ހައްޖު ކޯޕަރޭޝަނުގެ ޙައްޖާޖީންގެ ގްރޫޕެއް ޙައްޖަށް ދިއުމަށް ތައްޔާރުވަނީ

ހަބަރު

ޙައްޖު ކޯޕަރޭޝަން ހިންގަނީ ގެއްލުމުގައި، ކޯޓާ މައްސަލައިގައި މިނިސްޓަރ ޝަހީމު ރައްޔިތުންގެ ޚިޔާލަށް އެދިވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ނޮވެންބަރު 2023 , އާދީއްތަ 12:56   803

ދިވެހިރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާއެއް، ޙައްޖުކޯޕަރޭޝަނަސް ދިނުމާއި މެދު ރައްޔިތުން ޚިޔާލުދެއްވުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދުއެދިވަޑައިގެންފައެވެ.

މިގޮތަށް އެދިވަޑައިގަތީ ފުރަތަމަ ނިންމެވި ގޮތާއި [ހުރިހާ ކޯޓާއެއް ޙައްޖުކޯޕަރޭޝަނަށް ދިނުމާއި] މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަކީ، ޑރ. ޝަހީމުގެ އިސްނެންގެވުމަކަށް، 2013 ވަނަ އަހަރު ރަޢީސް ޔާމީންގެ ޤަރާރަކުން އުފައްދަވާފައިވާ ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މިކުންފުނި އުފެއްދުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމަނާފައިވަނީ، ލުއި ފަސޭހަކަމާއި އެކު ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ގަސްތުގައި ރައްކާކުރާ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ އިތުބާރުހުރި ނިޒާމެއް ޤާއިމުކުރުމެވެ.

މިކުންފުނި ހިންގަން ރާވާފައިވަނީ، ދަރަންޏާއި، ދައުލަތުގެ ފައިސާ ހިމަނައިގެން ކުރެވޭ ވިފާރިތަކުން ނެގޭ ނަފާއިން ވިޔަފާރި ފުޅާކުރުމަށްފަހު އަގު ހެޔޮކޮށް ސަބްސިޑައިޒްކޮށްގެން އަގެއްގައި ރައްޔިތުންނަށް ހެޔޮ އަގުގައި ޙައްޖަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

ކޯޕަރޭޝަންގެ މިހާރުގެ ޙާލަތު، ހިންގުމުގެ ޚަރަދު ބޮޑު

މި ކުންފުނީގެ އެންމެ ފަހުން ޝާޢިއުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއީ ހިންގުމުގެ ޚަރަދު ބޮޑު ކުންފުންޏެއްގެ ގޮތުގައި ފާހަކުރެވެއެވެ. ބައެއް އަހަރުތަކުގައި ގެއްލުން ކުޑަކަމަށް ހިސާބުތަކުން ދެއްކި ނަަމަވެސް، ކުންފުނި ހިންގަމުންނަނީ ގެއްލުމުގައެވެ.

ކުންފުނީގެ އިންވެސްޓްމެންޓްތަކަށް ބަލާއިރު، އެޗްޑީއެފްސީ ގައި 81 މިލިއަން ރުފިޔާ، އަދި އިތުރު 15 މިލިއަން ރުފިޔާ ބީއެމްއެލް އާއި އެމްއައިބީ ގައި އިންވެސްޓްކޮށްފައިވެއެވެ.

ޢާމްދަނީގެ ގޮތުގައި އެވްރެޖްކޮށް 80 މިލިއަން ރުފިޔާ ލިބޭއިރު، ޚަރަދު ގޮތުގައި 90 މިލިއަން ރުފިޔާ ހޭދަކުރަންޖެހެއެވެ.

މުސާރަ އާއި އިނާޔަތްތައް ދިނުމަށާއި އޮފީސް ހިންގުމަށް އެކަނި ވެސް އަހަރަކު 7 މިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި މުސާރަ އާއި އިނާޔަތަކަށް އެކަނިވެސް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރައެވެ.

ސަރުކާރުން ވިޔަފާރިކުރުމާއި ދުރަށް ދިއުމާއި ހެޔޮ އަގުގައި ޙައްޖަށް ފޮނުވުން

ސަރުކާރުގެ މަޤްޞަދު ކިތަންމެ ރަނގަޅު ނަމަވެސް، ނަތީޖާ ރަނގަޅު ނޫންކަން ވަރަށް ސާފެވެ. ބައެއް ޑިމޮކްރެޓިކް ނޫން ޤައުމުތަކުގައި މި މޮޑެލްގައި މަސައްކަތް ކުރެވުނަސް ރާއްޖެކަހަލަ ޕްރައިވެޓް ސެކްޓާގެ ދައުރު ފުޅާ ޤައުމެއްގައި ހުރިހާ ވިޔަފާރިތަކެއްގައި އަމިއްލަ ފަރާތްތަކަށް އިސްކަން ދޭންޖެހެއެވެ.

