އައްޑޫގެ ގެސްޓް ހައުސްއެއް ކުރިމަތިން ހިއްކާފައި، ބިންހިއްކުމާއި ގުޅިގެން އައްޑޫގެ ޓޫރިޒަމް ކުރިމަގަށް ބޮޑު ބަނަކަމެއް ކުރިމަތިވެފައިވޭ

ހަބަރު

އައްޑޫސިޓީ، ގެސްޓްހައުސްތައް ފުނޑެނީ، ސަރުކާރުން އަޅައެއް ނުލާ!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 22 ނޮވެންބަރު 2023 , ބުދަ 12:16   1108

އައްޑޫގައި ޓޫރިޒަމް ދިރުވުމަކީ ގިނަ އައްޑޫ ރައްޔިތުންގެ އުއްމީދެކެވެ. ނަމަވެސް މިހާތަނަށް އައިއިރު މާ ބޮޑެތި ކުރިއެރުންތައް ލިބިފައި ނުވެއެވެ.

އެކި ސަރުކާރުތަކުގައި އެކި ކަހަލަ ވަޢުދުތައް އައްޑޫގެ ޓޫރިޒަމާއި ގުޅުވާފައިވެއެވެ. ދެން ކޮންމެ ސަރުކާރެއް ނިންމާލަނީ ބަހަނާތަކަކުންނެވެ.

ފާހަގަ ކުރަންޖެހޭ މުހިއްމު ނުކުތާ އަކީ އައްޑޫގައި ޓޫރިޒަމް ވެސް، ވިޔަފާރި ވެސް ކުރި ނާރާކަމެވެ. މިކަން ތަފާސްހިސާބުތަކުންނާއި، ދައުލަތަށް ދައްކާ ޓެކްސް ފައިސާގެ ޢަދަދުތަކުން ސާފުވެއެވެ.

އައްޑޫގައި ޓޫރިޒަމް ތަރައްޤީކޮށް ކުރިއެރުވުމަކީ ކޮންބައެއްގެ ޒިންމާއެއް؟

ސަރުކާރަކީ ރައީސް ބޭފުޅާ އެކަންޏެއް ނޫނެވެ! އަދި ވަޢުދު ވާންޖެހެނީ ވެސް ރައްޔިތުން ހިތަށް އަރާހާ އެއްޗަކަށް ބަލާފައެއް ނޫނެވެ.

އެކިއެކި ސަރުކާރުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން އައްޑޫގެ ޓޫރިޒަމާއި ގުޅުވައި އެތައް ހުވަފެނެއް ދައްކާ، ވަޢުދުތަކެއް ވިނަމަވެސް، ޓޫރިޒަމާއި ބެހޭ ވުޒާރާއާއި، އިޤްތިޞާދީ ކައުންސިލާއި، އެމްއެމްޕީއާރުސީގެ ޙަރަކާތްތަކުން އެކަން އެގޮތަށް ފެންނަން ނުހުރެއެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން، އެތައް ސަތޭކަ މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އެމްއެމްޕީއާރުސީ އަށް ކޮންމެ އަހަރަކުވެސް ދޭއިރު އެއީ ހަމައެކަނި މަހުޖަނުންގެ ރިސޯޓުތައް ބޭރުދުނިޔޭގައި މަޝްހޫރުކުރުމަށް ހޭދަކުރާ ފައިސާއަށް ވެގެންނުވާނެއެވެ. އައްޑޫ ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓްކުރަން ސަރުކާރުގެ ކަމާއިބެހޭ އެއްވެސް އިދާރާއަކުން އެކަށީގެންވާގޮތެއްގައި ކޮށްފައިނުވެއެވެ.

ބިންހިއްކުމުގެ ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑުވެފައި

ނިމިދިޔަ ސަރުކާރުން އައްޑޫގެ ތަރައްޤީގެ ނަމުގައި އައްޑޫގެ ފަރުތައް ވަނީ އެކީއެއްކޮށް ނައްތާލާފައެވެ.

