ހޯމް މިނިސްޓަރ ޢަލީ އިޙުސާން، ފަހަތުގައި އެޓާނީ ޖެނެރަލް އުޝާމް ރައީސް އޮފީހުގައި ފުރަތަމަ ކެބިނެޓް ބައްދަލުވުމަށްފަހު

ހަބަރު

70 އަހަރު ފަހުން އަނެއްކާވެސް މަރުގެ ޙުކުމް ތަންފީޒުކުރަން ސަރުކާރުން ތައްޔާރުވަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 20 ޑިސެންބަރު 2023 , ބުދަ 16:47   578

މަރުގެ ޙުކުމް ތަންފީޒުކުރަން ތައްޔާރުވަމުން އަންނަކަމަށް ސަރުކާރުން އިޢްލާންކޮށްފިއެވެ.

މިކަން އިއްލާންކުރައްވަމުން ހޯމް މިނިސްޓަރ ޢަލީ އިހުސާން ވިދާޅުވީ މި ސަރުކާރަކީ މަރުގެ ޙުކުމް ތަންފީޒުކުރަން ވަޢްދުވެފައިވާ ސަރުކާރެއްކަމަށާއި އެހެންކަމުން އެކަން ތަންފީޒުކުރައްވާނެކަމަށެވެ.

އިތުރަށް ވިދާޅުވީ އެމަސައްކަތްކުރައްވާނީ ޤާނޫނުތަކުގެ ތެރެއިން ބަލަންޖެހޭކަންކަން ބެލުމަށްފަހުކަމަށެވެ.

"ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރާނަން،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މަރުގެ ޙުކުމް ތަންފީޒުކުރަންޖެހިފައިވާ ހަތަރު މީހަކު މިވަޤުތުވެސް ބަންދުގައި ބައިތިއްބާފައިވާއިރު، އޭގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޑރ. އަފްރާޝީމް އަވަހާރަކޮލި ހުސެން ހުމާމު ވެސް ހިމެނެއެވެ. ދެން އެ މަރްޙަލާގައި ތިބީ މުހައްމަދު ނަބީލް އާއި 2012 ވަނަ އަހަރު މަޝްހޫރު ޤާނޫނީ ވަކީލު ކެރެޓް ނަޖީބު އަނިޔާވެރިގޮތަކަސް އަވަހާރަކޮށްލި އަހުމަދު މުއްރަތާއި މުހައްމަދު ޝައިފަން އެވެ.

މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ކުރިން ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާރު ފުރިހަމަވެ ސާފުވާންޖެހޭކަމަށް މަސްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ. މިނިވަން ޖުޑިޝަރީއެއް އޮންނަންޖެހެއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަނުން ސިޔާސީ ފަރާތްތައް އެއްކައިރިކުރުމަކީ ވެސް މިސަރުކާރުގެ ވަޢުދެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް، އޭރު ހޯމް މިނިސްޓަރ ޢުމަރު ނަސީރުގެ ބެއްލެވުމުގެ ދަށުން، މަރުގެ އަދަބު ތަންފީޒުކުރަން ގަވާއިދެއް ހެދުނެވެ. އަދި ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން މަޝްވަރާތައް ކުރެވުނެވެ. ނަމަވެސް އެކަން ތަންފީޒުކުރެއްވޭ ގޮތް އޭރު ނުވިއެވެ.

މީގެ 70 އަހަރު ކުރިން ދެވުނު މަރުގެ އަދަބު

ރާއްޖޭގައި މަރުގެ ޙުކުމް އެންމެ ފަހުން ތަންފީޒުކޮށްފައިވަނީ މީގެ 70 އަހަރުކުރިން، 1953 ވަނަ އަހަރު ސިހުރުގެ މައްސަލައެއްގައި ޙަކީމް ދީދީގެ މައްޗަށެވެ.

ޙަކީމު ދީދީގެ މައްޗަށް ހުކުމް ކުރެއްވީ ދަޢުވާ އުފުލި ދުވަހުގެ މެންދުރުފަހު 2 ޖެހި އިރު އެވެ. ޙުކުމް ތަންފީޒުކުރީ ޙުކުމް ކުރެއްވި ދުވަހުގެ ހަވީރު 3:30 ގަ އެވެ. ދައުލަތުގެ އެންމެ އިސް ވެރިޔާ މުޙައްމަދު އަމީނާއި އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ފަހުމީ އާއި އަދިވެސް އިތުރު އެހެން ބޭފުޅުންގެ ޙާޟިރުގަ އެވެ. ދަޢުވާ އުފުއްލެވީ ވެސް ޚުދު މުޙައްމަދު އަމީން ކަމުގައި ބުނެވެއެވެ.

ޙަކީމު ދީދީގެ މައްޗަށް ކުރި އެއް ދަޢުވާއަކީ ވިހަ ގަދަ ހިކައެއް ލައިގެން ސައިކުރައެއް ކައްކައި އޭގައި ސައި ހަދާފައި އަތޮޅުވެރިޔާ ވީރު ޢަލި ދީދީ އަށް ބޯންދީ މަރާލިކަމުގެ ދަޢުވާ އެވެ. ޙަކީމު ދީދީ އަކީ ވިހަ ހިކަ ލައިގެން ސައިކުރާ ކައްކައިދޭނެ ގޮތް ބުނެދިން މީހާ އެވެ.

ޓެގްސް: ޢަލީ އިހުސާން ދާޚިލީ ވުޒާރާ މަރުގެ ޙުކުމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.