މީގެ އެހެން މިސާލުުތައް އެހެން ދިމަ ދިމާލުން ވެސް ފެންނަން އެބައޮތެވެ. ސަރުކާރުން އެމްޓީސީސީ ސަބްސިޑައިޒްކޮށްގެން ހިންގީމާ ވެސް ވަނީ މިހެންނެވެ. އަދި އެހެން ސަރުކާރުގެ ކުންފުނިތަކަށް ބަލާލީމާ ވެސް އެމަންޒަރު ފެންނަން އެބައޮތެވެ. އިނގިރޭސި ބަހުން ދަންނަވާނަމަ "އިންއެފިޝެންސީތައް" ގިނައެވެ. ބޭނުންނުވާ ވަރަށް މުވައްޒަފުން ލުމާއި، ސިޔާސީ ބޭނުމަށް ވަޒީފާތައް ދިނުމާއި، ކުރަންނުޖެހޭ ޚަރަދުކުރުން ފަދަ އެތައް ކަމެއް ހިނގާދެއެވެ.

ޕްރައިވެޓް ކުންފުނިތަކުން އަގުބޮޑުވަނީ ކީއްވެ؟ ރައްޔިތުން ބޭނުވަނީ ކޮން ގޮތެއް؟

ދިވެހިންނަކީ ވެސް ޢާމްދަނީގެ ގޮތުން މިޒަމާނުގައި ފުދުންތެރިންކަން ބޮޑު ބައެކެވެ. ނިސްބަތުން ދިވެހިން ޙައްޖަށްދާ މިންވަރާއި، އެއް ފަހަރަށްވުރެ ގިނައިން ޙައްޖަށް ދާ މީހުންގެ ޢަދަދު ވެސް އެހާމެ ގިނައެވެ.

ޕްރައިވެޓް ކުންފުނިތަކުން ހައްޖު ޕެކޭޖްތަކުގެ އަގު ބޮޑު ވަނީ ޕްރެމިއަމް ސާވިސްތަކެއް ވެސް ދޭތީއެވެ. އެ ޚިދުމަތް ވެސް ބޭނުންވާ ބަޔަކު ތިބޭތީއެވެ.

އަގާށާއި ކޯޓާއަށް އޮތް ޙައްލު

ދިވެހިރާއްޖެ ކަހަލަ ވިޔަފާރިއަށް ހުޅުވާލެވިފާ ވެއްޓެއްގައި އަމިއްލަ ފަރާތްތަކަށް ޙައްޖަށް ފޮނުވުމުގެ ފުރުޞަތު އޮންނަންޖެހެއެވެ.

ކުރިއާއި ޚިލާފަށް، މިހާރު ސައުދި އަރަބިއާއިން ދޭ ކޯޓާގެ ޢަދަދުވެސް ބޮޑުތަން ބޮޑެވެ. މިހާރު ދިވެހި ސަރުކާރަށް ގިނަ ޢަދަދަކަށް ކޯޓާ ލިބޭއިރު، ދިވެހިންނަށް އޮތް ފުރުޞަތުތައް ބޮޑެވެ.

އަދި ހެދިދާނެ އެހެން ގޮތެއް ވެސް އެބައޮތެވެ. އަމިއްލަ ފަރާތްތަކަށް ދޫކުރާ ކޯޓާގެ ނިސްބަތުން ވަކި މިންވަރެއް ސަރުކާރުން ކަނޑަޅާ އަގެއްގައި، ނުވަތަ ޙައްޖު ކޯޕަރޭޝަންގެ އަގުގައި ދެވޭގޮތަށް ހެދިދާނެއެވެ.

ނޫނީ، ޙައްޖު ކޯޕަރޭޝަން ބަންދުކުރުމަށްފަހު އެކުންފުޏަށް ސަރުކާރުން ކުރާ ޚަރަދާއި، މިހާރުކޮށްފައި ހުރި އިންވެސްޓްމެންޓްތަކުން ލިބޭ ނަފާއިން، އަމިއްލަ ކުންފުނިތަކަށް ދޫކުރާ ކޯޓާއިން ބައެއް ސަބްސިޑައިޒްކުރަންވީއެވެ. އޭރުން ހުރިހާ އެންމެވެސް ހިތްހަމަ ޖެހުނީއެވެ.

ޙަޤީގަތުގައި ވެސް ހުރިހާ ގޮތަކުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ރައްޔިތުންނަށް ހިނިތުންވުން އަންނާނީ ފުރުޞަތުތައް ބަންދުކުރުމުގެ ބަދަލުގައި ހުޅުވާލެވިގެންނެވެ.

މިފަދަ ނިންމުންތައް ނިންމަންޖެހޭނީ ކަމާއި ގުޅޭ ހުރިހާ އިދާރާތަކާއި، ސީދާ ރައްޔިތުންނާއި ވެސް މަޝްވަރާވެވި ރަނގަޅު ދިރާސާތަކުގެ މައްޗަށް ބިނާ ވެވިގެންނެވެ.

ޓެގްސް: ޙައްޖުގެ އަޅުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.