ބަލީގެ އަލާމާތްތަކުގެތެރޭގައި ގައިގެއެކިތަންތަން ދުޅަވުން ހިމެނޭ، ބަނގްލަދޭޝް އިން ވަނީ މިއަހަރުގެ މޭއި މަހު ފައިލޭރިއާ ނައްތާލާފައިވާކަން އިޢްލާންކޮށްފައި

ހަބަރު

ކުޅުދުއްފުށި، ޖުމްލަ 25 ބަނގްލަދޭޝް މީހަކަށް މަދިރިން ފެތުރޭ ފައިލޭރިއާ ބަލިޖެހިފާވާކަން ހާމަވެއްޖެ

އަލީ އަޒްޔަން - ހދ | 21 ޑިސެންބަރު 2023 , ބުރާސްފަތި 12:40   955

ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާ ބަލީގެ އިތުރު ކޭސްތަކެއް ފެނި، ޖުމްލަ ޢަދަދު 25 އަށް އަރާފައިވާކަމަށް، ނޭޝަނަލް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ހުރިހާ ކޭސްތައް ވެސް ފެނިފައިވަނީ ކުޅުދުއްފުއްޓަށެވެ. ބަލިޖެހިފައިވަނީ މުޅިންވެސް ބަނގްލާދޭޝްގެ ރައްޔިތުންނަށެވެ.

މިބަލީގެ އެންމެ ޢާއްމު ޢަލާމާތަކީ ފައި ދުޅަވުމެވެ.

ފުރަތަމަ މިބަލީގެ ކޭސްތައް ފެނުނީ މިމަހުގެ ކުރީކޮޅު ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތު މީހުން ސްކްރީންކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެފަހަރު ފެނުނީ 17 މީހެކެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ކުޅުދުއްފުށިން ސްކްރީން ކުރެވިފައިވަނީ ޖުމްލަ 434 މީހެއްކަމަށެވެ.

މިއީ، ޢާއްމުގޮތެއްގައި މަދިރީގެ ޒަރީޢާއިން ޖެހޭ ބައްޔެކެވެ. ރާއްޖެ ވެސް އަދި ބަނގްލަދޭޝް އަކީ ވެސް މީގެކުރިން މިބައްޔަށް އެންޑެމިކް [ހަލުވިކަމަކާއިއެކު ފެތުރެމުން ދިޔަ] ދެ ޤައުމެވެ. ނަމަވެސް ދެ ޤައުމުން ވެސް ވަނީ މިބަލި ނައްތާލާފައިވާކަން މީގެ ކުރިން އިޢްލާންކޮށްފައެވެ. ބަނގްލާދޭޝްއިން ފައިލޭރިއާ ފެތުރުން ހުއްޓުވާފައިވާކަން އިޢްލާންކޮށްފައިވަނީ، ޑަބްލިއެޗްއޯގެ އެހީތެރިކަމާއިއެކު މިއަހަރުގެ މޭއި މަހުގައެވެ.

އެޗްޕީއޭ އިން އަންނަނީ މިހާރު އެސަރަހައްދުގެ އެހެން ހިސާބުތައް ހިމެނޭގޮތަށް ހުރިހާ ބިދޭސީން ސްކްރީންކުރުމުގެ މަސައްކަތްކުރަމުންނެވެ.

މިހާތަނަށް އެއްވެސް ދިވެއްސަކު ބައްޔަށް ޕޮޒިޓިވް ވެފައިނުވެއެވެ.

ޓެގްސް: ބަނގްލަދޭޝް ބަލިމަޑުކަން ބޭރު މަސައްކަތު މީހުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.