އައްޑޫގެ އެތެރެވަރީ އަކީ މީގެ ކުރިން ކަނޑުފަޅުގެ މުއްސަނދިކަން ބޮޑުތަނެކެވެ. އެތަނުގައި އޮތީ ކުދި މަސް އާލާވުމަށް އޮތް ޤުދްރަތީ ވެއްޓެކެވެ. އެވެށި މިހާރު ވަނީ ހަލާކުކޮށް ނައްތާލާފައެވެ.

އައްޑޫ އަކީ ނިސްބަތުން ބިން ބޮޑުތަނެކެވެ. ހުސް ބިންތައް އެހާ ގިނައެވެ. ކޮންމެ މީހަކަށް ގޯއްޗެއް ދިނުން ޤާނޫނުން ލާޒިމް ނުކުރެއެވެ. ލާޒިމް ކުރަނީ ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަން ހޯދައި ދިނުމަށެވެ. ބިން ހިއްކި އަކަސް އަދި ބޯހިޔާވަހިކަން ހޯދައިދެވެނީކީ ނޫނެވެ. އަނެއްކޮޅުން މިހުރިހާ ސަކަރާތެއް ޖަހާފައިވަނީ ވަޒީރުންނަށް ބައިއެޅިގެން، ދައުލަތުގެ ޚަޒާނާ ލޫޓުވާލައިގެންނެވެ.

މިހާރު އައްޑޫ ޙާލަތު އޮތީ ވަރަށް ހިތާމަވެރި ގޮތަކަށެވެ. ފަރުތަކާއިއެކު އެންވެރިކަން ވެސް އެކީއެއްކޮށް ވުޖޫދުން ފޮހެލެވިއްޖެއެވެ. ޑައިވްޕޮއިންޓްތަކުގައި މަހެއް ނެތެވެ. ބީޗެއް ނެތެވެ. އޮތް ބީޗެއްނަމަ ދޮންވެއްޔެއް ނެތެވެ. ރީތިކަމެއް ނެތެވެ. އޮތީ ތައައްޔަރުވެފައެވެ.

ގެސްޓްހައުސްތަކުގެ ޝަކުވާ

އައްޑޫގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކެއްހެން ހިންގަމުން އަންނީ މާ ބޮޑު ނަފާއެއް ނެތިއެވެ. ނުވަތަ ގެއްލުމުގައެވެ.

އައްޑޫގައި އެންމެ ގިނަ ގެސްޓްހައުސް ހިންގަނީ ގުޅިފައިވާ ރަށްތަކުގެ ތެރެއިން މަރަދޫފޭދޫގައެވެ. އެސަރަޙައްދުގައި ހަދާފައިވާ ގިނަ ގެސްޓްހައުސްތަކަކީ ބިންހިއްކުމުގެ ކުރިން ބީޗް ފްރޮންޓަށް ވާގޮތަށް ހަދާފައިވާ ތަންތަނެވެ. މިތަންތަން ޓޫރިސްޓް އެނދުގެ ގޮތުގައި ވިއްކަން އިސްތިހާރުކޮށްފައި ހުރީވެސް ބީޗް ފްރޮންޓް ހޮޓާތަކުގެ ގޮތުގައެވެ.

ބައެއް ގެސްޓްހައުސްތަކުގެ ހިންގާ ފަރާތްތަކާއި ވާހަކަދައްކާލުމުން ބުނެފައިވަނީ، ކުރިން އަންދާޒާ ނުކުރެވޭވަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެ ފަރާތްތަކުން ބުނަނީ، މިހާރު ގެސްޓް މީހާ އައިސް ބަލާއިރު، ކުރިން އިސްތިހާރުކުރަމުން އައި ބްރޭންޑް އިމޭޖާއި އަސްލާއި ދިމާ ނުވާތީ ގެސްޓުންނަށް ބަދަލުގެ ގޮތުގައި ގިނަ ޢަދަދެއްގެ ފައިސާ ހޭދަކުރަންޖެހުން ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށެވެ.

