މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ 5 ބޭފޫޅުން ރޭ ޕީއެސްއެމް އިން ބޭއްވި ބަހުސްގައި ބައިވެރިވެވަޑައިގަތުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން

ހަބަރު

މާލޭ މޭޔަރަށް ވޯޓުލުން ހޮނިހިރު ދުވަހު: ކުރިއާއި ޚިލާފަށް، ކެންޑިޑޭޓުންގެ އެޖެންޑާގައި ބޯހިޔާވަހިކަމާއި މަގުތައް، އަދި ކުށްމަދުކުރުން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 ޖެނުއަރީ 2024 , އާދީއްތަ 11:19   862

ހުސްވެފައިވާ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު އޮންނާނެކަމަށް އިލެކްޝަންސް ކަމިޝަކުން ބުނެފައިވާއިރު، ކެންޑިޑޭޓުން އަންނަނީ ފޯރިއާއިއެކު ކެމްޕޭންކުރަމުންނެވެ.

މި ފަހަރުގެ އިންތިޚާބުގައި ޖުމްލަ 5 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

ކެންޑިޑޭޓުން

ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވަނީ ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ އައިޝަތު އާޒިމާ ޝަކޫރުއެވެ. އިދިކޮޅު އެމްޑީޕީ އިން ނިކުންނަވަނީ އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ޑިމޮކްރެޓުންގެ ފަރާތުން ނިކުންނަވަނީ ޤައުމީ ސިޔާސަތުތައް އެކުލަވާލުމުގެ ދާއިރާއިން މަތީ ތަޢްލީމް ޙާޞިލްކުރައްވާފައިވާ ސައިފް ފާތިޙް އެވެ. އަދި މި އިންތިޚާބުގައި ރައީސް ޔާމީން އަށް ތާޢީދުކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވަނީ ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް ހުސެން ވަޙީދުއެވެ.

ކެންޑިޑޭޓުންގެ ތެރެއިން

ކެންޑިޑޭޓުންގެ މެނިފެސްޓޯތަކަށް ބަލާއިރު ކުރިއާއި ވަރަށް ތަފާތެެވެ. މީގެކުރިން ހުރިހާ ސަރުކާރުތަކެއްގައި ވެސް ކައުންސިލްތައް މަސައްކަތްކުރަމުން އައީ މުނިސިޕަލް ޚިދުމަތްދޭ ފަރާތްތަކުގެ ގޮތުގައެވެ. ސަރުކާރުގެ މައި ސިޔާސަތުތައް ކަނޑައެޅުމާއި ޢުމްރާނީ ތަރައްޤީގައި ބައިވެރިވުން ފެނިފައިވަނި ކުޑަކޮށެވެ.

މިފަހަރު މިބަލާލަނީ ރޭހުގެ އެންމެ ކުރީގައި އުޅުއްވާކަމަށް ބެލެވޭ 3 ކެންޑިޑޭޓުންނަށެވެ.

އާޒިމާ ޝުކޫރު: އާޒިމާ އަކީ ޤާނޫނީ ގޮތުން ފުންނާބު އުސް އަދި އެރޮނގުން މަޤްބޫލް ފަރާތެކެވެ. ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާއިރު، މައިގަނޑު ގޮތެއްގައި ވަކާލާތުކުރައްވަނީ ބޯހިޔާވަހިކަމަށް ބިން ދިނުމުގެ އިތުރުން ގެދޮރު ހަދައިދިނުމަށާއި ކުށުގެ ވެށިން ޒުވާނުން ސަލާމަތް ކުރުމަށެވެ. މިގޮތުން އާޒިމާ ވިދާޅުވީ އެކަން ކުރެއްވޭނީ ރަނގަޅަށް ޤާނޫނުތައް ދަންނަ ފަރާތަކަށް ކަމަށެވެ. އާޒިމާގެ މައްޗަށް މަދަނީ ދަޢުވާއެއްގެ ޙުކުމް އިއްވާފައިވާއިރު، އޭނާ ވިދާޅުވީ އެއީ ސިޔާސީގޮތުން ޒާތީވެފައިވާ މައްސަލައެއްކަމަށާއި އެމައްސަލަ އިސްތިޢުނާފްކުރެއްވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. ބައެއް ފަރާތްތަކުން ތުޙުމަތު ކުރައްވާގޮތުގައި އާޒިމާ އަކީ އަސްލު ރައީސް ޔާމީން އަށް ވަފާތެރި ބޭފުޅެކެވެ. އާޒިމާ މިކަމަށް ކޮމެންޓްކުރައްވާފައި ނުވެއެވެ.

