އައްޑޫސިޓީ ގަނަ ހިއްކާފައިވާ ބިންތަކާއި އިންވެގެން ކާނުތައް (ސްޓޯމް ވޯޓަރ ޑްރެއިނޭޖް ސިސްޓަމް) ހަދާ މައްސަލައިގައި ޚިޔާލުތަފާތުވުން ބޮޑުވެއްޖެއެވެ.
އައްޑޫގެ އަވަށްތަކުގައި 190 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެބިންތަކާއި އިންވެގެން 15 މީޓަރުގެ ކާނުތަކެއް ކޮންމެހެން ހަދަން ޖެހޭކަމަށް ހައުންސިން މިނިސްޓްރީ އިން ބުނެފައިވާއިރު މިކަމާއި ގުޅޭ އީއައިއޭ ހަދައި އެމިނިސްޓްރީގެ ވެބްސައިޓުގައި ޝާޢިއު ވެސް ކޮށްފައިވެއެވެ.
ޚިޔާލު ތަފާތުވުން އުފެދުނީ މިއަދު އެމަސައްކަތުގެ ޢަމަލީ މަސައްކަތް ފެށުމުންނެވެ.
މިކަމާއި ގުޅޭގޮތުން އައްޑޫސިޓީ މޭޔަރު، ޢަލީ ނިޒާރު ވަނީ ސޯޝަލްމީޑިއާގައި ޕޯސްޓެއް ޙިއްސާކުރައްވައި ކޮމެންޓްކުރައްވާއެވެ. މޭޔަރ ނިޒާރު ވިދާޅުވީ "އެއްވެސް އިރެއްގައި މިކަން މިގޮތަށް ކުރުމަށް އެއްބަސްވެފައި ނުވާނެ" ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ އައްޑޫ އޮފީސް ހިންގެވުމާއި ކުރިން ޙަވާލުވެ ހުންނެވި އެމިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްﷲ ޞާދިގު ވިދާޅުވީ، މިމަސައްކަތް ކޮންޓްރޭޓްޓަރާއި ޙަވާލުކުރުމުގެ ކުރިން ކައުންސިލް އާއި މަޝްވަރާކުރެވިފައިވާނެ ކަމަށާއި، މަޝްވަރާތަކަށް ފަހު އީއައިއޭ ވެސް ހަދާފައިވާކަމަށެވެ.
އަލަށް ހިއްކާ ހުރިހާ ދިމާލެއްގައިވެސް ކޮންމެހެން ކުރަންޖެހޭކަމެއް މިއީ. ލޮނު ދައުރު ވާ ގޮތައް ފުޅާ މަގެއް ފުންކޮށްފައި އޮންނަންޖެހޭ. އެންމެ ފުރަތަމަ ނިންމީ 15 މީޓަރު ފުޅާމިނުގައި، 1 މީޓަރު ފުން މިނުގައި ހަދަން. ކައުންސިލް އިން ބޭނުންވީ ހަނިކުރަން. ހުޅުމާލެ ދެ ފޭސް ދޭތެރޭ ވެސް އޮންނާނެ މިފަދަ އޮއިދެމޭ މަގެއް. ފެން ވެސް ބޭރުވާނެ މި ކޯރުން. ކައުންސިލް ބޭފުޅުންނަށް މިކަން ނޭނގުމަކީ ޖޯކެއް.
~ ކުރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްﷲ ޞާދިގު
ކުރީގެ މޭޔަރުކަން ވެސް ކުރައްވާފައިވާ ޢަބްދުﷲ ޞާދިގު އިތުރަށް ވިދާޅުވީ ފޭދޫ ގައި ވެސް މީގެ ކުރިން ވެސް ބިން ހިއްކުމާއި އެކު މައްސަލަތައް ދިމާވެ މިފަދަ ކޯރެއް ހަދަން ޖެހުނު ކަމަށެވެ.
މާލޭގައި ވެސް ބިން ހިއްކުނު ފަހުން، އަމީނީ މަގުގައި ފެން ބޮޑުވުމަކީ މާލޭގެ ރައްޔިތުންނަށް މިއަދާއި ހަމައަށް ވެސް ޙައްލުނުކުރެވި އޮތް މައްސަލައެކެވެ.
މިމަސައްކަތް މިހާރު ވަނީ ކޮންޓްރޭކްޓަރާއި ޙަވާލުކުރެވިފައެވެ. މިހާރު ވެސް އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ވަރަށް ބޮޑަށް ދިގު ލައިގެން ގޮސްފައިވާއިރު، އިތުރު ބަދަލުތަކެއް ގެންނަ ނަމަ އޭގެ ބަދަލުގައި ވަރަށް ބޮޑު އަގެއް ކޮންޓްރޭކްޓަރު ނަގާނެކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.
އައްޑޫ މޭޔަރުގެ ބަސް
މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ މިހާރުގެ މޭޔަރ ޢަލީ ނިޒާރު، މާލޭގައި ހުންނަވައި ފޯނުން ވާހަކަދައްކަވަމުން ވިދާޅުވީ، ކައުންސިލުގެ ކަންބޮޑުވުމަކީ އެތަނުގައި ކޯރެއް ހެދުން ނޫންކަމަށާއި، ބޭނުންވަނީ އެހަދާ ކޯރެއް ނުވަތަ ކަންޒެއް ލޮލަށް ވެސް ރީތި ގޮތަކަށް އޮތުން ކަމަށެވެ.
"ޕްރޮޖެކްޓަކީ ހައުސިންގ މިނިސްޓްރީގެ ޕްރޮޖެކްޓެއް. އަޅުގަނޑުމެންގެ ބަހަކީ، ބޮޑު ޚަރަދެއްކޮށްފައި މިކަން ކުރާއިއިރު ހުންނަަންވާނީ ރީތިކޮށޭ. ހުޅުމާލޭގައި ވެސް އެކަންކޮށްފައިވަނީ ރަނގަޅަށް އޮއިދެވޭ ގޮތަށް ރީއްޗަށޭ." މޭޔަރ ނިޒާރު ވިދާޅުވިއެވެ.
މިލިޔުމާއި ގުޅޭ:
