ޑރ. މުޢިއްޒު ހުވާކުރުން މާދަމާ، %5 ހައުސިންގ ލޯން ތަޢާރަފްކޮށް، މާލެ ސަރަޙައްދުން 1200ހ. ބިން ހިއްކައިގެން 65،000 ރައްޔިތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަޒުމު ހިފާފައިވޭ

ހަބަރު

މުޢިއްޒުގެ ފުރަތަމަ 100 ދުވަސް: ފުށިދިއްގަރު ހިއްކުން، އުތުރާއި ދެކުނު އާބަންސެންޓަރުތައް، އަދި އައްޑޫ ބްރިޖްގެ ޕްރޮޖެކްޓްގެ މަސައްކަތް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 16 ނޮވެންބަރު 2023 , ބުރާސްފަތި 08:41   1292

އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުޢިއްޒު މާދަމާ ވެރިކަމާއި ޙަވާލުވެވަޑައިގަންނަވާއިރު، ފުރަތަމަ ތިންމަސް، ނުވަތަ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއްކަމަކީ، "އެންމެންނަށް ބޯހިޔާވަހިކަން" ހޯދައިދިނުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވުމެވެ.

އެމަނިކުފާނެ ކެމްޕޭނުގައި ވެސް ވަޢުދުވެވަޑައިގެންފައި ވާގޮތަށް، ފުރަތަމަ ދެ ހަފްތާތެރޭގައި މާލެކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައި ޢަމަލީ މަސައްކަތް ފުރަތަމަ 100 ދުވަސް ނިމުމުގެ ކުރިން ފައްޓަވާނެކަމަށް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ އަމާޒަކީ އެތަނުން 1200 ހެކްޓަރުގެ ބޮޑު ސަރަޙައްދެއް ހިއްކުމެވެ. އެއީ ނިސްބަތުން ބަލާއިރު ހުޅުމާލެއަށް ވުރެ ތިން ގުނަ ބޮޑު ސަރަޙައްދެކެވެ.

މީގެ އިތުރަށް އުތުރާއި ދެކުނުގައި ވެސް އާބަން ސެންޓަރުތައް ހެދުމަށް ޕްލޭންތައް އެކަށައަޅުއްވައި އައްޑޫސިޓީ ހުޅުމީދޫ އާއި ހިތަދު ގުޅުވާލުމުގެ މަޝްރޫޢު ވެސް ފެއްޓިގެންދާނެއެވެ.

ބިން އަމިއްލަކުރުމާއި ގުޅޭ ޤާނޫނަށް ބަދަލުގެނެސް، ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް ޚާއްޞަ ފްލެޓް ސްކީމެއް ތަޢާރަފްކުރައްވައި، 5 ޕަސެންޓްގެ ކުޑަ އިންޓަރެސްޓްގައި ހައުސިން ލޯނު ދޫކުރައްވަން ފައްޓަވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މުޢިއްޒުގެ އުއްމީދަކީ، ދައުރު ނިމުމުގެ ކުރިން އާބާދީގެ 65،000 ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ޙައްލު ހޯއްދަވައިދެއްވައި، މުޅި އާބާދީއަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.

މީގެ އިތުރުން ވެސް ރައީސް މުޢިއްޒުގެ ސަރުކާރުގައި، ނުނިމިހުރި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިންމުމާއި، އާ އެޕޯޓްތައް އަޅާނެތަންތަން ބަލައި ދިރާސާކުރުމާއި، ހުޅުލޭ އެއަރޕޯޓް ނިންމުމުގެ މަސައްކަތް ބާރު ސްޕީޑްގައި ގެންދަވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ، މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

ޓެގްސް: ޑރ. މުއިއްޒު ބޯހިޔާވަހިކަން ތަރައްޤީގެ މަސައްކަތްތައް ބިން ހިއްކުން އައްޑޫ ބްރިޖް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.