އާދަމް އާޒިމް: އާދަމް އާޒިމް އަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢްލީމް ޙާސިމްކުރައްވައި އެސްޓީއޯ އާއި އެމްޓީސީސީގައި ގިނަ އަހަރުތަކެއް ވަންދެން މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ފަރާތެކެވެ. އާޒިމަކީ އެމްއެންޕީ އުފައްދަވައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކާނަލް މުޙައްމަދު ނާޒިމްގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ. އާޒިމާ ތުހުމަތު ކުރައްވާގޮތުން އާޒިމް އަކީ ގިނަ ކޮރަޕްޝަންގެ މައްސަތަކެއް އޭސީސީއަށް ހުށަހެޅިފައިވާ މީހެކެވެ. ނަމަވެސް އާޒިމް ވިދާޅުވީ ރަށްރަށުގެ ނަރުދަމާ ނިޒާމުން ފެށިގެން ފެންހިންދާ ނިޒާމުތައް ވެސް ރަނގަޅަ ދަންނަކަމަށާއި މާލެގެ މައްސަލަތައް ޙައްލުކުރައް އުނދަނޫ ނުވާނެކަމަށާއި 30 އަހަރުގެ ތަޖުރިބާ އެބަހުރިކަމަށެވެ. އާދަމް އާޒިމްގެ އެޖެންޑާގައި ވެސް ބޯހިޔާވަހިކަން ހިމެނެއެވެ. ބައެއް ފަރާތްތަކު ތުޙުމަތުކުރައްވާ ގޮތުގައި ސަރުކާރުގެ ދެވަނަ އޮޕްޝަނަކީ އާޒިމެވެ. އަދި އާޒިމް ވިދާޅުވަނީ ހޮވިވަޑައިގެންފިނަމަ ސަރުކާރަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރައްވާނެ ކަމަށެވެ.

ސައިފް ފާތިޙް: ސައިފް އަކީ ރައީސް ނަޝީދު އަށް ތަޢީދުކުރައްވާ ޑިމޮކްރެޓިކް ވިސްނުމުގެ ޑިމޮކްރެޓެކެވެ. އެހެން ކެންޑިޑޭޓުންނާއި އަޅާ ބަލާއިރު ސައިފް އަކީ ހަމައެކަނި ޒުވާނާއެވެ. ބައެއް ފަރާތްތަކުން އެއީ ގޮންޖެހުމެއްކަމަށް ދެކެ ވަޑައިގަންނަވާއިރު، ސައިފް ދެކެވަޑައިގަންނަވަނީ އެއީ ފުރުޞަތެއްގެ ގޮތުގައެވެ. އެއީ ހުރިހާ އުމުރެގެ މީހުންނާއިވެސް ގުޅޭނެ މީހަކަށް ވާތީއެވެ. އޭނާ ތަޢްލީމް ޙާޞިލްކުރެއްވީ ޕަބްލިކް ޕޮލިސީގެ ދާއިރާއިންއެވެ. އޭނާގެ ވަޢުދަކީ ދިރިއުޅެން ކަމުދާނެ ސިޓީއަކަށް މާލެ ސިޓީހެދުމެވެ.

---

ކޮންމެއަކަސް މިއިންތިޚާބަކީ ސަރުކާރަށް ވެސް އެހާމެ މުހިއްމު އިންތިޚާބެއްކަމަށް ވާއިރު، އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރު ވެސް ކުޑައެއް ނޫނެވެ. މިއީ މިސަރުކާރު ވެރިކަމަށް އައުމަށްފަހު ކުރެވިގެންދާނެ އެންމެ ބޮޑު އިމްތިޙާންކަމަަށް ވެސް ގިނަ ފަރާތްތަކުން ދެކެއެވެ. އެއީ މިސަރުކާރަށް އޮތް މާލޭ ރައްޔިތުންގެ ތާޢީދާއި އިތުބާރުގެ މިންވަރު ވަޒަންވެގެންދާނެތީއެވެ.

ލޯކަލް ކައުސިލް އިންތިޚާބުތަކަކީ ޢާއްމުގޮތެއްގައި ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބާއި އަޅައި ބަލާއިރު ރައްޔިތުންގެ މެދުގައި ފޯރިކުޑަ އިންތިޚާބެކެވެ. ނަމަވެސް ހޮނިހިރު ދުވަހު އޮންނަ މާލޭގެ މޭޔަރުގެ އިންތީޚާބަށް ކުރީގެ އިންތިޚާބުތަކަށްވުރެ ގިނަ މީހުން ނިކުތުމަކީ އެކަށީގެންވާކަމެކެވެ.

ޓެގްސް: މާލެ ސިޓީކައުންސިލް ދަ ޑިމޮކްރެޓްސް އެމްޑީޕީ ޕީއެންސީ ޕީޕީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.