އޭގެ އިތުރަށް، ދެވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ ބިއްހިއްކުމުގެ ޕްރޮޖެކްޓްގެ ބައެއްގެ ގޮތުގައި ގެސްޓް ހައުސްތަކުގެ ކުރިމަތިން ކަންޒުކޮންނަމުންދާ މައްސަލައެވެ.

ޕްރޮޖެކްޓާއިގުޅޭ ޕްލޭނިންގ މިނިސްޓްރީގެ އީއައިއޭ ރިޕޯޓްތައް ދައްކާގޮތުން 45 ވަރަކަށް ފޫޓުގެ ކޯރެއް މިސަރަޙައްދުގައި ހެދުމަށް ހަމަޖެހިފައިވެއެވެ. ގެސްޓްހައުސްތަކުގެ ވެރިން ބުނަނީ، ގެސްޓުން ކޮޓަރިން ބޭރަށް ނިކުންނައިރު ތައައްޔަރުވެފައިވާ ޗަކަ ކޯރެއް ބަލަން ބޭނުންނުވާކަމަށެވެ.

މިކަމުގެ ޙައްލު ހޯދުމަށްޓަކައި ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާތައް ކުރިނަމަވެސް މިހާތަނަށް އެދެވޭ ޙައްލެއް ލިބިފައިނުވާކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ. ގެސްޓްހައުސްތަކުން އެދޭގޮތަކީ، މިހާރު ކޮންނަމުންދާ ކޯރު ގެސްޓްހައުސްތަކަށް އަސަރުނުކުރާނެ މިންވަރަކަށް ދުރަށް ޖައްސައިދިނުމާއި، ގެސްޓްހައުސްތަކާއި ދިމާލުން ކޯރު އޮންނަ ސަރަޙައްދުގައި މަތި އަޅައިފޮރުވައިދިނުމެވެ.

ގެސްޓްހައުސްތަކުން ބުނަނީ، ވަރަށް ބޮޑު އިންވެސްޓެއްކޮށްފައިވާކަމަށާއި، ސަރުކާރުން އައްޑޫއަށް ޓޫރިޒަމް ގެންނަން ވިސްނަވާގޮތް ސާފުނުވާކަމަށާއި، ޓޫރިޒަމަށް ފަހިކޮށްދިނުމަށް ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ނުލިބޭކަމަށެވެ.

އައްޑޫގައި ބިންހިއްކުމާއި، ފެންހިންދާ ނިޒާމާއި، މަގުހެދުމުގެ މަޝްރޫޢު އަކީ ޕްލޭނިންގ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ގެސްޓްހައުސް ޒޯންތަކުގެ ޝަކުވާ

އައްޑޫގެ ހަތަރު ސަރަޙައްދެއްގައި ގެސްޓްހައުސް ޒޯން ހަދައި، ކުޑަކުއްޔެއްގައި ގެސްޓްހައުސް އެޅުމަށް ބިން ދޫކޮށްފައިވަނީ ނިމިދިޔަ ސަރުކާރުންނެވެ.

މީގެތެރެއިން ދެ ސަރަޙައްދެއްގައި، އިންޑިއާ ސަރުކާރުގެ ފައިނޭންސް އާއިއެކު ލޭންޑްސްކޭޕިންގ ގެ މަސައްކަތްކޮށްފައި ވީނަމަވެސް، އެކަމުން އެއްވެސް މިންވަރެއްގެ ފައިދާއެއްކޮށްފައި ނުވާކަމަށް މިތަންތަން ތަރައްޤީކުރުމަށް ޙަވާލުވެފައިވާ ފަރާތްތަކުން ބުނެފައިވެއެވެ. މިމަސައްކަތަށް 12 މިލިއަން ރުފިޔާ ކަރަދުކޮށްފައިވާއިރު، އެސަރަޙައްދުތަކުން ލޭންޑްސްކޭޕިންގ ގެ މާބޮޑު ނިޝާންތަކެއް ފެންނާކަށް ނެތެވެ.

