އެމއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް، ޑޮލަރު ރޭޓްތައް 19 އާއި ގާތަށް، މަރުކަޒީ ބޭންކުން ވިދާޅުވީ ފައިސާ ޗާޕްކުރުން ހުއްޓާލައި ޚަރަދުތައް ތިރި ކުރަންޖެހޭކަމަށް

ހަބަރު

ބޭރުން ފައިސާ ނުލިބޭ، ޚަރަދުތައް ކުޑަނުކޮށް އިތުރަށް ފައިސާ ޗާޕުކޮށްފިނަމަ ބޮޑު އަނދަވަޅަކަށް ވެއްޓޭނެ - މަރުކަޒީ ބޭންކު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 ނޮވެންބަރު 2023 , އަންގާރަ 10:25   1056

ޚަރަދުތައް ކުޑަނުކޮށްފިނަމަ ޑޮލަރުގެ އަގު އުފުލި އިޤްތިޞޯދު ބޮޑު އަނދަވަޅަކަށް ވެއްޓޭނެކަމަށް ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

ދިވެހިރާއްޖޭ މާލީ ސިޔާސަތުތައް ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ޤާނޫނީ މިނިވަން ބާރު އޮންނަނީ އެ އިދާރާއަށެވެ.

މަރުކަޒީ ބޭންކުގެ ސީނިއާ ރިސާޗު އެނަލިސްޓު މުޙައްމަދު އިމްތިނާން ވިދާޅުވެފައިވާގޮތުން، ސަރުކާރު ހިންގުމުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި ފައިސާ ޗާޕުކުރުން ހުއްޓާލަންޖެހޭކަމަށާއި، ޚަރަދުތައް ކުޑަކުރުމާއި މެދު ފުންކޮށް ވިސްނަން ޖެހެއެވެ. އަދި އަންނަ އަހަރު ގައި ޚަރަދުތައް ފޫބައްދަން ފައިސާ ޗާޕުކުރަމުން ގޮސްޕިނަމަ ޑޮލަރުގެ ބާޒާރު އޯޕެން މާކެޓަށް ހުޅުވާލަން މަޖުބޫރު ވާނެކަމަށެވެ.

މަރުކަޒީ ބޭންކުން އިތުރަށް ބުނެފައިވަނީ ބޭރުން ވެސް އެތެރެއިން ވެސް މިހާރު ދަރަންޏަށް ފައިސާ ހޯދުމުގައި ބޮޑެތި ގޮންޖެހުން ހުރިކަމަށާއި، އަންދާޒާ ކުރިވަރާއި ގާތަށް ވެސް އެހީގެ ފައިސާ ވެސް ލިބެމުން ނުދާކަމަށެވެ.

ސަރުކާރުގެ ޚަރުދުތައް ފޫބެއްދުމަށް މި ހިނދުން މިހިނދަށް 200 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ބޭނުންވެއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑުތަން އުފުލިފައެވެ. ކަޅު ބާޒާރުގައި ޑޮލަރު ރޭޓްތައް ހުރީ 18 ރުފިޔާ އަށް ވުރެވެސް މަތީގައެވެ.

އެމްއެމްއޭ އިން ބުނަނީ، ފައިސާ ޗާޕު ކުރާވަރަކަށް ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވަމުން އަންނަކަމަށާއި، ޑޮލަރު މެނޭޖްކުރާ ގޮތަށް ބަދަލުގެންނަށް މަޖުބޫރު ވެގެންދާކަމަށެވެ.

އިޤްތިޞާދީ މާހިރުން ވިދާޅުވާގޮތުގައި، ދިވެހިރާއްޖެ އޮތީ މާލީ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައެވެ. ދައްކަން ޖެހޭ ބޮޑެތި ދަރަނިތަކެއް ބޯމަތީގައި އެބަހުއްޓެވެ. ބޭރު ޤައުމުތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި މަޑުޖެހިއްޖެނަމަ ދިވެހިރާއްޖެ މާލީ ބޮޑު ކާރިސާއަކާއި ކުރިމަތިލާންޖެހޭނެއެވެ. ދައްކަންޖެހޭ ބޮޑެތި ފައިސާގެ ޢަދަދުތަކުގެ ތެރޭގައި ބޮޑު ދެޤައުމުކަމަށްވާ އިންޑިއާ އާއި ޗައިނާއަށް ދައްކަންޖެހޭ ފައިސާގެ ޢަދަދުތައް ބޮޑެވެ.

ބައެއް ފަރާތްތަކުން ޑޮލަރު ފްލޯޓްކުރަން އޯޕެން މާކެޓަށް ދޫކޮށްލުމަކީ ޙައްލުކަމަށް ވިދާޅުވާއިރު، އިޤްތިޞާދީ މާހިރުން ވިދާޅުވަނީ، ދަނޑިވަޅު ނުބަލައި އެކަން އެގޮތަށް ކޮށްފިނަމަ ވަރަށް ހިތި ނަތީޖާތަކާއި ކުރިމަތިލާން ޖެހޭނެކަމަށާއި، އޭގެ އެތަށް މިސާލުތަކެއް ދުނިޔޭގެ އެކި ސަރަޙައްދުތަކުން ފެންނަން އެބަހުރިކަމަށެވެ.

އެބޭފުޅުން ވިދާޅުވަނީ، ޑޮލަރު ރޭޓް ފްލޯޓަށް ދޫކޮށްލަން ޖެހެނީ ޚަޒާނާގައި ގިނަ ޢަދަދަކަށް ފައިސާ ހުރެގެންކަމަށެވެ. އަދި ދުރު ރާސްތާއަށް ބަލާއިރުވެސް އޮތް ޙައްލަކީ، ފައިސާ ޗާޕުކުރުން މަޑުޖައްސާލައި، ކުރިއަށް އޮތް ދެއަހަރަށް ވީހާވެސް ޚަރަދު ކުޑަކުރުމާއި، ލޯނު ނެގުން މަޑުޖައްސާލައި، ބޭރުގެ އެހީ ހޯދަން މަސައްކަތްކުރުމެވެ.

ޓެގްސް: ދައުލަތުގެ ދަރަނި ފިނޭންސް މިނިސްޓްރީ އެމްއެމްއޭ އިގްތިޞާދީ ގޮންޖެހުންތައް ބޭރުފައިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.