ކުރީގެ ކުރީގެ ނައިބު ރައީސް އަދީބް އާއި އޯޑިޓާޖެނެރަލް ޒިޔަތަށް ކުއްލިގޮތަކަށް ރައީސް ޞޯލިޙް މާފު ދެއްވުމާއި ގުޅިގެން ޢާއްމުންގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، އަދާލަތު ޕާޓީ އިން އެކަންކުށްވެރިކޮށް ބަޔާނެއް ނެރެފިއެެވެ.

މިއީ އަދާލަތުން މިފަދަ ބަޔާނެއް މިދިޔަ 5 އަހަރު ތެރޭގައި ނެރުނު ފުރަތަމަ ފަހަރެވެ.

އަދާލަތު ޕާޓީ ވަނީ މިހާތަނަށް އައިއިރު ގިނަ ދިވެހިން، ދީނީ ޝިޢާރުތައް އިސްކުރަމުން އައި ޕާޓީއެއްގެގޮތުގައި ބަލައިގެންފައެވެ. ނަމަވެސް، ރައީސް ސޯލިޙްގެ ވެރިކަން ފެށުނުފަހުން، ބައިވެރިއެއްގެ ގޮތުގައި ތިބެ، ސަރުކާރުން ކުރަމުންދިޔަ ނޭއްގާނީ އެއްވެސްކަމަކަށް އިސްވެ ބަސްބުނެފައި ނުވެއެވެ.

އަދާލަތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، "އިޢްތިރާފްވެ ޙުކުމްއިއްވާފައިވާ ކުށްވެރިންނަށް އަދަބުނުލިބުން" ބަލައި ނުގަންނަ ކަމަށެވެ.

އަދީބު އާއި ޒިޔަތުގެ މައްސަލަ ކޮށްފައިވާ ޙުކުމްތައް

އަލްޖަޒީރާ އިން ނެރެފައިވާ ޑޮކިއުމެންޓްރީގައި ވާގޮތުން، އެމްއެމް ޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން1.5 ބިލިއަން ޑޮލަރު (23 ބިލިއަން ރުފިޔާ)ގެ މަނީ ލޯންޑްރިންގެ ޢަމަލުތައް، ހޮންކޮންގ ގައި ކުންފުންޏެއް ހަދައިގެން ހިންގާފައިވެއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ކުރީ 2020 ވަނަ އަހަރެވެ. އެއީ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު ދިން ލުއި އަދަބެވެ.

އަދި ޒިޔަތަށް އެންމެ ފުރަތަމަ އިއްވީ 8 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ޅ. މާބިންހުރާ ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ހިޔާނާތުގެ ކުށް ސާބިތުވެގެންނެވެ.

2016 އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު ފިސްތޯލައެއް ގެންގުޅުނު މައްސަލައާއި ރައީސް ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ގައި ބޮން ގޮއްވާލި މައްސަލާގައި ވެސް އަދީބު އަށް ޖުމްލަ 25 އަހަރުގެ ޖަލު ހުކުމް އިއްވާފައިވެއެވެ.

ނޮވެމްބަރު، 2015 ގައި ލަންކާގައި ހުއްޓާ ޝުމްބާ ހައްޔަރުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރެއްވި ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލާގެ ތުހުމަތުގައި އޭރުގެ ނައިބު ރައީސްގެ އަހުމަދު އަދީބު ހައްޔަރު ކުރުމުންނެވެ.

ރައީސް ސޯލިޙް އާއި އެއެމްޕީއާރުސީ މައްސަލަ

ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ރައީސް ޞޯލިޙް ހިއްޕެވިކަމަށް އޭރުވެސް ދިޔައީ ތުހުމަތުގެ އިނގިލި ދިއްކުރެވެމުންނެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައި، 2019 ގައި، ރައީސް ސޯލިޙްގެ އެކަންޓަށް ނާޖާއިޒު ގޮތުގައި 37 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާ މައްސަލައިގެ ތަޙްޤީގުގެ މަސައްކަތް، އެންޓި ކަރަޕްޝަން ކަމިޝަނުން (އޭސީސީ) އިން ފެށިއެވެ. ނަމަވެސް، ރައީސް ޞޯލިޙް ބޯ ހޫރާލައި، އެމަސައްކަތް ހުއްޓުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދައި އެތައް ބަޔަކަށް މުސާރަ ދެމުން ދިޔައިރު، ފަސް އަހަރުގެ ތެރޭގައި އެއްވެސް މައްސަލައެއް ބަލާފައި ނުވެއެވެ.

ރައީސް ސޯލިޙް ވަނީ ދައުރުގެ މެދު ތެރެއިން އެއެމްޕީއާރުސީގެ މައްސަލައިގައި ހައްޔަރުކުރެވުނު އެންމެންނަށް ބޮޑެތި ލުއިތަކެއް ދީފައެވެ.

ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ އެތައްބަޔަކު ގޭ ބަންދަށް ބަދަލުކުރި އެވެ. އޭގެ ތެރޭގައި އަދީބު ވެސް ހިމެނެއެވެ.

ވެރިކަން ނިމެން ކައިރިވެފައި އޮތްވައި އަދީބް އަށް ބޭސްފަރުވާގެ ނަމުގައި ސިންގަޕޫރަށް ފުރުމުގެ ހުއްދަ ދިނެވެ.

އޭގެ ފަހުން ވެރިކަން ނިމެން 3 ދުވަހަށް ވެފައިވަނިކޮށް މިފަރާތްތަކަށް މާފުކޮށްދެއްވިއެވެ. މާފުކޮށްދެއްވިއިރު ވެސް ތިއްބެވީ ގޭ ބަންދުގައެވެ.

ޝުމްބާ ގޮންގް ގެ މައްސަލައިގައި ދައުލަތުން މާފަށް އެދެން ޖެހުން

އަދީބު އާއި ޒިޔަތު މިނިވަން ކުރުމުގެ އިތުރުން، ސަރުކާރުން އިއްޔެ ވަނީ، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ސްރީލަންކާގައި ހުއްޓާ ހައްޔަރު ކޮށްގެން ރާއްޖެ ގެނައީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އޭނާގެ ކިބައިން ދައުލަތުން މާފަށް އެދެން އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު އަންގައިފި އެވެ.

އަދާލަތު ޕާޓީ އާއި ސަރުކާރު

އަދާލަތުން މިފަދަ ބަޔާނެއް ވެރިކަން ނިމެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް ނެރުމަކީ ގިނަބަޔަކަށް ގަޔާވާކަމަކަށް ނުވެއެވެ.

އަދާލަތުގެ ބަޔާނުގައި ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވި ބަޔަކަށް ހައްގު އަދަބު ނުލިބި ދިޔުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ބުނެފައިވީނަމަވެސް، އެ ފަދަކަމެއް ރަނގަޅުކުރަން އަދާލަތު ޕާޓީ އިން ވޭތުވެދިޔަ ފަސް އަހަރު ކޮށްފައި ނުވާތީ ގިނަ ބަޔަކު އަދާލަތުގެ ވާހަކަތައް ބަލައި ނުގަނެއެވެ.

އަދާލަތުން މިއޮތްހާ ދުވަހު ގެންދެވީ ސަރުކާރުގެ ދިފާޢުައި ހުރިހާކަމެއް ކުރަމުންނެވެ.

އުސޫލްތަކުގެ ބޭރުން، ބައިނަލްޢަޤުވާމީ ބެސްޓް ޕްރެކްޓިސްތައް ފަހަނަޅައި ގޮސް، ޤާނޫނުގައި ހުރި އުނި ކަންކަމުގެ ނާޖާއިޒު ފައިދާ ނަގާއި، ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވާފައިވާ އެތައް ބަޔަކު ނުޙައްޤުން އަދަބު ލުއިކޮށްދީ މާފުކޮށްދީފައިވަނީ، އަދާލަތު ޕާޓީގެ ރައީސް ޝޭޚް އިމްރާން ހޯމް މިންސްޓަރަކަށް އިންނަވައިގެންނެވެ.

އެސެޓް ރިކަވަރީ މަސައްކަތް ނުކުރެވުނީ ވެސް އިމްރާން ބޭނުން ނުވުމުންނެވެ. އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކޮށް، ސިންގަޕޫރަށް ފޮނުވާލީ ވެސް އިމްރާނެވެ.

ވޭތުވެދިޔަ ފަސް އަހަރު އިމްރާން ހޯމް މިނިސްޓަރަކަށް އިންނަވައި، ރާއްޖޭގެ އަދުލު އިންސާފު ނެގެހެއްޓުމަށާއި، ކުށްމަދު މުޖްތަމަޢަކަށް މުޖްތަމަޢު ހެދުމަށް ކޮށްފައިވާ މަސައްކަތެއް ނެތެވެ.

އެހެންކަމުން އެމްއެމްޕީއާރުސީގެ މައްސަލަ އިންސާފުވެރި ގޮތުގައި ނުގެންދެވުމުގެ ފުރިހަމަ ޒިންމާ އަދާލަތު ޕާޓީ އިން ނަގަންޖެހޭނެކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

ޓެގްސް: އަދާލަތު ޕާޓީ އެމްއެމްޕީއާރުސީ ކަރަޕްޝަން ކޮރަޕްޝަން ކޮލަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.