އެ ފަރާތްތަކުން ބުނަނީ، ލޯނު ނަގައިގެން ކުރަން ބަލާއިރު ރިސްކް ބޮޑުކަމަށެވެ. މިހާތަނަށް އައިއިރު ސަރުކާރުން އެސަރަޙައްދުތަކަށް ފެނާއި، ކަރަންޓާއި، ނަރުދަމާ، އަދި މަގު ބައްތީގެ ޚިދުމަތްތައް ވެސް ފޯރުކޮށްދީފައި ނުވެއެވެ.

މަޢްލޫމާތު ލިބޭގޮތުގައި މިސަރަޙައްދުތަކަށް މި ޚިދުމަތްތައް ދިނުމަށް ފެނަކަ ކުންފުނީގައި އައްޑޫސިޓީ ކައުންސިލުން އެދިފައިވީ ނަމަވެސް، އެކުންފުނީގައި އެފަދަ ކަމެއް ކުރުމުގެ މާލީ ޤާބިލްކަމެއް ނެތެވެ. އިންޖީނުގެ މިހާރުވެސް ހިންގަމުން އަންނަނީ ފުލް ކެޕޭސިޓީގައެވެ. މަގުބައްތި އިތުރުކުރާނެހާ ޖާގަ ވެސް ބަޖެޓުން ނުލިބެއެވެ.

މައްސަލައިގެ ޙައްލު

އައްޑޫގެ ޓޫރިޒަމް ސިނާޢަތުގައި ހުރި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަށް މިހާރުން މިހާރަށް ވެސް ބައެއް ޙައްލުތައް ހޯދައިދެވިދާނެއެވެ.

އެންމެ ފުރަތަމަކަމަށް ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ޝަކުވާތައް އަޑުއަހައި، އެމީހުންނަށް ދިމާވާ މައްސަލަތަކަށް ޙައްލު ހޯދައިދޭން މަސައްކަތް ފަށަންޖެހެއެވެ.

ދެވަނަ ކަމަކަށް، އައްޑޫ ޓޫރިޒަމް އިސްތިހާރުކުރުމަށާއި މާކެޓްކުރުމަށް ސަރުކާރުގެ އިދާރާތަކުގެ އެހިތެރިކަމާއި އެއްބާރުލުން ލިބެންޖެހެއެވެ. އެމްއެމްޕީއާރުސީ އަށް އަދާކުރެވޭނެ ދައުރު މިކަމުގައި ބޮޑެވެ. މި ކުރަންޖެހެނީ އައްޑޫއަށް އެކަނި ބަލައިގެނެއް ވެއް ނޫނެވެ. ޤައުމީ ފެންވަރުގައި ގެސްޓްހައުސްތައް ޕްރޮމޯޓްކޮށްދީ ލޯކަލްޓޫރިމް މާކެޓްކުރުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރަންޖެހެއެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި، ތަރައްޤީގެ ޕްލޭންތަކަކީ ދުރު ރާސްތާއަށް އަމާޒުކުރެވިގެން، ވީހާވެސް ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާ ހިމެނި، ދިރާސާތަކުގެ މައްޗަށް ހެދޭ ޕްލޭންތަކަކަށް ހަދަން ޖެހެއެވެ.

މިކަންކަމަކީ ނުކުރެވޭވަރުގެ ކަންކަމެއް ނޫނެވެ. ފައިސާ ވެސް ޚަރަދުކުރަން ޖެހެނީ މިކަންކަމަށެވެ. މީއީ ބްރިޖް އެޅުމަށް ވުރެ މުހިއްމުކަންކަމެވެ. މިކަންކަން ނުކޮށް ދެން އިތުރު އެއްކަމެއް ވެސް ނުކުރެވޭނެއެވެ.

ޓެގްސް: އައްޑޫގެ ޓޫރިޒަމް ލޯކަލް ޓޫރިޒަމް ގެސްޓްހައުސް އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.