ގިނަ ޢަދަދެއްގެ ވެބްސައިޓްތަކަށް ރާއްޖެއިން ސީދާ ނުވަދެވޭގޮތް ހަދާފައިވާއިރު، މިވެބްސައިޓްތަކަށް ދެން ވަދެވޭނީ ވީޕީއެން މެދުވެރިކޮށް

ހަބަރު

އިންޓަނެޓް ސެންސާކޮށް ބައެއް ޓީވީ ޗެނަލްތަކާއި ކޮންޓެންޓް ބްލޮކްކުރުން - އެނބުރި 2005 އަށް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 ޑިސެންބަރު 2023 , އާދީއްތަ 10:01   411

ރާއްޖޭގައި އިންޓަނެޓް ސެންސާކުރަން ސަރުކާރުން ފަށައިފާވަކަން އިޢްލާންކޮށްފައިވާއިރު ގިނަ ޢަދަދެއްގެ ޕޯންވެބްސައިޓްތައް ހިމެނެއެވެ. މީގެ އިތުރުން ވެސް ސަރުކާރުން އަންނަނީ ބައެއް ޓީވީ ޗެނެލްތައް ބްލޮކްކުރަން ވެސް މަޝްވަރާކުރަމުންކަމަށް އަޑުފެތުރިފައިވެއެވެ.

މިކަމުގެ ސީދާ މަޢްލޫމާތުތައް ސަރުކާރުން ޢާއްމުކޮށްފައިނުވެއެވެ. އަދި ބްލޮކްކުރަމުންދާ ވެބްސައިޓްތަކުގެ ތަފްޞީލްތައް ވެސް އެއްވެސް ތަނަކުން އެނގޭކަށް ނެތެވެ.

ޤާނޫނުގައިވާ ގޮތުން އޮރިޔާން ކާޑު ރާއްޖެ އެތެރެކޮށް ގެންގުޅުމަކީ ޤާނޫނީ ކުށެކެވެ. މީގެ ކުރިން، ރައީސް މައުމޫނުގެ ވެރިކަމުގައި އެތައް ބަޔަކަށް އެ ކުށުގައި އަދަބު ލިބިފައިވެއެވެ. ހަމަ އެހެންމެ އަޚްލާޤީ އަދި އިޖްތިމާޢީ މިންގަނޑުތަކަށް ނުފެތޭކަމަށްބުނެ ގިނަ އޮންލައިން ނޫސްތައް މަޖައްލާތައް ވެސް ބްލޮކްކޮށް، ބައެއް ނޫސްވެރިންނާއި ސިޔާސީ މީހުންގެ ބޮލުގައި އޮރިޔާންކާޑު ގެންގުޅުމުގެ ދަޢުވާއެޅުވިއެވެ.

އޭގެ ފަހުން އައި ސަރުކާރުތަކުން ވަނީ އެޤާނޫނަކީ ޒަމާނަށް ނުފެތޭ ބޯދާ ޤާނޫނެއް ކަމަށް ބަލައި އެއަށް ޢަމަލުކުރުން ހުއްޓާލާފައެވެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ޢަމަލު ނުކުރާ ޤާނޫނުތައް ހެދިފައިހުރެއެވެ.

މިސާލަކަށް ސޯޝަލްމީޑިއާ، ފޭސްބުކް ޓްވިޓާ ފަދަތަންތާ ދީނާއި ޚިލާފު ވާހަކަތަކާއި، އެހެން ދީންތަކުގެ ވާހަކަތައް ޕްރޮމޯޓްކޮށްފައި ހުންނަ ވީޑިއޯތައް މަދުހެއްޔެވެ؟ އަދި ޕޯން ޒާތުގެ ވީޑިއޯތައް ޓިކްޓޮކްގައި މަދުހެއްޔެވެ؟ އެހެންނޭ ކިޔާފައި ފޭސްބުކް އާއި ޓްވިޓާ ރާއްޖެއިން ބްލޮކްކުރަންވީ ހެއްޔެވެ؟ ޚުދު ރާއްޖޭގައި މިނިސްޓަރުންގެ ތެރެއިން އެންމެ ގިނައިން މިވަޞީލަތްތައް ބޭނުންކުރަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރެވެ.

ކޮންމެ އެއްޗެއްވެސް އެމީހަކު ހިތުހުރިގޮތަކަށް ބޭނުންކުރެވިދާނެއެވެ.

އެއްވެސް ޤައުމަކުން އިންޓަނެޓަށް އެކީ އެއްކޮށް ނުވަދެވޭގޮތަށް ނެހެދެއެވެ. ކިތައްމެ ބައިވަރު ވެބްސައިޓެއް ބްލޮކްކުރިނަމަވެސް، ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) ސޮފްޓްވެއާއެއް އަޅާލާއިރަށް އެހެން ކޮންމެވެސް ޤައުމެއްގެ ނަމުގައި މާބޮޑަށް ވެސް ރައްކާތެރިކަމާއިއެކު ބޭނުން ސައިޓަކަށް އެއްވެސް ހުރަހަކާއިނުލައި ވަދެވެއެވެ.

ދިވެހިންގެ އަޚްލާޤިއްޔަތު ރަނގަޅުކުރަން ކުރަންވީކަންކަން ގިނައެވެ. އެންމެ ފުރަތަމަ އިޞްލާޙްވާންޖެހޭ މީހުންނަކީ ސިޔާސީ މީހުންނެވެ. ނަމޫނާ ބަޔަކަަށް ވާންޖެހޭ ބަޔަކީ އެއީއެވެ. ދިވެހިރާއްޖޭގެ ސްކޫލްތަކުން ނިކުންނަ ދަވިރަކުންގެ ކިބައިގައި ސުލޫކެއް އަޚްލާޤެއް ނެތީ ސްކޫލްތަކުން އުނގަންނައިދޭންޖެހޭ މުހިއްމުބައިތައް އުނގަންނައި ނުދޭތީއެވެ.

ޖުމްލަކޮށް 'އޮރިޔާން ކާޑު' ގެ ޤާނޫނުން ޕޯންވެބްސައިޓްތައް ބްލޮކްކުރުމުން އެކަމާއި އުފާކުރާ ދިވެހިން ގިނައެވެ. އެކަމަކު މަދު ނަމަވެސް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވެސް ސަރުކާރަށް އަމާޒުވެފައިވެއެވެ.

ސަރުކާރުން އިންޓަނެޓް ސެންސާރކުރުމުގެ އިތުރުން ބައެއް ޓީވީ ޗެނެލްތައް ބްލޮކްކޮށް، ބައެއް ޗެނެލްތަކުގެ ކޮންޓެންޓްތައް މޮޑަރޭޓްކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބުނެ ސޯޝަލްމީޑިއާގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނާގޮތުގައި، ޕޯންވެބްސައިޓްތައް ބްލޮކްކުރުމުގެ ކުރިން ރާއްޖެއަށް މަސްތުވާތަކެއްޗާއި ރާ، އަދި އޫރުމަސް އެތެރެކުރުން ހުއްޓާލަންޖެހެއެވެ. އެމީހުން ބުނާގޮތުން އެއީ ވަލިއްޔުލްއަމްރަށް އިންނަ މީހަކު ރުހިގެން އިންނަން ހެޔޮވާވަރުގެކަމެއް ނޫނެވެ!

---

[މިއީ އެކްސްޕްރެސް ނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ލިޔުމެކެވެ. މިލިޔުމުގައި ހިމެނެނީ ކިޔުންތެރިޔާގެ އަމިއްލަ ޒާތީ ޚިޔާލެވެ.]

ޓެގްސް: އިންޓަނެޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.