ބްޮލޮކްކޮށްފައިވާ ވެބްސައިޓެއް، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

ހަބަރު

ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބްލޮކްކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 22 ޑިސެންބަރު 2023 , ހުކުރު 14:57   368

ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ރޭ ސަރުކާރުން ބްލޮކްކޮށްފިއެވެ.

ބްލޮކްކޮށްފައިވާ ދެ ވެބްސައިޓަކީ kurusee.com އާއި dhiyavaru.com އެވެ. މި ދެ ވެބްސައިޓުން ވެސް ވަނީ ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑުކިޔައި ބައެއް ކަންކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހުރި ކަމެއް ބުނެ، ނޫހެއް ގޮތަށް ލިޔުންތައް ޝާއިއުކޮށްފައެވެ. އޭގެތެރޭގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު އާއި ގުޅޭ ގިނަ ލިޔުންތައް ހިމެނެއެވެ.

ރާއްޖޭގައި ޕަބްލިޝްކުރާ ނޫސް މަޖައްލާތަކާއި ނޫސް މީޑިއާތަކުގެ ކޮންޓެންޓް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮންނަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގައެވެ. މީޑިއާ ދަފްތަރުތައް ބަލަހައްޓަމުން އައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތަށް މުވާޞަލާތީ ކުންފުނިތަކަށް އެންގުމުގެ ބާރު ލިބިދީފައި އޮންނަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން (ކޭމް) އަށެވެ. އެތަން މި ސަރުކާރު އައުމާއި ހަމައަށް މިނިމަންކަމާއިއެކު ހިންގަމުން އައި ނަމަވެސް، މިވަގުތު އޮތީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓްރީ، އަދި ސަރުކާރުގެ އެހެން އިދާރާއެއްވެސް ވެސް ބަހެއް މިހާތަނަށް ލިބިފައި ނުވެއެވެ.

ނަމަވެސް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ދެ ވެބްސައިޓަކީ ރަޖިސްޓްރީނުކޮށް ހިންގަމުންދާ ދެވެބްސައިޓްކަމަށާއި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާއަކަށް މި ސަރުކާރުން ހުރަސް ނާޅުއްވާނެކަމަށެވެ. އަދި ތަންމިންނަށް ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮންނާނެކަމަށެވެ.

ޝާހީބު މިހެން ވިދާޅުވިނަމަވެސް އިދިކޮޅު މައި ދެ ޕާޓީ އިން ވެސް ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިދިކޮޅު ޑިމޮކްރެޓުން ބަޔާނެއް ނެރެފައިވާއިރު، އިދިކޮޅު އަދި ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ ގެ ރައީސް ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ބްލޮކް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މިއީ އަނިޔާވެރިކަމަށް ހުޅެވެމުންދާ ދޮރުތަށް ކަމަށެވެ. އަދި އަނިޔާވެރިކަން ނުފެތުރި އޮތް ހަމައެކަނި ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ސަރުކާރުގެ އަތުގައި ނެތުން ކަމަށެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަމެއްގެ މުލުގައިވާ ބާރު. އެހެންކަމުން މި ބާރު ނުވަތަ މި ހައްގު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް މި ޕާރޓީން އިލްތިމާސްކުރަން" ޑިމޮކްރެޓްސްގެ ބަޔާނުގައވެއެވެ.

ވީޕީއެން ސޮޕްޓްވެއާރ

ރާއްޖޭގައި ވެބްސައިޓްތައް ބޮލޮކްކުރިނަމަވެސް ފަސޭހަކަމާއި އެކު ވީޕީއެން ސޮޓްވެއަރ މެދުވެރިކޮށް މިސައިޓްތަކަށް ވަދެވެއެވެ. ނަން މަޝްހޫރު ވީޕީއެންތަކުގެ ތެރޭގައި ނޯޑްވީޕީއެން، އެކްސްޕްރެސްވީޕީއެން، އަދި ކެސްޕާސްކީ ވީޕީއެން ހިމެނެއެވެ. މީގެ ގިނަ ސޮފްޓްވެއާތަކަށް އަހަރަކު ދައްކަންޖެހެނީ އެންމެ 30-40 ޑޮލަރެވެ. ޖުމްލަ 5 ޑިވައިސްއެއްގައި، ފޯނާއި ކޮމްޕިއުޓަރު ހިމެނޭގޮތަށް ބޭނުންކުރެވެއެވެ.

ޓެގްސް: ސޮފްޓްވެއާރ ޕްރައިވެސީ މީޑިއާގެ މިނިވަންކަން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.